އިއްޔެ މީރުމާ އިވެންޓްސްގައި ބޭއްވި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އަހަރީ އާންމު ޖަލްސާގައި އެ އިދާރާއަށް ލަފާކުރާ ބަޖެޓުގެ ގޮތުގައި 8.6 މިލިއަން ރުފިޔާގެ ދަރަނި ބަޖެޓެއް ފާސްކޮށްފިއެވެ.
މާލީ ގޮތުން އުނދަގޫ ހާލަތެއްގައި ހިންގަމުން އަންނަ އެފްއޭއެމްގެ މިއަހަރުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 88.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިއަހަރު އެފްއޭއެމްއަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 80.4 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ ސްޕޮންސަރުންގެ އަތުންނެވެ. ސްޕޮންސަރުންގެ އަތުން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 43.7 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން ފީފާއިން ލިބޭނެ އާމްދަނީގެ ގޮތުގައި ބަޖެޓުގައި ހިމަނާފައި ވަނީ 24.3 ރުފިޔާއެވެ. އޭއެފްސީން 6.2 މިލިއަން ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވާ އިރު، ސަރުކާރުން އެފްއޭއެމަށް ދޭނެކަމަށް ބެލެވެނީ 3.7 މިލިއަން ރުފިޔާއެވެ.
އެފްއޭއެމަށް 80.4 މިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވިފައިވާ އިރު، ހަރަދުގެ ގޮތުގައި 88.9 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ބަޖެޓުކޮށްފައެވެ. އެންމެ ބޮޑު ހަރަދެއް ހިނގާނެކަމަށް ބެލެވެނީ އެފްއޭއެމްގެ ޓުވާޑްސް ފިއުޗާ ޕްރޮގްރާމަށެވެ. އެގޮތުން އެ ޕްރޮގްރާމަށް އެކަނި 29.3 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެފްއޭއެމުން ހިންގާ މުބާރާތްތަކާއި، ގައުމީ ޓީމުގެ އެކި ހަރަދުތަކަށް 22.1 މިލިއަން ރުފިޔާ ހޭދަވާނެކަމަށް ބެލެވެއެވެ.
އިއްޔެގެ ކޮންގްރެސްއަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ނިމިގެން ދިޔައީ ކޮވިޑް 19ގެ ސަބަބުން ދަތިތަކެއް ކުރިމަތިވި އަހަރެއް ކަމަށާއި، އެހެން ނަމަވެސް ކްލަބުތަކަށްވެސް ފޯރުކޮށްދޭން ޖެހޭ ފައިސާގެ އެހީތެރިކަމުގެވެސް 95 ވަރަކަށް ޕަސެންޓް ފޯރުކޮށްދެވުނު ކަމަށެވެ.
"ނިމިގެން މިދިޔައީ ދަތި އުނދަގޫ އަހަރެއް. 2021 ވެގެން ދިޔައީ ކޮވިޑާ ގުޅިގެން ވަރަށް އުނދަގޫ ކަންތައްތަކެއް ދިމާވި. ހާއްސަކޮށް މުބާރާތްތައް ނުބޭއްވި ނިންމާލަން ޖެހުމަކީ ސްޕޮންސާޝިޕްތައް އިތުރަށް ހޯދަންވެސް އުނދަގޫތަކަކާ ދިމާވި އަހަރެއް. އެހެން ނަމަވެސް ކްލަބުތަކަށް އަޅުގަނޑުމެންގެ ފަރާތުން ދޭން ޖެހޭ ފައިނޭންޝިއަލް އެސިސްޓެންސްގެ 95 ވަރަކަށް ޕަސެންޓް ދެވިފައިވާނެ،" ބައްސާމް ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ މިދިޔަ އަހަރު މާލީގޮތުން ދަތިވި ނަމަވެސް، މުވައްޒަފުންގެ މުސާރަތައް ކުޑަކޮށް، ކްލަބުތަކަށް ދޭން ޖެހޭ ފައިސާވެސް މަދު ނުކުރީ އެފްއޭއެމްގެ ފައިނޭންޝިއަލް ކެޕޭސިޓީ ހުރުމާއެކުގައި ކަމަށެވެ. އެގޮތަށް އޭރު ފިޔަވަޅުތަކެއް އެޅިނަމަ، ފައިސާގެ ހަރަދު ކުޑަވި ނަމަވެސް، ކުޅުންތެރިންތަކެއް މަގުމަތިވެ ހާލަތު ގޯސްކޮށް ކަންކަން ދިޔައީސް ކަމަށް ބައްސާމް ފާހަގަކުރެއްވިއެވެ.
"އޭރު އެފްއޭ ސަލާމަތްކުރާށޭ ކިޔާފައި މުސާރަތައް އުނިކޮށް، ފައިސާގެ ގޮތުން ފިޔަވަޅުތަކެއް އެޅިނަމަ ގިނަ ބަޔަކަށް ދަތިތަކާ ދިމާވީސް. އެކަމަކު އޭރު އެކަން ނުކުރީމަ ތަންކޮޅެއް ފައިސާގެ ގޮތުން ދަތި ހާލަތެއްގައި މިއަދު މިއޮތީ. އެހެން ނަމަވެސް އިރާދަކުރެއްވިއްޔާ މިއަދުގެ ކޮންގްރެސް ނިމި، އުންމީދުގައި މިއޮތީ އަންނަ ހަފުތާއިން ފެށިގެން އެފްއޭ ވަރަށް ފައިނޭންޝިއަލް ވަރުގަދަ ތަނަކަށް ވާނެކަން. ދަރަނީގެ ބޮޑު ބައެއްވެސް މިހާރު ދައްކާ ނިމިފައި ވަނީ. ހަމަ އެހެން ޖޫން މަހު ތެރޭގައި ދެން ހުރި ދަރަނިތައްވެސް ދައްކައި ނިންމައިލެވޭ ވަރުވާނެ،" ބައްސާމް ފާހަގަކުރެއްވިއެވެ.
ފުޓުބޯޅައިގެ ޑިވަލޮޕްމަންޓަށް ސީދާ ކުރަން ޖެހޭ ކަމެއް ނޫން ކަމެއް މިއަހަރު ނުކުރަން ނިންމާފައިވާ ކަމަށްވެސް އިއްޔެ ބައްސާމް ފާހަގަކުރެއްވިއެވެ. އެގޮތަށް ބަލައި، ފާސްކުރި ދަރަނި ބަޖެޓް އަރަނި ކުރެވޭނެ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް
އެފްއޭއެމް