ޚަބަރު

ދަރަނި ނަގަމުންގޮސް ގައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް ގޮސްފި: އަލީ ހުސައިން

އަލީ ޔާމިން

ދަރަނި ނަގަމުން ގޮސް ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަތުން ދޫވާ ހިސާބަށް ގޮސްފައިވާ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސަައިން ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ ދަރަނީ ވަނީ 100 ބިލިއަން ރުފިޔާއާ ގާތްކޮށްފައެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހާ ހަމައަށް ރާއްޖޭގެ ދަރަނީގެ ހާލަތު ހުރި ގޮތުގެ ރިޕޯޓުން ދައްކާ ގޮތުން ސަރުކާރުގެ ދަރަންޏާއި ސަރުކާރުން ޒިންމާ ނަގާ ގޮތަށް އެކި ފަރާތްތަކުން ނަގާފައިވާ ދަރަނީގެ އަދަދު ޖުމުލަ 98.9 ބިލިއަން ރުފިޔާއަށް އަރައެވެ. އެއީ މިދިޔަ އަހަރު ނިމުނު އިރު، ދަރަނި ހުރި އަދަދާ އަޅައި ބަލާއިރު، 4.8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ރާއްޖޭގެ ދަރަނީގެ 47 ބިލިއަން ރުފިޔާއަކީ ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަންޏެވެ. އެތެރޭގެ ދަރަނީގެ އަދަދީ 53 ބިލިއަން ރުފިޔާއެވެ. މީގެ ތެރެއިން ސީދާ ސަރުކާރުން ނަގާފައިވާ ދަރަނީގެ އަދަދަކީ 84.8 ބިލިއަން ރުފިޔާއެވެ. އަދި ސަރުކާރުން ޒިންމާވާ ގޮތަށް ނަގާފައިވާ ދަރަނީގެ އަދަދަކީ 14.1 ބިލިއަން ރުފިޔާއެވެ.

އެކަމާ ގުޅިގެން އަލީ ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދަރަނި އަދާކުރަން ދަރަނި ނަގަމުން ނަގަމުން ގޮސް ގައުމުގެ މިނިވަންކަމާއި ސިޔާދަތު އަތުން ދޫވާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

"މި ދަރަނީގެ ވިހަ ބުރުން މިންޖު ނުވެވިއްޖެ ނަމަ ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިދާނެ،" އަލީ ހުސައިން ވިދާޅުވިއެވެ.

ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި ހަތަރު އަހަރު ތެރޭގައި ޖުމުލަ 32 ލޯނެއް ސަރުކާރުން ވަނީ ނަގައިފައެވެ. އެއީ 2.4 ބިލިއަން ޑޮލަރު (32 ބިލިއަން ރުފިޔާ) އެވެ. ސަރުކާރުން އެންމެ ގިނަ ލޯނު ނަގާފައިވަނީ ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރެވެ. ކޮވިޑު އިމަޖެންސީ ސަޕޯޓުގެ ގޮތުގައި ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ އަދަދު 92 މިލިއަން ޑޮލަރަށް ވުރެ އިތުރެވެ.

މީގެ އިތުރުން އިންޑިއާގެ އެގްސިމް ބޭންކުން ނަގާފައިވާ ލޯނުތަކުގެ އަދަދުވެސް 1.2 ބިލިއަން ޑޮލަރަށް އަރައެވެ. މި ލޯނުތަކުގެ ތެރޭގައި ތިލަމާލެ ބުރިޖު މަޝްރޫއަށް ސަރުކާރުން ނެގި 400 މިލިއަން ޑޮލަރުގެ ލޯނު ހިމެނެއެވެ.

ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ދަރަނި މިހާރު ވަނީ 113 ޕަސެންޓަށް އަރައިފައެވެ.