އަލްހާ އީދު

މިފަހަރު ބޮޑުއީދަށް ދާންވީ ދ. މާއެނބޫދޫއަށް: ސަގާފީ ކުޅިވަރުތަކާއި ޒަމާނީ މިޔުޒިކާއި އިތުރު އެތައް ކުޅިވަރުތަކެއް!

2

ސަގާފީ އަދި ޒާމާނީ ކުޅިވަރުގެ އެތައް ހަރަކާތަކާ އެކު މި އަހަރުގެ ބޮޑު އީދު ވަރަށް ކުލަގަދަކޮށް ފާހަގަކުރަން ދ. މާއެނބޫދޫން ތައްޔާރުވެއްޖެ އެވެ.

އީދު ކުޅިވަރު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ މުޅި ރާއްޖޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ކުޅިވަރު ހަރަކާތްތަކެއް މި ފަހަރުގެ ބޮޑުއީދުގައި ކުރިޔަށް ގެންދަން މާއެނބޫދޫން ތައްޔާރުވަމުން އަންނަ ކަމަށެވެ. މި ފަހަރުގެ އީދު ފުރިހަމަ އީދަކަށް ހެދުމަށް ފަށައިފައިވާ މަސައްކަތުގައި ރަށުގެ ކުދިބޮޑު އެންމެން ޝާމިލުވެ އަމަލީ ގޮތުން މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލު ވިދާޅުވިއެވެ.

"މާއެނބޫދޫއަކީ އީދުކުޅިވަރު ކުލަގަދަކޮށް ކުޅުމާއި އީދު ފާހަގަކުރުމުގައި މުއްސަނދި ތާރީހެއް އޮތް ރަށެއް. ސަގާފީ ކުޅިވަރުތައް ކުޅުމަށް މާއެނބޫދޫ ލަނގިރި ގުރޫޕުތައް ސަރުކާރުގެ ދައުވަތަށް މާލެއަށް ގެނެސް މިނިވަން ދުވަސްތައް ފަދަ ރަސްމިއްޔާތުތަކުގައި ކުޅިވަރު ހުށަހަޅާފައިވޭ. މާއެނބޫދޫއަކީ އަމިއްލަ މިޔުޒިކް ބޭންޑެއް އޮވެ، މަގުމަތީގަ ކޮންމެ އީދަކަށް ވަކީން ކުޅިވަރުގެ އަޅައިގެން ޝޯތައް ބޭއްވި ރަށެއް. މި ފަދަ ޝޯތަކުގައި ހުރިހާ އިންސްޓްރޫމެންޓެއް ލައިވްކޮށް ކުޅުމުގެ އިތުރުން ލަވަ ކިޔުންފަދަ ކަންކަމުގަވެސް ތިބެނީ ރަށު މީހުން. އެހެންވީމަ އީދު ފާހަގަކުރުމުގެ ވަރުގަދަ ތާރީހެއް އެބައޮތް. ރައްޔިތުން ބޭނުންވަނީ މި ފަހަރުގެ އީދާއެކު، އިހުގެ ސަގާފީ ކުޅިވަރުތައް ވެސް އަލުން ދިރުވަން މަސައްކަތް ފަށަން." އޮފިޝަލު ވިދާޅުވިއެވެ.

އޮފިޝަލު ވިދާޅުވީ މި ފަހަރުގެ ބޮޑު އީދުގައި މާއެނބޫދޫގައި ކުޅިވަރުތައް ކުޅެނީ ކައުންސިލާއި ކުލަބު ޖަމިއްޔާތަކާއި އަމިއްލަ ފަރުދުން ގުޅިގެން ކަމަށެވެ. އެ ގޮތުން ކުޅިވަރުތައް އިންތިޒާމުކޮށް ލީޑް ކުރަނީ ކައުންސިލުން ކަމަށެވެ.

މި ފަހަރުގެ ބޮޑުއީދުގައި މާއެނބޫދޫގައި ކުރިޔަށް ގެންދާ ބައެއް ހަރަކާތްތައް:

 • އީދު ވެދުމާ ދިއުން
 • މަސް ރޭސް
 • ފިރިހެނުންގެ ލަނގިރި/ދަފި
 • ބޮޑުމަސް ބޭނުން
 • ފުޓްބޯޅަ މުބާރާތް ފިރިހެން
 • ވޮލީ މުބާރާތް އަންހެން/ފިރިހެން
 • މިޔުޒިކް ދެ ޝޯ މާލެއިން މާއެނބޫދޫއަށް ދާ ލަވަކިޔުންތެރީން
 • ޖާދުﷲ ޑާންސް ގުރޫޕުގެ ޑާންސްތައް (މި ގުރޫޕުގައި ޓިކްޓޮކް ޝިފާ ފަދަ ތަރީން ހިމެނޭނެ)
 • ބަނޑިޔާޖެހުން
 • ރައްޔިތުންގެ އީދު ބޮޑު ސައި
 • ކުޑަކުދީންގެ ހަވީރު
 • އީދާއި ކުލަމަޖާ

"ވަން" އާ ވާހަކަ ދެއްކެވި އޮފިޝަލު ވިދާޅުވީ މި ފަހަރުގެ އީދުގައި ސަގާފީ ކުޅިވަރުތައް ފެނިގެން ދާނީ އިހުގެ މީހުންނާއި މިހާރުގެ ޒުވާނުން ވެސް ހިމެނޭ ގޮތަށް ކަމަށެވެ. މި ކުޅިވަރުގެ ތަކުގެ ފަރިތަކުރުންތައްވެސް ވަރަށް ޖޯޝާއި ފޯރީގައި ކުރިޔަށް އެބަދާ ކަމަށްވެސް ވިދާޅުވި އެވެ. އެ ގޮތުން މި ފަހަރުގެ ބޮޑު އީދު ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ކުރިޔަށް ގެންދާ އެކިއެކި ހަރަކާތްތަކުގައި ކޮންމެވެސް ސިފައެއްގައި ބައިވެރި ނުވާ އެއްވެސް ގެއެއް ރަށުގައި މިހާރު ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ދ. މާއެނބޫދޫ އަކީ އެ އަތޮޅު ވެރިކަން ކުރާ ކުޑަހުވަދޫއާ އެންމެ ގާތުގައި އޮންނަ މީހުން ދިރިއުޅޭ ރަށެވެ. ކުޑަހުވަދޫއަށް ޑޮމެސްޓިކް ފުލައިޓުގައި 40 މިނެޓުން ދެވޭ އިރު، އެރަށުން މާއެނބޫދޫއަށް ދިހަވަރަކަށް މިނެޓުން ދެވެއެވެ.