ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ވަރުގެ އަމަލެއްކޮށްފިނަމަ ގާނޫނީ ވަކީލުކަންކުރުމުގެ ހުއްދަ ބާތިލުކުރަން ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން، "ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު" އަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ފަނޑިޔާރުކަމުގެ މަގާމުގައި ހުރި ބޭފުޅަކު ކުރި އަމަލަކީ، އޭގެ ސަބަބުން ފަނޑިޔާރުކަމުގެ މަގާމުގެ އަދި ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭފަދަ ބޮޑު އަމަލެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅައިފިނަމަ، އެ ފަނޑިޔާރެއްގެ ވަކީލުކަން ކުރުމުގެ ހުއްދަ ވަކި މުއްދަތަކަށް ހިފަހައްޓަން ވާނެ ކަމަށެވެ.

އޭގެ އިތުރުން އެފަދަ އަމަލެއް ދެވަނަ ފަހަރަށް ކޮށްފިކަން ސާބިތުވެއްޖެނަމަ ވަކީލުކަން ކުރުމުގެ ހުއްދަ ބާތިލުކުރަން ޖެހޭނެ ކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ. ނަމަވެސް ކުދި މައްސަލައާ ހެދި ވަކީލުކަމުން ވަކިކޮށް ވަކީލުކަން ކުރުމުގެ ހުއްދަ ބާތިލުކޮށްފައިވާނަމަ، އެ މަގާމުން ވަކިކުރި ތާރީހުން ފެށިގެން ފަސް އަހަރު ދުވަސް ފާއިތުވުމަށްފަހު ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދައަށް އަލުން ހުށަހެޅިދާނެ ކަމަށް އިސްލާހުގައިވެއެވެ.

އިކްރާމް ވިދާޅުވީ، އެގޮތަށް "ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު" އަށް އިސްލާހު ގެނައުމުގެ މަގުސަދަކީ، ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ އަމަލެއް ފަނޑިޔާރަކު ކޮށްގެން، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީން ނިންމާ ހާލަތުގައި، އެ ފަނޑިޔާރެއްގެ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދައާ މެދު އަމަލުކުރެވޭނެ އުސޫލުތައް ގާނޫނުގައި ބަޔާންކުރުން ކަމަށެވެ.

މިހާރު ގާނޫނުގައި އޮންނަ ގޮތުންނަމަ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރިޔަސް އެ ފަނޑިޔާރަކަށް ވަކާލާތު ކުރުމުގެ ހައްގު އޮވެއެވެ.