ރާއްޖޭގެ ގައުމީ ޓީމުން އިޓަލީގެ ސްޓައިލް ކޮންމެވެސް ވަރަކަށް ފެންނާނެ ކަމަށާއި، މުޅި ޓީމު އެކުގައި ކުރަމުން ގެންދާ މަސައްކަތަކީ ދިވެހި ރައްޔިތުން ފަހުރުވެރި ކޮށްދޭން ކުރަމުން އަންނަ ބުރަ މަސައްކަތެއް ކަމަށް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.
މޮރިއޭރޯ އެހެން ބުނެފައިވަނީ އޭޝިއަން ކަޕްގެ ކޮލިފިކޭޝަން އެންމެ ފަހު މެޗުތަކުގެ ތެރެއިން، ރާއްޖެއިން ތައިލެންޑާ ދެކޮޅަށް މާދަމާ ކުޅޭ މެޗުގެ ޕްރި މެޗު ޕްރެސްގައި ވާހަކަދައްކަމުންނެވެ. އުޒްބަކިސްތާނުގައި މިއަދު ނޫސްވެރިންނާ ވާހަކަދައްކަމުން ކޯޗު މޮރިއޭރޯ ވަނީ މާދަމާގެ މެޗަށް ރާއްޖޭގެ ގައުމީ ޓީމުން ވެފައިވާ ތައްޔާރީތަކަށް ވާހަކަދައްކައިފައެވެ.
އޭޝިއަން ކަޕަށް ފުރަތަމަ ފަހަރަށް ކޮލިފައިވުމަށް ރާއްޖެއަށް މިފަހަރު ލިބޭނެ އެންމެ ފަހު ފުރުސަތުގައި ކުޅެވޭ ގުރޫޕް ސްޓޭޖުގައި ހިމެނެނީ ރާއްޖެއާއި ސްރީ ލަންކާ، އުޒްބެކިސްތާން އަދި ތައިލެންޑެވެ. ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހަވީރު، ރާއްޖެ ގަޑިން 5:00 ގައި ނުކުންނާނީ ތައިލެންޑާ ދެކޮޅަށެވެ. މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ އުޒްބެކިސްތާނުގައެވެ.
"މެޗަށް އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. އަހަރެމެންނަށް އެނގޭ ތައިލެންޑަކީ ވަރަށް ވަރުގަދަ ޓީމެއްކަން. ރަނގަޅު ނަތީޖާތައްވެސް ނެރެފައި ހުރީ އެންމެ ފަހުން ކުޅުނު މެޗުތަކުގައިވެސް. އެހެންވިޔަސް ރާއްޖޭގެ ޓީމުން 100 ޕަސެންޓް ދޭނެކަން ޔަގީން. ދިވެހި ކުޅުންތެރިންނަކީ ފަހުރުވެރި ޓީމެއް. ޗެލެންޖިން މެޗުތަކެއް ކުޅެން ބޭނުންވާ ޓީމެއް،" ކޯޗު މޮރިއޭރޯ މިއަދު ބުންޏެވެ.
ކޯޗު މިއަދުވެސް ބުނީ ކުޅުންތެރިންނަށް އަބަދުވެސް ވިސްނައިދެމުން ދަނީ މެޗުގައި އިދިކޮޅަށް ނުކުންނަ ޓީމު ވަރުގަދަ ނަމަވެސް، ކުޅޭނީ 11 ކުޅުންތެރިންނާއި 11 ކުޅުންތެރިން ވާދަކޮށް ކަމަށެވެ. އެގޮތުން ރަނގަޅު މެޗެއް ކުޅޭނަމަ އެއްވެސް މިސްޓޭކެއް ނުހަދައި މެޗުގައި ކުޅުން މުހިންމު ކަމަށްވެސް ކޯޗު މޮރިއޭރޯ ބުންޏެވެ.
މޮރިއޭރޯ ބުނީ އުޒްބަކިސްތާނަށް ގޮސް، ދިވެހި ޓީމު އޮތީ ޗުއްޓީގައި ނޫން ކަމަށާއި ގައުމު ފަހުރުވެރި ކޮށްދޭން ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ.
"އަހަރެމެން މި ތިބީ ޗުއްޓީގައެއް ނޫން. މިހިސާބަށް އައީ މުޅި ދިވެހި ރާއްޖެ ރަމްޒު ކޮށްދޭން. ރާއްޖޭގެ ރައްޔިތުން ގައުމީ ޓީމާ މެދު ފަހުރުވެރިވާނެ ނަތީޖާއެއް ހޯދަން ބުރަކޮށް މަސައްކަތް ކުރާނަން،" މޮރިއޭރޯ ބުންޏެވެ.
ގައުމީ ޓީމާއެކު މޮރިއޭރޯ ފުރަތަމަ ދިޔަ މުބާރާތަކީ މިދިޔަ އަހަރު ނޮވެމްބަރު މަހު، ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕެވެ. އެ މުބާރާތް ރާއްޖެ ނިންމާލީ މޮރިއޭރޯގެ ކޯޗުކަމުގައި މޮޅެއް ނުލިބިއެވެ. ލަންކާ އާއި ސީޝެލްސްއާ އެއްވަރުވި އިރު، ބަންގުލަދޭޝް އަތުން ވީ ބައްޔެވެ. އެކަމަކު، މިދިޔަ މާޗް މަހު ގަލޮޅު ދަނޑުގައި މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭން ވަނީ 2-0 އިން ބަންގުލަދޭޝް ބަލިކޮށްފައެވެ.
ކުރިން އިޓަލީ ގައުމީ ޓީމާއި އިޓަލީގެ ވަރުގަދަ ކްލަބުތައް ކަމަށްވާ އިންޓަ މިލާން އަދި ރޯމާ ފަދަ ކްލަބުތަކަށްވެސް ކުޅުނު މޮރިއޭރޯ މިއަދު ބުނީ ޓީމުން އިޓަލީގެ ސްޓައިލް މިހާރުވެސް ކޮންމެވެސް ވަރަކަށް ފެންނާނެ ކަމަށާއި، އެ ބަދަލުތައް މަޑުމަޑުން އަންނަމުންދާ ކަމަށެވެ. ސީދާ އިޓަލީގެ ކުޅުމަށް ޓީމު ނުހޭނޭނެ ކަމަށް ފާހަގަކޮށް މޮރިއޭރޯ ބުނީ ޓީމުން ފެންނާނީ ކޮންމެވެސް ވަރަކަށް އިޓަލީގެ "ފުޓުބޯޅަ ކަލްޗާ" ކަމަށެވެ. އެއީ ކޯޗަކީ އިޓަލީ ކޯޗަކަށްވުން ކަމަށެވެ.
"އަހަރެންގެ ފުޓުބޯޅަ ކަލްޗާއަކީ ޔޫރަޕްގެ، އިޓަލީގެ ފުޓުބޯޅަ ކަލްޗާއެއް. އަހަރެންނަށް އޮތް އެންމެ ބޮޑު ފައިދާއަކީ އަހަރެން ގެންނަ ބަދަލަށް ހޭނޭ ޓީމެއް އޮތުން. އަހަރެންގެ މަސައްކަތަށް ވަގުތު ބޭނުންވާނެ. އިޓަލީން ރާއްޖެ އައިސް ކޯޗުކަން ކޮށްދޭ އިރު، ފެންނާނެ ކަލްޗާގެ ތަފާތުކަން ރާއްޖެއާއި އިޓަލީގެ. އިޓަލީގެ ފުޓުބޯޅައަކީ ޓެކްޓިކަލް ފުޓުބޯޅައެއް. ބައެއް ފަހަރު އެއީ ސްޓްރެސް މެންޓާލިޓީއެއްގެ ފުޓުބޯޅައެއް. އިޓަލީގެ ފުޓުބޯޅައަކީ ޔޫރަޕްގެވެސް އެންމެ އުނދަގޫ ފުޓުބޯޅަ ކަންނޭނގެ. އެކަމަކުވެސް ރާއްޖޭގެ ފުޓުބޯޅައަށް އާ ކަންތައްތަކެއް ގެންނަން ޕްލޭނަކާއެކު މި މަސައްކަތް ކުރަނީ. އެންމެފަހުން ދިވެހި ގައުމީ ޓީމުން ކުޅުނު މެޗުގައިވެސް ކުޅުންތެރިންގެ ޝައުގުވެރިކަން، ސަޕޯޓަރުންގެ ޝައުގުވެރިކަން ފެންނާނެ. އެހެންވީމަ ޔަގީނުންވެސް ރާއްޖޭ ޓީމުން، މާދަމާގެ މެޗުގައިވެސް އިޓަލީގެ ކަންކަން ފެންނާނެ،" ރާއްޖޭގެ ޓީމުން ކުޅޭނެ ސްޓައިލުގެ ކުޅުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން މޮރިއޭރޯ ބުންޏެވެ.
ކޯޗު މޮރިއޭރޯ ތައިލެންޑާ ގުޅޭގޮތުން ފާހަގަކުރީ އެއީ އެޓޭކިން ވަރުގަދަ ޓީމެއްގެ ގޮތަށެވެ. ހާއްސަކޮށް ތައިލެންޑަކީ އަވަސް ކުޅުމެއް ކުޅޭ ޓީމެއް ކަމަށް ކޯޗު މޮރިއޭރޯ ފާހަގަކުރި އިރު، އޭނާ ބުނީ އެ ކުޅުން ހުއްޓުވަން އެގްރެސިވް ކުޅުމެއް ދިވެހި ޓީމުގެ ފަރާތުން ފެންނަން ބޭނުންވާ ކަމަށެވެ.
"ކޯޗުގެ މަސައްކަތަކީ އިދިކޮޅު ޓީމުގެ ޓެކްޓިކަލް ކަންކަމާ ކުޅުމުގެ ސްޓައިލްވެސް ބަލައި އެނަލައިޒް ކުރުން. އެކަން ކުރަމުން ގެންދާތާ ދެ މަސްވަރު ވެއްޖެ. މި ކޮލިފިކޭޝަނަށް ތައްޔާރުވަމުން މިދަނީ ބުރަ މަސައްކަތާއެކު. އެ ތައްޔާރީތަކާއެކު ފުޓުބޯޅަ ކުޅެން ޖެހޭނީ ހިތާއި ރޫހުން. އެގޮތަށް ކުޅެގެން ކާމިޔާބުވާނީ. އުންމީދަކީ އަހަރެންގެ ކުޅުންތެރިންގެ ފަރާތުން އެ ހިތްވަރު ފެނުން،" މޮރިއޭރޯ ބުންޏެވެ.
އޭޝިއަން ކަޕްގެ ކޮލިފައިން ފަހު ބުރުގައި ހަ ގްރޫޕުގެ އެއްވަނަ ޓީމާއި ހަ ގްރޫޕުގެ ދެވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖާގަ ލިބޭނެއެވެ. މިހާރު އޮތްގޮތުން އޭޝިއަން ކަޕް ކުރިއަށްދާނީ 2023 ވަނަ އަހަރުގެ ޖޫން 16 އިން ޖުލައި 16 ގެ ނިޔަަލަށެވެ.
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު