ދުނިޔެ

އަދުގެ ދުނިޔެ: ދެ އަނގައިން ވާހަކަ ދައްކައިގެން ގެނެވޭ ސުލްހައެއް ނޯވެއެވެ.

އިމާދު ލަތީފު

2

ޔުކްރޭނުގެ އިރުމަތީގައިވާ ޑޮންބާސް ސަރަހައްދު މުޅިންކަހަލަ ގޮތަކަށް ރަޝިޔާ ސިފައިން މިހާރު ވަނީ ހިފައިފައެވެ. ލުހާންސްކާއި ޑޮނެސްކުގައި މުޅިންހެން އޮތީ ރޫސީންގެ ކޮންޓްރޯލެވެ. ރޫސީންގެ ސިލަބަހަށް އެހިސާބުގެ ސްކޫލްތަކުގައި ކިޔަވައިދޭންވެސް ވަނީ ފަށައިފައެވެ. ޑޮންބާސްގެ ރައްޔިތުންގެ ތެރެއިން ރޫސީ ސިޓިޒަންޝިޕް ބޭނުންވާ އެންމެނަށް އަވަހަށް، ފަސޭހައިން އެކަން ކުރެވޭނެ ގޮތްވެސް ރޫސީވިލާތުން މިހާރުވަނީ ތަނަވަސްކޮށްދީފައެވެ. ރޫސީ ސިފައިން ޑޮންބާސްއަށް އަރައި އެތިބީ އެތަނުން ފައިބާ ގޮތަކަށް ނޫނެވެ. ދުރުރާސްތާގެ ޕްލޭނަކީ ދެމިތިބުމެވެ. ކްރައިމިޔާއާއެކު މުޅި ޑޮންބާސް ސަރަހައްދުވެސް ރޫސީވިލާތާއި އެއްކޮށްލުމަކީ މަގްސަދެކެވެ. އެކަން ކުރާނެއެވެ. ޔުކްރޭނަކަށްވެސް، ހުޅަނގު ޔޫރަޕަކަށްވެސް، އެމެރިކާއަކަށްވެސް އަދި ކިޔެެއްތަ، ނޭޓޯއަކަށްވެސް އެކަން ނުހުއްޓުވޭނެއެވެ.

ރޫސީންގެ ދުރުރާސްތާގެ ޕްލޭން މޭރުންވާތީ ތޯއްޗެކެވެ. ޔުކްރޭނުގެ ރައީސް ލޮޑޮމީރް ޒެލެންސްކީ އެބަވިދާޅުވެއެވެ. ޔުކްރޭނުގެ ބިމުން އެންމެ އިންޗިއެއްވެސް ދޫކޮށެއް ނުލެވޭނެއެވެ. ޔުކްރޭނުގެ ބިމުން ރެވިއޮށްޓަރެއްގެ މިންވަރުވެސް ރޫސީންގެ ދަށުގައި ދެމިއޮތްހައި ހިނދަކު ސުލްހައެއް ނެތެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް ރޫސީން ފައްސައިލެވޭނެއެވެ. އެމެރިކާޔާއި އިނގިރޭސިވިލާތާއި ފްރާންސުންވެސް ބުނަނީ މިހެންނެވެ. ސުލްހައިގެ ބަދަލުގައި ބިން ދުލެއް ނުކުރެވޭނެއެވެ. ޔުކްރޭނުގެ ބިމުން ރޫސީން ހިފާފައިވާ އެންމެހައި ސަރަހައްދުތަކުން ފޭބުމުން ނޫނީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ނިމުމެއްވެސް ނުގެންނާނަމެވެ. އެކަމާމެދު ވިސްނުމެއްވެސް ނުގެންގުޅޭނަމެވެ. އަޖައިބު ހީވެއެވެ. ގަދަބާރުން އަނެއް ގައުމަކަށް އަރައި ބިންފޭރި އަމިއްލަކޮށްގެން އެތިބީ ރޫސީން އެކަނިބާވައެވެ.

އެހެން ގައުމުތަކުގެ ބިންފޭރި، އަމިއްލަކޮށް، އަވަށްތައް ބިނާކޮށް ދެއަތް ފުޅާކުރަމުން ދަނީ ރޫސީވިލާތް އެކަންޏެއް ނޫނެވެ. މެދުއިރުމަތިންވެސް އެ މަންޒަރު އެބަފެނެއެވެ. އިޒްރޭލަކީ މިކަމުގެ މިސާލެކެވެ. އެކަމަކު މި މަންޒަރު ޒެލެންސްކީއަކަށްވެސް އެމެރިކާޔަކަށްވެސް ނޭޓޯއަކަށްވެސް ނުފެނެއެވެ. ފެންނަކަމަކަށް ނުހަދައެވެ. ސީރިޔާގެ ގޯލާން ކޮބައިބާވައެވެ. ގާޒާ ކޮބައިބާވައެވެ. ހުޅަނގު އައްސޭރިޔާއި އިރުމަތީ ގުދުސް ކޮބައިބާވައެވެ. އެއީ ބަނީއިސްރާއީލީންނަށް މަތިން މަންނަޔާއި ސަލްވާ ބާވައިލެއްވި ގޮތަށް މިޒަމާނުގައި އިޒްރޭލަށް ބާވައިލެއްވުނު ބިންތަކެއް ނޫނެވެ. ގަދަކަމުން ފޭރިގެންފައިވާ ބިންތަކެވެ. ޑޮންބާސް އާއި ކްރައިމިޔާއިން ރޫސީން ފައިބަން ޖެހެންޏާ ގޯލާނާއި ގާޒާޔާއި ހުޅަނގު އައްސޭރިން އިޒްރޭލުވެސް ފައިބަން ޖެހޭނެއެވެ.

ޝައްކެއް ނެތެވެ. ރޫސީންވެސް އެހެން ގައުމަކަށް އަރައިގެން ނުވާނެއެވެ. އެހެން ބައެއްގެ ބިންތައް ފޭރިގެން ނުވާނެއެވެ. ފޭރިގެންފިއްޔާ ހޯހޯއޭ ގޮވައި އަދަބުދޭންވާނެއެވެ. އެކަމަށް އިންކާރެެއް ނުކުރަމެވެ. އެކަމަކު މައްސަލަޔަކީ މިޒާތުގެ ކަންކަން ވަކި ބަޔަކު ކުރީމާ އޯކޭވެފައި އަނެއްބަޔަކު ކުރީމާ ނުބައިނުލަފާ ކަމަކަށް ހެދުމުގެ ސިފަ ގެންގުޅޭތީއެވެ. ގޯލާނާއި ގާޒާޔާއި ހުޅަނގު އައްސޭރި ދޫކޮށްލަން ހަމަ މިބީދައިން އިޒްރޭލަށްވެސް މަޖުބޫރު ކުރެވެންވާނެއެވެ. ނުފައިބަންޏާ ފައިބަންދެން އެކަހެރިކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހޭނެއެވެ. އިޒްރޭލު ފައްސައިލަން ސީރިޔާއާއި ފަލަސްތީނަށް ޒަމާނީ ހަތިޔާރުވެސް ދޭންވާނެއެވެ. މިކަންކުރުމުގެ ބަދަލުގައި އިޒްރޭލުގެ ޖަރީމާއަށް ތާއީދުކޮށްފައި ރަޝިޔާއަށް ދަތިކުރުމަކީ އިންސާފެއް ނޫނެވެ. އެއީ މުނާފިގުކަމެވެ.

ޔުކްރޭނަށް ވަކިގޮތެއް، ސީރިޔާއަށް ވަކިގޮތެއް އޮވެގެން ނުވާނެއެވެ. ގާނޫނަކީ ގާނޫނެވެ. ގާނޫނުގެ ވާހަކަ ދައްކަންވާނީ އެއް އަނގަޔަކުންނެވެ. ވަކިބަޔަކާ ޖެހުނީމާ ހަމަޔާއި އުސޫލުތައް ގުރުބާންކޮށް އިސްތިސްނާއެއް ނުގެނެވޭނެއެވެ. ގެނެވިގެން ނުވާނެއެވެ. އިޒްރޭލުން ފޭރިގެންފައިވާ ގުދުސްއާއި ގޯލާނުގެ މައްޗަށް އިޒްރޭލުގެ ސިޔާދަތީ ހުކޫމަތު ގަބޫލުކުރަމޭ ބުނެ އެތަންތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް މިލިޔަނުން މިލިޔަނުން ފައިސާވެސް ދީފައި ޑޮންބާސްއާއި ކްރައިމިޔާއިން ރޫސީން ފައްސައިލުމަށް ފޫގަޅައިގެން ޒާތްޒާތުގެ ވާހަކަ ދެއްކުމަކީ ދެއަނގައިން ވާހަކަ ދެއްކުމެވެ. ދެއަނގައިން ވާހަކަ ދައްކައިގެން ދުނިޔެއަށް ގެނެވޭނޭ ސުލްހައެއް ނޯންނާނެއެވެ. ގެނެވިފައިވާ ސުލްހައެއްވެސް ނެތެވެ. ވިސްނާލަންޖެހެނީ މިހިރަ މިހިރަ ނުގުތާތަކާމެދުގައެވެ.

ގޯލާން ހައިޓްސް ނުވަތަ ގޯލާންގެ އުސް ބިންތަކަކީ 1967 ގެ ހަނގުރާމައިގައި އިޒްރޭލުން ފޭރިގެންފައިވާ ސިރިޔާގެ ސަރަހައްދެކެވެ. އެސަރަހައްދު މިހާރުވަނީ އިޒްރޭލާއި އެއްކޮށްލައި އިޒްރޭލުގެ ބަޔަކަށް ހަދައިފައެވެ. އެމެރިކާޔާއި ހުޅަނގުގެ މަދަދާއި ދެނެގަތުމާވެސް އެކީގައެވެ. އެތަނުގައި ޔަހޫދީންގެ އެތައް އެތައް އާބާދީއެއް ހަދައި ޔަހޫދީކޮށް ނިންމައިފިއެވެ. މިވާހަކަ ދައްކާ ބަޔަކުވެސް މިކަން ހަނދާންހުރި ބަޔަކުވެސް ނެތްކަހަލައެވެ. ހަމަ އެހަނގުރާމައިގައި އަރަބީންގެ އަތުން ފޭރިގެންފައިވާ ހުޅަނގު އައްސޭރިޔަށް ހަދަމުން އެދާގޮތް ކޮންމެ ދުވަހަކުވެސް އެބަފެނެއެވެ. އެބައިވެއެވެ. ޝައިޚު ޖައްރާގައި ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރު މުގުރައި މަގުމަތިކޮށް އެހަދަނީ އެންމެން ބަލަންތިއްބައެވެ. ލަދެއް ހަޔާތެއް، ގާނޫނެއް އުސޫލެއް ނެތެވެ.