ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ތަހުގީގުކުރުމަށްފަހު، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާ ފަނޑިޔާރުން، ވަކިކުރަން މަޖިލީހުން ފާސްކުރާ ހިސާބުން، އެ ބޭފުޅުންގެ ވަކީލުކަމުގެ ހުއްދަ ބާތިލުކުރަންޖެހޭ ގޮތަށް ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ގާނޫނީ ފަންނުގެ ގާނޫނަށް މި އިސްލާހު ގެންނަން ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހުސައިންއެވެ.

މި އިސްލާހު ގެންނަންޖެހޭ ސަބަބެއްގެ ގޮތުގައި ބިލުގައި ބުނެފައިވަނީ، ފަނޑިޔާރުންގެ ގާނޫނުގެ ދަށުން ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ އަމަލެއް ފަނޑިޔާރަކު ކޮށްގެން ފަނޑިޔާރު މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާ ހާލަތުގައި އެ ފަނޑިޔާރެއްގެ ގާނޫނީ ވަކީލުކަމުގެ ހުއްދާއާމެދު އަމަލުކުރެވޭނެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުން ކަމަށެވެ.

އެ ބިލުގައި ބުނެފައިވަނީ ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވައިގެން މަޖިލީހުން އެގޮތަށް ފާސްކޮށްފި ނަމަ، ފަނޑިޔާރުގެ އަމަލަކީ ވަކީލުކަމުގެ ސުލޫކާވެސް ހިލާފު ކަމެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށެވެ. އެ ހިސާބުން އެ ފަނޑިޔާރެއްގެ ވަކީލުކަމުގެ ހުއްދަ ބާތިލުވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތަށް ވަކީލުކަމުގެ ހުއްދަ ބާތިލުވާ ފަރާތްތަަކަށް ރާއްޖޭގައި ވަކީލުކަން ކުރުމަށް، ވަކީލުކަމުގެ ހުއްދަ އަލުން ހޯދޭނީ ފަސް އަހަރު ފަހުން ކަމަށްވެސް ބުނެފައިވެއެވެ.

ފަނޑިޔާރަކު ކޮށްގެން ނުވާނެ ކަމެއް ފަނޑިޔާރެއްގެ މައްޗަށް ސާބިތުވާ ކަމަށް ޖޭއެސްސީން ކަނޑައަޅައި މަޖިލީހަށް ފޮނުވުމަށްފަހު މަޖިލީހުން ގޮތެއް ނިންމުމުގެ ކުރިއަށް ފަނޑިޔާރުކަމުން އިސްތިއުފާ ދިނަސް އެ އުސޫލު އެ މީހެއްގެ މައްޗަށް ހިނގާނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ފަނޑިޔާރުކަމުން ވަކިކުރަން ފޮނުވާ މައްސަލައިގައި ހިމެނޭ އަމަލަކީ ފަނޑިޔާރުންނާއި މުޅި ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭވަރުގެ އަމަލެއް ކަމުގައި ކަނޑައަޅާނީ ޖޭއެސްސީން އެކުލަވާލެވޭ ގަވާއިދަކުން ކަމަށްވެސް ބިލުގައި ބުނެއެވެ.