އުމުރުން ހަތަރު އަހަރުގެ ދަރިފުޅު މަރާލިކަމުގެ ކުށް ސާބިތުވެފައިވާ، އެ ކުއްޖާގެ މަންމަ، ށ. ފުނަދޫ/ ދިނަށަ، އާމިނަތު ޝާހިދާގެ މައްޗަށް އަދަބު ކަނޑައެޅުން ފަސްކޮށްފިއެވެ.
މި މައްސަލައަކީ 11 ފެބުރުއަރީ 2016 ވަނަ ދުވަހުގެ ރޭ ށ. ނޫމަރާގައި ހަތަރު އަހަރުގެ ކުއްޖާ ގަޔަށް ވަޅިން ހަމަލާދީ އެ ކުއްޖާގެ މަންމަ އެ ކުއްޖާ މަރާލި މައްސަލައެކެވެ. މި ހާދިސާގައި މަރާލާފައިވަނީ ޝައިހާ ކިޔާ އަންހެން ކުއްޖެކެވެ.
ފުލުހުން އެއިރު ބުނީ އެ ކުއްޖާގެ ކަރުގެ ތިން ތަނަކަށާއި ވައަތު ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށާއި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ދީފައިވާ ޒަހަމްތަކާއެކު ޖުމުލަ ދިހަ ތަނަކަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.
އެ ކުއްޖާ މަރާލާފައި އޮތީ އެގޭ އެނދުމަތީގައި ކަމަށާއި އެއިރު އެ އަންހެން މީހާގެ ހަ އަހަރުގެ އަންހެން ކުއްޖަކުވެސް އެ ކޮޓަރީގައި ނިދާފައި އޮތް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެ ހާދިސާ ހިނގިއިރު އެ ކުއްޖާގެ ބައްޕަ ހުރީ ތ. އަތޮޅުގައި ވަޑާމުގެ މަސައްކަތެއް ކުރުމަށް ގޮސްފައި ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ހަ އަހަރު ވަންދެން ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އަޑުއެހުންތަކަށްފަހު ޝާހިދާގެ މައްޗަށް އަދަބު ކަނޑައަޅާ އަޑުއެހުން ބާއްވަން ކްރިމިނަލް ކޯޓުން ތާވަލުކުރީ މިއަދު ހެނދުނު 11:00 އަށެވެ. ނަމަވެސް އިތުރު މީހެއްގެ ހެކިބަސް ނެގުމަށްޓަކައި އަދަބު ކަނޑައެޅުން ވަނީ އަންނަ ބުދަ ދުވަހަށް ފަސްކޮށްފައެވެ.
އެ ކުއްޖާގެ ވާރިސެއްގެ ގޮތުގައި ހުރީ އެންމެ މީހެކެވެ. އެއީ އެ ކުއްޖާގެ ބައްޕައެވެ. އޭނާ ކޯޓުގައި ބުނެފައިވަނީ މަރަށް މަރު އަދި މަރުގެ ދިޔަވެސް ބޭނުންނުވާ ކަމަށެވެ.
އެހެންވެ، މަރަށް މަރު ހިފުމުގެ އަދަބު ނުދެވޭނެތީ، ދައުލަތުން ކްރިމިނަލް ކޯޓުގައި އެދިފައިވަނީ ޝާހިދާ އުމުރަށް (25 އަހަރަށް) ޖަލަށް ލުމަށެވެ. އެއީ، އެނގިހުރެ މީހަކު މެރުމުގެ ކުށް ގާނޫނުގައި އޮންނަ އަސާސީ އަދަބަކީ ދިހަ އަހަރުކަމަށްވީ ނަމަވެސް ޝާހިދާގެ މައްސަލައިގައި އަދަބުގެ ދަރަޖަ މަތިވާ ހާލަތްތަކެއް ހުރުމުން އޭނާގެ އަދަބު 17 އަހަރަށް މަތިކުރެވޭނެތީއާއި އަދަބު މަތިކުރުމާއި ދަށް ކުރުމަށް ގާޒީއަށް ލިބިގެންވާ އިހުތިޔާރުގެ ދަށުން އަދަބަށް އަށް އަހަރު އިތުރުކޮށް، ޖުމުލަ 25 އަހަރުގެ ހުކުމެއް ކޮށްދިނުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު