އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލި މައްސަލައާ ގުޅިގެން ކުޑަ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ފުލުހުން ބުނެފި އެވެ.

އައްޑޫ ސިޓީ ފޭދޫގައި މިދިޔަ ބުދަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަހަމްތަކަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މަރުވީ، މުހައްމަދު ޒަޔާން މޫސާ، 21އ އެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފިސަރު ޝާފީ މުހައްމަދު މީގެ ކުރިން ވިދާޅުވި ގޮތުގައި ޒަޔާންގެ އަތުގެ މުލައްދަނޑިއާއި ބުރަކަށްޓައް ފުން ޒަހަމްތަކެއް ލިބިފައިވެއެވެ. އަދި އޭނާ މަރުވީ ބުރަކައްޓަށް ދިން ފުން ޒަހަމުތަކުގެ ސަބަބުން ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ރަށުތެރޭގެ އަމާން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން 18 އަހަރުގެ ދެ ފިރިހެނުންނާއި 29 އަހަރުގެ ފިރިހެނަކު ރޭގެ ވަގުުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެނގިފައިވާ ގޮތުގައި، އެޒުވާނާ މަރާލާފައިވަނީ އައްޑޫ ސިޓީ ފޭދޫ ހަރަކާތްތެރިވާ ދެ ގޭންގެއްގެ ދެމެދު ޖެހިގެން އުޅޭ މައްސަލަތަކަކާ ގުޅިގެންނެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.