ޖިނާއީބޮޑެތި ކުށްތަކުގައި ދައުވާނުކޮށް ބަންދުގައި 60 ދުވަހަށް ބެހެއްޓޭ ގޮތަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޖިނާއީ ބޮޑެތި ކުށްތަކުގެ ތެރެއިން ހާއްސަ ގާނޫނެއްގެ ދަށުން މިހާރު ދައުވާނުކޮށް ބެހެއްޓެނީ ހަމައެކަނި ޓެރަރިޒަމްގެ މައްސަލަތަކާ ގުޅޭ ކުށްތަކުގައެވެ. ޓެރަރިޒަމާ ގުޅުން ހުރި ކުށްތަކުގައި ދައުވާނުކޮށް 75 ދުވަހު ބަންދުގައި ބެހެއްޓޭނެއެވެ.
ޓެރަރިޒަމް މައްސަލަތައް ފިޔަވައި ޖިނާއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ދައުވާނުކޮށް ބަންދުގައި ބެހެއްޓޭނީ ގިނަވެގެން 45 ދުވަހެވެ.
ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު މިދިޔަ މަހު 26 ގައި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އެ އިސްލާހުގައި ބަޔާންކޮށްފައި ވަނީ ޖިނާއީ ކުށްތަކުގައި ދައުވާނުކޮށް ތުހުމަތުކުރެވޭ ފަރާތް 60 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ. މިހާރު އެ ގާނޫނު އޮތްގޮތުން ދައުވާނުކޮށް ބަންދުގައި ބެހެއްޓޭނީ 45 ދުވަހަށެވެ.
ޝިފާއު ވަނީ ދައުވާކުރުމަށް ލިބޭ މުއްދަތު ވެސް އިތުރުކުރަން އިސްލާހު ހުށަހަޅުއްވައިފައެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގައި މިހާރު އޮންނަ 10 ދުވަހުގެ މުއްދަތު 15 ދުވަހަށް އިތުރުކުރުމަށް ވަނީ ހުށަހަޅައިފައެވެ.
ޝިފާއު ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އެގޮތަށް އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ޕްލީ ބާގެއިން ނުވަތަ އިއުތިރާފު އެއްބަސްވުން ހެދޭނެ ހާލަތްތަކާއި އެކަން ކުރުމުގައި އަމަލު ކުރާނެ އިޖުރާއަތްތައް އިތުރަށް ތަފްސީލު ކުރުމާއި ގާނޫނު ތަންފީޒުކުރުމަށާއި ޖިނާއީ އަދުލުގެ ނިޒާމުގެ އިޖުރާއަތްތައް ހިންގުމުގައި ދިމާވާ ދަތިތައް ހައްލު ކުރަން ހެކިބަސްދޭ ފަރާތްތައް ހިމާޔަތްކުރުމުގެ އުސޫލު ހަރުދަނާ ކުރުން ކަމަށެވެ.
ޖިނާއީ ބޮޑު މައްސަލައެއްގައި ހެކިބަސް ދޭ މީހާ ދޭ ހެކިބަހެއްގެ ސަބަބުން އޭނާއަށް ނުކުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތެއް އޮތް ނަމަ، އެ މީހާ ހިމާޔަތްކުރުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހެޅޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކުރަން ވެސް ޝިފާއު ވަނީ ހުށަހަޅައިފައެވެ.
މިހާރު އޮންނަނީ ހެކިބަސް ދޭ ފަރާތުގެ ފުރާނައަށް ނުރައްކަލެއް އޮތްކަން ފުލުހުންނަށް ފާހަގަވެއްޖެނަމަ، ރައްކާތެރިކަން ފޯރުކޮށްދޭ ގޮތަށެވެ. ނޫނީ ހެކިބަސް ދޭ ފަރާތުން ކޯޓުގައި ރައްކާތެރިކަމަށް އެދުމުން، ރައްކާތެރިކަމުގެ އަމުރެއް ނެރެދޭ ގޮތަށެވެ.
އަލަށް ހުށަހެޅި އިސްލާހުގައިވާ ގޮތުން ހެކިބަސް ދޭ ފަރާތަށް ދައުލަތް ނުވަތަ ޕީޖީ އޮފީސް މެދުވެރިކޮށް ވެސް ރައްކާތެރިކަމުގެ އަމުރަށް އެދެވޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު