ޚަބަރު

ވިލިނގިލީގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި

މުހައްމަދު އިޝާން

ގއ. ވިލިނގިލީގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން ޔުނިޓްގެ އެޅުމުގެ މަސައްކަތް ހަވާލުކުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއެވެ.

އެ މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރު ޖެނަރަލް އަހްމަދު ވިޝާން ނަސީމެވެ. އަދި ދޮންބޭޒްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ހެޑް އޮފް އޮޕަރޭޝަން އަލީ ހަމްދޫނެވެ.

ޕްލޭނިން މިނިސްޓްރީން ދޮންބޭޒްއަށް ވިލިނގިލީގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ހަވާލުކުރީ 48.2 މިލިއަން ރުފިޔާއަށް 270 ދުވަސް ތެރޭގައި ނިންމުމަށެވެ.

ވިލިނިގިލީގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތަށް ހަރަދުކުރާނީ ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިންނެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ވިލިނގިލީގައި އަޅާ ކޮންމެ ހައުސިން ޔުނިޓެއްގައި 700 އަކަފޫޓް ހުންނާނެ ކަމަށެވެ. އަދި ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ބެލްކަނި، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހުންނާނެ ކަމަށެވެ.

މީގެއިތުރުން ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށްޓަކައި ޔުނިޓްތައް ވަށައިގެން އަލި ކުރެވޭނެ އިންތިޒާމާއި މުނިފޫހިފިލުވާލުމަށް ޕާކަކާއި ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއް ވެސް ގާއިމުކުރާނެ ކަމަށެވެ.