ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އާދަމް ޝަރީފު އިއްޔެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ރަސޫލާއަށް ފުރައްސާރަ ކުރުމާގުޅޭ މައްސަލައެއް ނޫންކަމަށް ކަމަށާއި އެ މައްސަލަ ބޭރުކޮށްލީ ރަސޫލާގެ ނަންފުޅު ބޭންކޮށްގެން ސިޔާސީފައިދާ ހޯދިޔަ ނުދޭންވެގެން ކަމަށް އެމްޑީޕީން ބުނެފިއެވެ.
އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާއަށް، ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރި ކުރުމަށް ގޮވާލައި ޝަރީފު އިއްޔެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޝަރީފް ވިދާޅުވީ، އިންޑިއާގެ ޓީވީ ޗެނަލަކުން ބޭއްވި ބަހުސެއްގައި އެ ގައުމުގެ ވެރިކަންކުރާ ޕާޓީގެ ތަރުޖަމާނު ކީރިތި ގުރުއާނާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ އިންޑިއާގެ މުސްލިމުންނާއި، އިސްލާމީ ބޮޑެތި ގައުމުތަކާއި އެ ގައުމުތަކުގެ ވެރިންނާއި އާއްމުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އިހުތިޖާޖުކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެކި ގައުމުތަކުގައި ތިއްބަވާ އިންޑިއާގެ ސަފީރުން އެ ގައުމުތަކުގެ ހާރިޖިއްޔާއަށް ހާޒިރުކޮށް ސަރުކާރުތަކުން އެމައްސަލަ ކުށްވެރިކޮށް، އަދި ބައެއް ގައުމުތަކުން ސޯޝަލް މީޑިއާގައި އިންޑިޔާއާ ދެކޮޅަށް ފިޔަވަޅު އެކުމަށް ގޮވާލަމުން އަންނައިރު، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވެފައި، ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުޖުގެ ގާނޫނުގައިވާގޮތުގެ މަތިން ދިވެހި ރައްޔިތުން ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމަކީ ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މަޖިލިސް ޖަލްސާގައި އެ މައްސަލައަށް ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި، އެކަމަށް ފެނަން ކަމަށް ވޯޓު ދެއްވީ ޖަލްސާގައި ތިއްބެވި 49 މެންބަރުންގެ ތެރެއިން އެންމެ 10 މެންބަރުންނެވެ. ބަހުސް ކުރަން ނުފެންނަ ކަމަށް 33 ވޯޓު ދެއްވިއެވެ. ފާސްކުރަން ބޭނުންވަނީ 22 ވޯޓެވެ.
އެ މައްސަލަ ބޭރުކުރުމުން ގިނަ ބައެއްގެ ފާޑު ކިޔުން އެމްޑީޕީއަށާއި އެ މައްސަލަ ބޭރުކޮށްލަން ވޯޓުދިން މެންބަރުންނަށް އަންނަނީ އަމާޒުވަމުންނެވެ.
އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޝަރީފު ހުށަހެޅުއްވީ ރަސޫލާއަށް ފުރައްސާރަ ކުރުމާގުޅޭ މައްސަލައެއް ނޫން ކަމަށެވެ. އެމްޑީޕީން ބުނީ، މިހާރު މިއޮތް ސަރުކާރަކީ އިސްލާމް ދީނުގެ ދިފާއުގައި ފާޅުގައި އަޑުއުފުލަމުން އަންނަ ސަރުކާރެއް ކަމަށެވެ. އަދި އިންޑިއާގެ ވެރިކަންކުރާ ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އިސްތަރުޖަމާނު ރަސޫލާއަށް ފުރައްސާރަކުރި މައްސަލައިގައި އެކަން ކުށްވެރިކޮށް ބަޔާން ނެރޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްޑީޕީން ބުނީ އާދަމް ޝަރީފު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލަން ޖެހުނީ ދީނީ ކަންކަން ބޭނުންކޮށްގެން ސިޔާސީ ފައިދާ ހޯދިޔަ ނުދިނުމަށް ކަމަށެވެ.
"އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން އެގޮތަށް އަމަލުކުރަން ނިންމީ އިދިކޮޅު ފަރާތްތަކުން އިސްލާމްދީނާއި ކީރިތި ރަސޫލާގެ ނަންފުޅު ބޭނުން ކުރައްވައިގެން ސިޔާސީ ޑްރާމާއެއް ކުޅުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފުރުސަތު ދިނުމަކީ އެންމެ ރަނގަޅު ގޮތެއް ކަމުގައި ނުފެންނާތީއެވެ." އެމްޑީޕީން ބުންޏެވެ.
އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަމަލު ކަމަށާއި، އިސްލާމްދީނާއި ކީރިތި ރަސޫލާގެ ދިފާއުގައި ސަރުކާރެކޭ އެއްފަދައިން އެމްޑީޕީގެ ޕާލިލެމެންޓްރީ ގްރޫޕުން ވެސް މަސައްކަތްކުރާނެ ކަމަށް އެމްޑީޕީން ބުންޏެވެ.
ރަސޫލާއަށް ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުންނާއި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުން ކުށްވެރިކޮށްފައެވެ. ބީޖޭޕީގެ އިސް ތަރުޖަމާނު ނުޕުރު ޝަރުމާ، ރަސޫލާގެ ކައިވެނިފުޅާ ގުޅޭގޮތުން ދޮގު ވާހަކަތައް ދައްކައި، އެކަލޭގެފާނުގެ ޝަހުސިއްޔަތަށް ބަދުބަސް ބުނެ ތައުހީނުކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް އެމްޑީޕީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އެ ވާހަކަތަކަކީ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށް އެޕާޓީން ދެކޭ ކަމަށެވެ.
ބީޖޭޕީ ފަދަ، ހުރިހާ ދީންތަކަކަށް އިހުތިރާމުކުރާ ޕާޓީއެއްގެ އިސް ފަރާތަކުން މިފަދަ ނާތަހުޒީބީ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ވާހަކަތައް ދެއްކި ފަރާތްތަކަށް މިހާރު ފިޔަވަޅު އަޅާފައިވާކަމީ އެމްޑީޕީން ތަރުހީބުދޭ ކަމެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ބީޖޭޕީގެ އިސް ތަރުޖަމާނު ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ އިތުރުން މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަދި ޕީޕީއެމުން ވެސް ވަނީ ކުށްވެރިކޮށްފައެވެ. އޭގެ އިތުރުން ދިވެހި ސަރުކާރުން ވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ.
އެކަން ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމްދީނުގެ ހަގީގީ ތަބީއަތާއި އުނގަންނައިދިނުންތައް ފުނޑުފުނޑުކޮށްލުމަށް ކުރާ ހުރިހާ ކަމެއް ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ބީޖޭޕީން ވަނީ އެޕާޓީގެ އިސްތަރުޖަމާނު ނުޕުރު ޝަރުމާ އާއި ޕާޓީގެ މީޑިއާ އިންޗާޖުގެ ގޮތުގައި ހުންނެވި ނަވީން ކުމާރު ޕާޓީގެ މަގާމުތަކުން ސަސްޕެންޑުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު