އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރަން ގޮވާލައި އެ މަނިކުފާނުގެ ގެކޮޅާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޕީޕީއެމްގެ އޮފީސް ދޮރަށް ގެއްލުންދިން މައްސަލައިގައި ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ.
ރައީސް ޔާމީން ދިރުއުޅުއްވާ ހ. ދޫވެހި އަދި ޕީޕީއެމްގެ އޮފީސް ހުންނަ ހ. ހުރަފަގޭގެ ދޮރަށް މިދިޔަ މަހުގެ 11 ވަނަ ދުވަހުގެ ރޭ އެ މަނިކުފާނުގެ ފޮޓޯ ހިމެނޭ ކުރެހުމަށް ކަޅާއި ހުދުން ވަނީ ސްޕްރޭކޮށްފައެވެ. އެ ކުރެހުމުގައި ވަނީ "އެރެސްޓް ޔާމީން އަބްދުލްގައްޔޫމް" އިނގިރޭސި ބަހުން ޖަހައިފައެވެ.
ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށާއި ޕީޕީއެމްގެ އޮފީހަށް ސްޕްރޭކޮށް ގެއްލުންދީފައިވާ މައްސަލައާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުން 20 އަހަރުގެ ފިރިހެނަކު މިދިޔަ މަހުގެ 16 ވަނަ ދުވަހު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ކޯޓުން ދިނެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު "ވަން" އަށް މިއަދު ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު ހަމަވުމުން އޭނާ ދޫކޮށްލައިފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލަ އިތުރަށް ތަހުގީގު ކުރާ ކަމެއް އަދި މި މައްސަލަ އާއި ގުޅިގެން އޭނާ އަށް ދައުވާ ކުރުމަށް ފޮނުވާކަމެއް ނުވަތަ ނޫންކަމެއް ހާމައެއް ނުކުރި އެވެ.
ރައީސް ޔާމީންގެ ގެކޮޅަށް ސްޕްރޭކޮށް ގެއްލުން ދީފައިވާއިރު، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގެކޮޅު، ގ. ކެނެރީގޭގެ ބޭރު ފާރުގައި އިންޑިއާ އައުޓު ސްޕްރޭއިން ވަނީ ލިޔެފަ އެވެ. އަދި މި މައްސަލައިގައި މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
އޭގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ ގެކޮޅުގައިވެސް އިންޑިއާ އައުޓު ސްޕްރޭއިން ލިޔުނު މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު