ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަމުގައި މިދިޔަ އަހަރު ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަން، ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާ ދެކޮޅަށް ފީފާގެ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލަ، އެފްއޭއެމްއާ ދެކޮޅަށް ނިންމައިފިއެވެ.

ކޫޕްމަން ހުށަހަޅާފައިވާ މައްސަލައަކީ އޭނާއާއެކު އެފްއޭއެމުން ހެދި އެއްބަސްވުން ގަވާއިދާ ހިލާފަށް އުވާލި ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. އެފްއޭއެމުން ކޫޕްމަންގެ ކޮންޓްރެކްޓް އުވާލީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގައެވެ. ކޮންޓްރެކްޓް އުވާލީ ދެ ފަރާތް އެއްބަސްވެގެން ކަމަށް އޭރު އެފްއޭއެމުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އޭރުވެސް ކޫޕްމަން ބުނެފައިވަނީ އެއްބަސްވުން އުވާލީ ގަވާއިދާ ހިލާފަށް ކަމަށެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ ފުރަތަމަ 2020 ވަނަ އަހަރު ޖެނުއަރީ މަހު ހަވާލުވި ކޫޕްމަންއަށް ދިމާވީ ކޮވިޑް 19ގެ ހާލަތެވެ. ކޮވިޑް 19ގެ ސަބަބުން ރަސްމީ މެޗެއް ނުލިބެނީސް ފުރަތަމަ ހެދި އެއްބަސްވުން ހަމަވުމުން، އެފްއޭއެމުން ވަނީ އޭނާއަށް އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއް ދީފައެވެ. ކޫޕްމަންގެ ކޯޗުކަމުގައި ގައުމީ ފުޓްބޯޅަ ޓީމުން ކުޅުނީ ތިން މެޗެވެ.

އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ސެންޓްރަލައިޒްކޮށް ކުޅުނު ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ތިން މެޗުގައެވެ. ސެންޓްރަަލައިޒްކޮށް ދުބާއީގައި ކުރިއަށް ދިޔަ ކޮލިފައިން މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ސީރިއާއާ ވާދަކޮށް ރާއްޖެ ބަލިވީ 4-0 އިންނެވެ. އަދި ޗައިނާ އަތުން 5-0 އިން ރާއްޖެ ބަލިވި އިރު، ފަހު މެޗުގައި ވަނީ ފިލިޕީންސާ 1-1 އިން އެއްވަރުވެފައެވެ.

އެ ނަތީޖާތަކާއެކު އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ފަހު ބުރުން ރާއްޖެއަށް ފުރުސަތު ލިބުމާއެކު، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ކޫޕްމަންއަށް ފުރަތަމަ މަރުހަބާ ކީ ކަމަށް އޭނާ ހުށަހެޅި މައްސަލައިގައިވެއެވެ. އެހެން ނަމަވެސް ކުއްލިއަކަށް ކޯޗުކަމުން އޭނާ ވަކިކުރަން އެފްއޭއެމުން ނިންމީ ނަތީޖާތައް ގޯސްކަމަށް ބުނެ، މުޅި ވާހަކަ އޮޅުވާލައިގެން ކަމަށް ކޫޕްމަން ހުށަހެޅި މައްސަލައިގައި އޭނާ ބަޔާންކޮށްފައިވެއެވެ. އެގޮތުން އެފްއޭއެމުން ބުނީ ކޫޕްމަން، އެކަށީގެންވާ ގޮތެއްގައި އެއްބަސްވުމުގައި ބުނެފައިވާ ރިޕޯޓުތައް ހުށަނާޅާ ކަމަށެވެ.

އެ ކަންކަން އެފްއޭއެމުން ފާހަގަކުރި ނަމަވެސް ފީފާއިން ވިސްނި ވިސްނުމުގައި ކުއްލިއަކަށް އެއްބަސްވުން އުވާލުމުގެ ހުއްޖަތަކަށް ނަތީޖާގެ ގޯސްކަމަށް ނުބެލޭނެއެވެ. ހާއްސަކޮށް ނަތީޖާތަކަށް ބައްސާމް މަރުހަބާ ކިޔާފައި އޮވެ، އެފަދަ ގޮތަކަށް ބުނެވޭނެ ޖާގަ ނޯންނާނެ ކަމަށް ފީފާގެ ނިންމުމުގައިވެއެވެ. އަދި ކޫޕްމަން ބަރާބަރަށް ރިޕޯޓު ހުށަނާޅާ ކަމަށް ބުނެ އެފްއޭއެމުން ކުރި ތުހުމަތުގެ އެއްވެސް ހެއްކެއް ފީފާއަށް ހުށަހެޅިފައެއް ނުވެއެވެ. އެހެންކަމުން ފީފާއިން ނިންމާފައި ވަނީ ކޫޕްމަންއާއެކު އެފްއޭއެމުން ހަދާފައިވާ އެއްބަސްވުން އުވާލީ ގަވާއިދާ ހިލާފަށް ކަމަށެވެ.

އެގޮތުން ފީފާއިން ނިންމީ 45 ދުވަހުގެ ތެރޭގައި ކޮންޓްރެކްޓުގެ މުއްދަތަށް (2024 ވަނަ އަހަރުގެ ޖެނުއަރީގެ ނިޔަލަށް) ކޫޕްމަންއަށް މާލީ ބަދަލު ދޭން ޖެހޭ ގޮތަށެވެ. އެއީ މިހާ ދުވަހާ ހަމައަށް އަރާފައިވާ އިންޓަރެސްޓާވެސް އެކުގައެވެ. 45 ދުވަހުގެ ތެރޭގައި އެފްއޭއެމުން ފީފާ މެދުވެރިކޮށް ކޫޕްމަންއަށް އެ ފައިސާ ނުދައްކައިފިނަމަ އެފްއޭއެމްއަށް ޑެވަލޮޕްމަންޓް ފަންޑު ދިޔުން ހިފަހައްޓާނެ ކަމަށްވެސް ފީފާއިން އަންގާފައިވެއެވެ.

ކޫޕްމަންގެ މުސާރަ ފީފާއިން އަދި އެފްއޭއެމުންވެސް ހާމަކޮށްފައި ނުވާތީ، އެފްއޭއެމުން ކޫޕްމަންއަށް ސީދާ ދޭން ޖެހޭނެ އަދަދެއް ނޭނގެއެވެ. އެހެން ނަމަވެސް އެ އަދަދު ވެގެން ދާނީ ބޮޑު އަދަދަކަށް ކަމަށް ކުރިން އޭރުގެ އެސިސްޓެންޓް ކޯޗު ރެނޭ ހިޑިންކް މައްސަލައިގައި ފީފާއިން އެފްއޭއެމްއާ ދެކޮޅަށް ނިންމި ނިންމުމަށް ބަލައިގެން ބުނެވިދާނެއެވެ.

ކޫޕްމަންއާއެކު ރާއްޖޭގެ އެސިސްޓެންޓް ކޯޗަކަށް އޭރު މަސައްކަތް ކުރި ރެނޭ ހިޑިންކްވެސް ވަނީ އޭނާގެ އެއްބަސްވުން އުވާލި މައްސަލަ ފީފާއަށް ހުށަހަޅައި ކާމިޔާބުވެސް ކޮށްފައެވެ. ރެނޭއަށް 187،375 ޑޮލަރު (2.9 މިލިއަން ރުފިޔާ) ދޭން ފީފާގެ ޓްރައިބިއުނަލުން އެފްއޭއެމްއަށް ވަނީ އަންގައިފައެވެ. މައްސަލަ ނިންމައި ފީފާއިން އެފްއޭއެމްއަށް އެކަން އެންގީ އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ.