ރާއްޖޭގެ ތާރީހު ދުށް އެންމެ ކާމިޔާބު އެއް ކްލަބު، ވިކްޓްރީ ސްޕޯޓްސް ކްލަބު އަލުން ފުޓުބޯޅައަށް ނެރުމަށް، އެ ކްލަބުގެ ސަސްޕެންޝަން މިއަދު އެފްއޭއެމް ކޮންގްރެސްއިން އުވާލައިފިއެވެ.

އެފްއޭއެމުން 2019 ވަނަ އަހަރު ވިކްޓްރީ ސަސްޕެންޑް ކުރީ 2019/2020 ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލަ އާއި ކުޅުންތެރިންނާއި ކޯޗުންނަށް ދޭންޖެހޭ މުސާރަ ނުލިބިގެން އެ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ އާއި ކްލަބް ލައިސަންސްއާ ގުޅޭ ގޮތުން ހަމަކުރަން ޖެހޭ ލިޔެކިޔުންތައް ހަމަކޮށްފައިނުވާތީ، އެފްއޭއެމުން ތަކުރާރުކޮށް ދިން އިންޒާރާ އެއްގޮތަށް އަމަލުނުކުރުމުންނެވެ.

އެ މައްސަލަ ވިކްޓްރީއަށް ކުރިމަތިވީ އެފްއޭއެމްގެ ލީޑާޝިޕް ބަދަލުކުރުމަށް އެ ކްލަބުން އިސްވެ މަސައްކަތް ކުރުމުން ކަމަށް ކްލަބުން ވަނީ ތުހުމަތުވެސްކޮށްފައެވެ.

އެ މައްސަލަތަކުން އަރައިގަނެ ޓީމު އަލުން ކޮޅަށް ޖެހުމަށް މިދިޔަ މަހުގެ ތެރޭގައި ވިކްޓްރީން އާ ބޯޑެއް އެކުލަވާލައި، ދަރަނި އަދާކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. އެ ބޯޑުގެ ޗެއާމަނަކަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ހުސެއިން އާދަމް (އާދަމްބެ) އިންތިހާބު ކޮށްފައިވާ އިރު، ވިކްޓްރީން އަލުން ފުޓުބޯޅައަށް ވަނުމަށް މަސައްކަތް ކުރީ ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެހީތެރިކަމާވެސް އެކުގައެވެ.

އެ މަސައްކަތުގެ ތެރެއިން ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ ދަރަނި އަދާކުރަން މިހާރު ވިކްޓްރީން އެފްއޭއެމްއަށް ފައިސާ ހަވާލުކޮށްފައިވުމާއެކު، މިއަދު މީރުމާ އިވެންޓްސްގައި ބޭއްވި ކޮންގްރެސްގައި ކްލަބުތަކުގެ މެޖޯރިޓީން ނިންމީ ވިކްޓްރީގެ ސަސްޕެންޝަން އުވާލަން ފެންނަ ކަމަށެވެ.

ވިކްޓްރީގެ ސަސްޕެންޝަން އުވާލާފައިވާ އިރު، އެ ކްލަބުން ދަނީ ދެވަނަ ޑިވިޝަނުގައި ވާދަކުރަން ތައްޔާރުވެސް ވަމުންނެވެ. އެގޮތުން ކްލަބުގެ ކޯޗަކަށް ސްރީލަންކާގެ ޕަކީރު އަލީ ގެނެސް، ރަނގަޅު ސްކޮޑެއް އެކުލަވާލައި މިހާރު ވަނީ ތަމްރީނުތައްވެސް ފަށައިފައެވެ.

މިދިޔަ ދެ އަހަރު، އެފްއޭއެމްގެ ކޮންގްރެސްގައި ކްލަބްތަކުން ވަނީ ނިއު ރޭޑިއަންޓާއި ވިކްޓަރީގެ ސަސްޕެންޝަން ދަމަހައްޓައިފައެވެ. އެކަމަކު، މިއަދު އެފްއޭއެމުން ކްލަބްތަކުގެ ތާއީދާ އެކު ނިންމީ ވިކްޓަރީން އެ ކްލަބްގެ ދަރަނިތައް ދައްކާފައިވާތީ، އެ ކްލަބްގެ ސަސްޕެންޝަން އުވާލުމަށެވެ. އަދި ނިއު ރޭޑިއަންޓުން އެ ކްލަބްގެ ދަރަނި ދެއްކިހާ އަވަހަށް އެފްއޭއެމްގެ އެކްސްކޯ އިން އެ ކްލަބްގެ ސަސްޕެންޝަން އުވާލާ ގޮތަށް ވެސް މިއަދު ވަނީ ނިންމައިފައެވެ.

މިއަދުގެ ކޮންގްރެސްގައި ކްލަބްތަކުގެ ވޯޓުން ނިންމީ، ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން އުވާލުމުގެ ބާރު އެކްސްކޯ އަށް ދިނުމަށެވެ. އެއީ ނިއު ރޭޑިއަންޓުން ދައްކަންޖެހޭ ދަރަނިތައް ދައްކައި ނިމުމުންނެވެ. އެހެންކަމުން ނިއުއިން ދަރަނި އަދާކޮށްފި ނަމަ، ދެން ސަސްޕެންޝަން އުވާލަން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވާކަށް ނުޖެހޭނެއެވެ. ދެން އެކްސޯގެ ނިންމުމަކާއެކު ނިއުއަށްވެސް އަނބުރާ ފުޅުބޯޅައަށް ނުކުތުމުގެ ފުރުސަތު އޮންނާނެއެވެ.

ވިކްޓްރީއެކޭ އެއްގޮތަށް ނިއުއިންވެސް މަސައްކަތް ކުރަމުން ދަނީ ކްލަބުން ފީފާ އާއި އެފްއޭއެމް މެދުވެރިވެ ކުޅުންތެރިންނަށް ދައްކަން ޖެހޭ މުސާރަތައް ދެއްކުމަށެވެ. އެ މަސައްކަތަށް މިހާރު ވަނީ އާ ބޯޑެއްވެސް އެކުލަވާލައިފައެވެ. އެ ބޯޑުގެ ޗެއާމަނަކީ އަހުމަދު ވާސިފެވެ. ނިއުގެ އާ ބޯޑުންވެސް ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކޮށްފައިވާ އިރު، އެ ކްލަބުންވެސް ބުނެފައި ވަނީ އަލުން އަނބުރާ ފުޓުބޯޅައަށް ނުކުތުމުގެ މަސައްކަތް ކުރަމުންދަނީ ރައީސްގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.

ނިއުއިން މިހާރު ދަނީ ކްލަބުން ފީފާ މެދުވެރިކޮށް ދައްކަން ޖެހޭ ފައިސާ ދައްކަން މަސައްކަތް ކުރަމުންނެވެ. އެކަން ނިއުއިން ފައިސާ ދޭން ޖެހޭ ބައެއް ކުޅުންތެރިންގެ ފަރާތުން ވަނީ އެނގިފައެވެ.