ޚަބަރު

އާގިލްގެ މަރު: ޗިޓު ފޮނުވައިގެން ސިއްރު ހެކިން ހާޒިރުކޮށްދޭން ދައުލަތުން އެދިއްޖެ

އަލީ ޔާމިން

އޮގަސްޓު 31، 2018 ގައި ވަޅިން ހަމަލާދީ މަރާލި އިބްރާހީމް އާގިލްގެ މަރުގެ މައްސަލައިގައި، ޗިޓް ފޮނުވައިގެން ސިއްރު ހެކީން ހާޒިރުކޮށްދޭން ދައުލަތުން އެދިއްޖެއެެވެ.

އާގިލުގެ މަރުގެ މައްސަލައިގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރަނީ ލ. ފޮނަދޫ/ ހިޔާ، ހަމްދޫން ހަމްޒަތާއި ސ. ހިތަދޫ/ ސްވޭހުހީނާގޭ، އަލީ މިޖުވާދު މާލިކް އިބްރާހިމްގެ މައްޗަށެވެ. އަދި އެހީތެރިވިކަމުގެ ދައުވާ ހއ. ދިއްދޫ/ ސްނޯބޯޑް، އިބްރާހިމް ވިޝާމްގެ މައްޗަށް ކުރެއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ، މައްސަލައިގައި ދައުލަތަށް ސިއްރު ހެކި އަދިވެސް ހާޒިރު ކުރެވިފައިނުވާކަން ފާހަގަކުރައްވައިފައެވެ.

އެކަމާ ގުޅިގެން ވާހަކަދެއްކުމަށް ދައުލަތަށް ދިން ފުރުސަތުގައި ދައުލަތުގެ ވަކީލް ވިދާޅުވީ، ހެކިބަސް ނުނެގި މިހާރު ވަނީ ސިއްރު ތިން ހެކިންގެ ކަމަށެވެ. އެ މީހުންނަކީ އެ މައްސަލައިގައި ދައުވާކުރާ އެންމެންނާވެސް ގުޅޭ ހެކިން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ދައުލަތުގެ ވަކީލް އެދުނީ، އެ ތިން ސިއްރު ހެކިން ކޯޓަށް ހާޒިރުވެ ހެކިބަސް ދިނުމުގެ ޗިޓެއް ފޮނުވައިދެއްވުމަށެވެ.

އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، ޗިޓު ފޮނުވައިގެން ސިއްރު ހެކީން ކޯޓަށް ހާޒިރުކުރާ ނަމަ ސިއްރުކަން ގެއްލޭނެ ކަމަށެވެ. އަދި އެގޮތަށް ޗިޓު ފޮނުވައިގެން ސިއްރު ހެކީން ހާޒިރުކުރުމުގައި އެ މީހުންގެ ސިއްރުކަން ގެއްލުމަކީ ދައުލަތުން ޝަރީއަތަށް އަމާޒުކޮށް އެއްޗެއް ބުނެވޭނެ ކަމެއް ނޫން ކަމުގައިވެސް ވިދާޅުވިއެވެ.

ގާޒީ އަލީ އާދަމް ވިދާޅުވީ، ދައުލަތުން އެދިއްޖެ ނަމަ އެފަދަ ޗިޓެއް ފޮނުވިދާނެ ކަމަށެވެ. އަދި ސިއްރު ހެކީން ނުފެންނަ ގޮތަށް އެމީހުންގެ އަޑު ބަދަލުނުކޮށް ހެކި ބަސް ނެގިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މައްސަލައިގައި ހިމެނޭ ވިޝާންގެ ފަރާތުން އޭނާގެ ވަކީލް ވަނީ ވިޝާންގެ ހެކިބަސް ނެގުމުގެ އަޑުއެހުން ވަކިން ކުރިއަށް ގެންދިއުމަށް އެދިފައެވެ. ދައުލަތުންވެސް އެދުނީ އެގޮތަށެވެ. ނަމަވެސް ވިޝާންގެ ބަންދަށް ލުޔެއް ދިނުމަށް ޝަރީއަތުގައި އޭނާގެ ވަކީލު އެދުމުން ދައުލަތުން ވަނީ ވިޝާން ބަންދުން ދޫކޮށްލައިފި ނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީވެސް ނިންމެވީ، ބަންދަށް ލުޔެއް ނުދެއްވުމަށެވެ. އަދި އެ މައްސަލައަކީ ގިނަ ދުވަސްވީ މައްސަލައެއްކަން ފާހަގަކުރައްވައި ގާޒީ ވިދާޅުވީ، މަސައްކަތް ކުރަނީ އެ މަސައްކަތް އަވަހަށް ނިންމުމަށް ކަމަށެވެ.

އާގިލްގެ މަރުގެ މައްސަލައިގައި ތުހުމަތުވާ ހަމްދޫނާއި މިޖުވާދުގެ ވަކީލް ވަނީ އެ މައްސަލައިން ތަނާޒުލްވެފައެވެ. މިއަދުގެ އަޑުއެހުން ޝަރީއަތުން ނިންމަވާލެއްވީ، އަމިއްލައަށް ވަކީލަކު އައްޔަނުކުރުމަށް އެ ދެމީހުންނަށް ދިހަ ދުވަހުގެ މުއްދަތެއް ދިނުމަށް ފަހުއެވެ.

ވަޅިން ހަމަލާދީ އާގިލު މަރާލާފައިވަނީ މާލެ އަތޮޅު ރަށެއްގައި އުޅުމަށްފަހު އެނބުރި މާލެ އައިސް ލޯންޗުން ފޭބި ވަގުތު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކައިރިންނެވެ. އާގިލަށް ފަރުވާދިނުމަށް ގެންދިޔަ އޭޑީކޭ ހޮސްޕިޓަލުން އޭރު ބުނެފައިވާ ގޮތުގައި އެ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.

އާގިލް މަރާލާފައިވަނީ ސިލްސިލާކޮށް އެ ދުވަސްވަރު މާލޭގައި ހިންގި މާރާމާރީތަކަކާއި ގުޅިގެން ބަދަލުހިފުމަށް ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.