ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ތިމާވެށްޓާ ރައްޓެހި ގޮތްތައް ހޯދައި އެ ގޮތްތަކަށް ދިރިއުޅެން ޖެހޭކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ރޭ ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ތިމާވެށީގެ ދުވަހެއް ފާހަގަކުރެވެނީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއިމެދު ހޭލުންތެރިކަން އިތުރުކޮށް، ތިމާވެއްޓަށް ގެއްލުން ލިބޭ ކަންތައްތަކުން ދުރުހެލި ކުރުމަކީ އެންމެ މުހިންމު އެއް ބޭނުން ކަމަށް ދެކިގެން ކަމަށެވެ. އަދި ނެތިގެންދާ ވަސީލަތްތަކާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކުގެ މައްޗަށް މިފަދަ ދުވަހެއްގައި ވިސްނަން ޖެހޭ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ގޮތުން ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމުގައި ގުދުރަތީގޮތުން ތަނަވަސްވެފައިވާ އެކިއެކި ވަސީލަތްތައް ދިރިއުޅުމުގެ ފަސޭހައަށްޓަކައި ބޭނުންހިފާއިރު، އެ ވަސީލަތްތައް ގެއްލިގެން ދިއުމުން އެ ކަމުން ކުރިމަތިވާނެ ނުތަނަވަސްކަން ހިތަށް ނުގެނެވޭކަމުގައި ފައިސަލް ނަސީމު ފާހަގަ ކުރެއްވިއެވެ.
"ދުނިޔޭގެ މޫސުމަށް ބޮޑެތި ބަދަލުތައް މި ދަނީ އަންނަމުން. ޖައްވު ހޫނުވެ ތަގައްޔަރު ވަމުންދާއިރު ކުރީގައި އަޑުނާހާ މިންވަރަށް މި ރާއްޖޭގެ އިތުރުން އެހެނިހެން ގައުމުތަކުގައިވެސް އުދައެރުމާއި ފެންބޮޑުވުމުގެ ހާދިސާތައް ފަދަ ގުދުރަތީ އެކިއެކި ހާދިސާތައް ހިނގުން މިވަނީ އިތުރުވެފައި. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދަނޑުވެރިކަމަށާއި އެހެނިހެން ކަންކަމަށް ލިބެމުންދާ ގެއްލުންވެސް އެހާމެ ބޮޑު." އެ މަނިކުފާނު ވިދާޅުވި އެވެ.
ފައިސަލް ނަސީމް ވިދާޅުވީ މި ހުރިހާ ސަބަބުތަކާ ހެދި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ތިމާވެއްޓާ ރައްޓެހި ގޮތްތައް ހޯދައި އެ ގޮތްތަކަށް ދިރިއުޅެން ޖެހޭ ކަމަށެވެ. އަދި ކުނި އުކާލުމުގައިވެސް ސަމާލުވެ އެއްވެސް އެއްޗެއް މަގުމައްޗަށާއި ގޮނޑޮދޮށަށް އުކާލުމަކީ ރާއްޖެ ފަދަ ރީތި ނަލަނަލަ ގައުމަކުން ދުރުހެލިވާންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކާއިމެދު ދުނިޔޭގެ އެކިއެކި ލީޑަރުންނާއި ތިމާވެށީގެ ހައްގުގައި ވަކާލާތުކުރާ ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކުގެ އިތުރުން އެ ކަމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ދިވެހިރާއްޖެ ހިމެނިގެންދަނީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާ ގައުމުތަކުގެ ތެރޭގައި ކަމަށާއި މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތަކީ ހަމަ އެކަނި ދެކެވޭ ވާހަކައަކަށް ވެގެން ނުވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ހިންގާ އެންމެހާ މަސައްކަތްތަކަކީ ރައްޔިތުންގެ ހެވާއިލާބައަށް ކުރެވޭ މަސައްކަތްތަކެއްކަމަށެވެ. އެ ގޮތުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން މިހާރު ބައެއް މަސައްކަތްތަށް ތަންފީޒުކުރަން ފަށާފައިވާއިރު، ކުނީގެ ބާވަތްތައް ވަކި ކުރުމަށާއި އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޒާތުގެ ޕްލާސްޓިކާއި ދެކޮޅަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކި އެމަގުން މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
"ދިވެހިރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި ވަރަށް މަގުބޫލު މަންޒިލެއް. ރާއްޖެއަށް ފަތުރުވެރިންގެ އެހާބޮޑު ސަމާލުކަމެއް ލިބެނީ މި ރާއްޖޭގެ ގުދުރަތީ ނިއުމަތުގެ ސަބަބުން. މި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ސާފު މޫދާއި ދޮންވެލި ތުނޑިތައް ކުރިއަށް އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ވާސިލުކޮށްދިނުމަށްޓަކައި އެންމެހާ ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭ." އެމަނިކުފާނު ވިދާޅުވިއެވެ.
އެ ޖަލްސާގައި ފުވައްމުލައް ސިޓީ ބަޔޮސްފިޔާ ރިޒާވް ލޯގޯ އިފްތިތާހުކުރުމުގެ އިތުރުން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީގެ އެހީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ލޯ އެންޑް ނަން ކެމިކަލް ޑިވޮލޮޕްމަންޓް ޕްރޮޖެކްޓް"ގެ ޕްރޮޖެކްޓް ޑޮކިއުމަންޓުގައި ސޮއިކޮށްފައިވެއެވެ.