ވަރުގަދަ އިންގްލެންޑުން މިއަހަރުގެ ނޭޝަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ހަންގޭރީ އަތުން ބަލިވެއްޖެއެވެ.

ޔޫއެފާ ނޭޝަންސް ލީގުގެ ޑިވިޝަން އޭގެ ގްރޫޕް ތިނެއްގައި ރޭ ކުޅުނު މެޗުގައި އިންގްލެންޑް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ހަންގޭރީގެ ބުޑަޕެސްޓްގެ ޕުސްކާސް އެރީނާގައި ކުޅުނު އެ މެޗުން ބަލިވުމާއެކު އިންގްލެންޑަށް ވަނީ ގްރޫޕުގެ އެއްވަނަ ހޯދަން ބޮޑު ޗެލެންޖަކާ ކުރިމަތިވެފައެވެ. އެ ގްރޫޕުގައި ދެން ހިމެނެނީ އިޓަލީއާއި ޖަރުމަނެވެ. ޗެމްޕިއަންޝިޕް ޕްލޭ އޮފްއަށް ދިއުމަށް އިންގްލެންޑަށް ގްރޫޕުގެ އެއްވަނަ ހޯދަން މަޖުބޫރުވެފައި އޮތް އިރު، ޖަރުމަނާއި އިޓަލީގެ ވާދަވެރިކަން ގްރޫޕުގައި ބޮޑުވާނެއެވެ.

ރޭ މެޗުގެ ކުރިން ހަންގޭރީން އެންމެފަހުން އިންގްލެންޑް ބަލިކޮށްފައި އޮތީ މީގެ 60 އަހަރު ކުރިންނެވެ. އިންގްލެންޑުން މިވަގުތު ދުނިޔޭގެ ރޭންކިންގެ ހަތަރު ވަނައިގައި އޮތް އިރު، ހަންގޭރީ އޮތީ 40 ވަނައިގައެވެ. އެހެންކަމުން އެ ނަތީޖާއަކީ އިންގްލެންޑަށް ލަދުވެތި ނަތީޖާއެކެވެ.

ރޭގެ މެޗު ކުޅެފައިވަނީ ސަޕޯޓަރުން ނުވައްދައެވެ. ހަންގޭރީގެ ސަޕޯޓަރުން ޔޫރޯ 2020ގައި އަމަލުކުރި ބައެއް ގޮތްތަކުގެ ސަބަބުން ޔޫއެފާއިން އަދަބެއްގެ ގޮތުގައި ރޭގެ މެޗަށް ސަޕޯޓަރުން ނުވައްދާ ގޮތަށް ވަނީ ކަނޑައަޅައިފައެވެ. އެހެން ނަމަވެސް މެޗަށް ވަނީ ކޮންމެވެސް ވަރަކަށް ސްކޫލު ކުދިންނާއި ކުޑަކުދިން ވައްދައިފައެވެ. އެއީ ޔޫއެފާގެ ހާއްސަ ގަވާއިދެއްގެ ދަށުންނެވެ.

އެ މެޗުގައި ފެނުނު ހަމައެކަނި ގޯލު ހަންގޭރީން ޖެހީ ދެވަނަ ހާފުގައެވެ. މެޗުގެ 66 ވަނަ މިނެޓުގައި އެ ގޯލު ޖެހީ ޑޮމިނިކް ޒޮބޮލްސްލާއީއެވެ. އެ ގޯލު ޒޮބޮލްސްލާއީ ޖެހީ އޭރިއާ ތެރެއިން ރީސް ޖޭމްސް ސޮލްޓް ނަގީއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުންނެވެ.

ރޭގެ މެޗަށް އިންގްލެންޑް ނުކުތީ ބައެއް އާ ކުޅުންތެރިންވެސް ޓީމުގައި ހިމަނައިގެންނެވެ. ވެސްޓްހަމްގެ ޖެރޮޑް ބޮވެންއާއި ލެސްޓާ ސިޓީގެ ޑިފެންޑަރު ޖޭމްސް ޖަސްޓިން އިންގްލެންޑް ފުރަތަމަ 11 ގައި ހިމެނުނު އިރު، މެޗުގައި އިންގްލެންޑުގެ ފަރާތުން ޖުމުލަކޮށް ފެނުނީ ދަށް ކުޅުމެކެވެ. ބުކަޔޯ ސަކާގެ ބާރު ހަމަލާއެއް ހަންގޭރީގެ ކުޅަދާނަ ގޯލްކީޕަރު ޕީޓާ ގުލާކްސީ މަތަކުރި އިރު، ކުރިއަށް ކުޅުނު އިތުރު ކުޅުންތެރިންގެ އިތުރު ނުރައްކާތެރި ހަމަލާއެއް ނުފެނެއެވެ.