ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަނުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ގުރޫޕް އޭގެ އެއްވަނަ ޓީމުތަކުގެ ގޮތުގައި ކުލަބު ވެމްކޯއާއި ޕޮލިސް ކުލަބުން ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިފަހަރުގެ އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަންގައި 10 ޓީމަކުން ބައިވެރިވެފައިވެއެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖު މިދިޔަ މަހު 24 ވަނަ ދުވަހު ފަށާފައިވާ އިރު، ގުރޫޕް ސްޓޭޖު ކުޅެފައިވަނީ 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ.
ގުރޫޕް އޭގައި ހިމެނެނީ ކުލަބު ވެމްކޯއާއި ކުލަބު ވޮލީބޯލް، އަލްމާ ސްޕޯޓްސް ކުލަބު، ޔޫތު ނިއު ޖެނެރޭޝަންގެ އިތުރުން ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބެވެ. ގުރޫޕް ބީގައި ހިމެނެނީ ޕޮލިސް ކުލަބު، ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަން، ކުލަބު އީގަލްސް، ދިވެހި ސިފައިންގެ ކުލަބުގެ އިތުރުން ކުލަބު ހާފް ލިންކޭޖެވެ.
ގުރޫޕް އޭގެ ސެމީ ފައިނަލަށް އެއްވަނަ ޓީމުގެ ގޮތުގައި ވެމްކޯ ސެމީއަށް ދިޔައިރު، ކުލަބު ވޮލީބޯލް ވަނީ ދެވަނަ ޓީމުގެ ގޮތުގައި ސެމީގެ ޖާގަ ހޯދައިފައެވެ. ގުރޫޕް ބީގެ އެއް ވަނަ ޕޮލިހަށް ލިބުނު އިރު، ދެ ވަނަ އަށް ދިޔައީ ކުލަބު އީގަލްސްއެވެ.
މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ވާދަކުރާނީ އެންމެ ފަހުގެ ފައިނަލުގައި ވާދަކުރި ދެ ޓީމު ކަމަށްވާ ވެމްކޯއާއި ޕޮލިހެވެ. މި މެޗުން މޮޅުވާ ޓީމެއް ސީދާ ފައިނަލަށް ދަތުރުކުރާއިރު، ބަލިވާ ޓީމެއް ތިން ވަނަ ސެމީ ފައިނަލުގައި ނުކުންނާނީ ދެ ވަނަ ސެމީ ފައިނަލުގައި އީގަލްސްއާއި ކުލަބު ވޮލީބޯލް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.
މުބާރާތުގެ ގުރޫޕް ސެޓޭޖުގެ އެންމެފަހު މެޗުތައް ރޭ ކުޅެފައިވާއިރު، ގުރޫޕް އޭގެ ފަހު މެޗުގައި ވާދަކުރީ ސެމީއަށް ގޮސްފައިވާ ކުލަބް ވެމްކޯއާއި ކުލަބް ވޮލީބޯލްއެވެ. އެ މެޗު ވެމްކޯއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ 25-9، 25-9، އަދި 25-16 އިންނެވެ. މެޗު މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެމްކޯގެ ތައިލެންޑް ކުޅުންތެރިޔާ ޕަޗަރަޕޯން ސިތިސާދެވެ.
ގުރޫޕް ބީގެ ފަހު މެޗުގައި ޕޮލިސް ކުލަބުން ނުކުތީ ވޮލީބޯލް ޔޫތު ނިއުޖެނެރޭޝަންއާ ދެކޮޅަށެވެ. މި މެޗުން މޮޅުވެގެން ވޮލީބޯލް ޔޫތް ނިއުޖެނެރޭޝަންއަށް ސެމީ ފައިނަލުން ޖާގަ ލިބެން އޮތް ނަމަވެސް އެ ޓީމު 3-1 ސެޓުން ބަލިވީއެވެ. ވޮލީބޯލް ޔޫތް ނިއުޖެނެރޭޝަން މި މެޗުން ބަލިވުމުން ގުރޫޕްގެ ދެ ވަނަ ލިބުނީ ރޭ ކުޅިބަލަން ތިބި އީގަލްސް އަށެވެ.
މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ 25-18، 18-25، 25-14 އަދި 25-6 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕޮލިހުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) އެވެ.
މުބާރާތުގެ ސެމީ ފައިނަލު ފުރަތަމަ މެޗުގައި ޕޮލިހާއި ވެމްކޯ ކުޅޭނީ މާދަމާ ހަވީރެވެ. ދެވަނަ ސެމީ ފައިނަލުގައި މާދަމާ ރޭ ކުލަބް ވޮލީބޯލްއާއި ކުލަބް އީގަލްސް ކުޅުމަށް ހަމަޖެހިފައިވާއިރު، ފަހު ސެމީ ފައިނަލް މެޗު ކުޅޭނީ އަންގާރަ ދުވަހު ރޭގައެވެ. ފައިނަލް މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 20:15 ގައެވެ.