މި ސަރުކާރުން އަޅަމުން އަންނަ ތިލަމާލެ ބުރިޖު ނުނިންމޭނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން ރޭ ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ، ތިލަމާލެ ބުރިޖަކީ ދައުލަތަށް އޮތް މާލީ ބުރައެއް ކަމަށެވެ. އަދި އެ ބުރިޖަކީ މިވަގުތަށް އެޅުން ލާޒިމު ބުރިޖެއް ނޫން ކަމުގައި ވިދާޅުވިއެވެ.
"ބުރިޖެއް އަޅާ ނިންމަން އެ މަސައްކަތް ކުރަނީ. ދެން އަޅުގަނޑެއް ގަބޫލެއް ނުކުރަން ތި ބުރިޖު އަޅާ ނިމޭނެ ކަމަކަށް. ނުނިމުން ހަމަ މީގަ ރަނގަޅީވެސް. އެހާ ބޮޑު ތަކުލީފަކަށްވާ ކަމެއް މިއީ ރައްޔިތުންނަށްވެސް،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ޗައިނާގެ 142 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ހެދި ސިނަމާލެ ބުރިޖުގެ ސަބަބުން އެތައް ބަޔަކަށް އޭގެ މަންފާ ކުރާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ބުރިޖަށް ދައުލަތުން ދައްކަން ޖެހެނީ އެންމެ 68 މިލިއަން ޑޮލަރުކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ސިނަމާލެ ބުރިޖަށް ދައުލަތުން 400 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ.
"ބަޔަކު އަދި ބުރިޖު އެޅިޔަސް، ބުރިޖު އަޅާކަށް ނުޖެހޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ، އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބުނު ނަމަ، ތިލަމާލެ ބުރިޖު ޗައިނާގެ ހިލޭ އެހީގައި އަޅައިދޭން އެގައުމުގެ ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.
މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު