އުމުރުން ހަތަރު އަހަރުގެ ދަރިފުޅު މަރާލިކަމުގެ ކުށް ސާބިތުވެފައިވާ ށ. ފުނަދޫ/ ދިނަށަ، އާމިނަތު ޝާހިދާ އުމުރަށް ޖަލަށް ލައިދިނުމަށް ދައުލަތުން ކުރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

މި މައްސަލައަކީ 11 ފެބުރުއަރީ 2016 ވަނަ ދުވަހުގެރޭ ށ. ނޫމަރާގައި ހަތަރު އަހަރުގެ ކުއްޖާ ގަޔަށް ވަޅިން ހަމަލާދީ އެކުއްޖާގެ މަންމަ އެކުއްޖާ މަރައިލި މައްސަލައެކެވެ. މިހާދިސާގައި މަރާލާފައި ވަނީ ޝައިހާ ކިޔާ އަންހެން ކުއްޖެކެވެ.

މި ހާދިސާއާ ގުޅިގެން އެއިރު ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނޫމަރާގައި އެކުއްޖާ މަރައިލި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އެރޭ 05:40 ހާއިރު ކަމަށެވެ.

ފުލުހުން އެއިރު ބުނީ ޝައިހާ މަރާލާފައިވާ އިރު، އެކުއްޖާގެ ކަރުގެ ތިން ތަނަކަށާއި ވައަތު ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށާއި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ދީފައިވާ ޒަހަމްތަކާ އެކު ޖުމުލަ ދިހަ ތަނަކަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ.

އެކުއްޖާ މަރާލާފައި އޮތީ އެގޭ އެނދުމަތީގައި ކަމަށާއި އެއިރު އެ އަންހެން މީހާގެ ހަ އަހަރުގެ އަންހެން ކުއްޖަކު ވެސް އެ ކޮޓަރީގައި ނިދާފައި އޮތްކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެ ހާދިސާ ހިނގިއިރު އެކުއްޖާގެ ބައްޕަ ހުރީ ތ. އަތޮޅުގައި ވަޑާމުގެ މަސައްކަތެއް ކުރުމަށް ގޮސްފައި ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ޝާހިދާގެ މައްޗަށް ކުށް ސާބިތުވެފައިވާ އިރު، އިއްޔެ އެ ކުއްޖާގެ ވާރިސުންގެ ބަސް ނެގުމަށް ކުރިމިނަލް ކޯޓުން ވަނީ އަޑުއެހުމެއް ބާއްވައިފައެވެ. ކުއްޖާގެ ހަމައެކަނި ވާރިސުގެ ގޮތުގައި ކޯޓަށް ހާޒިރު ކުރީ، ކުއްޖާގެ ބައްޕައެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު "ވަން" އަށް ވިދާޅުވީ އިއްޔެގެ އަޑުއެހުމުގައި އެކުއްޖާގެ ބައްޕަ ވަނީ ގިސާސް ހިފަންވެސް އަދި މަރުގެ ދިޔަވެސް ބޭނުން ނުވާ ކަމަށްވެސް ބުނެފައި ކަމަށެވެ.

އެހެންވެ، މަރަށްމަރު ހިފުމުގެ އަދަބު ނުދެވޭނެތީ، ދައުލަތުން އިއްޔެ ކުރިމިނަލް ކޯޓުގައި އެދިފައި ވަނީ ޝާހިދާ އުމުރަށް (25 އަހަރަށް) ޖަލަށް ލުމަށް ކަމަށް ޝަފީއު ވިދާޅުވިއެވެ. އެއީ، އެނގިހުރެ މީހަކު މެރުމުގެ ކުށް ގާނޫނުގައި އޮންނަ އަސާސީ އަދަބަކީ ދިހަ އަހަރުކަމަށްވީ ނަމަވެސް ޝާހިދާގެ މައްސަލައިގައި އަދަބުގެ ދަރަޖަ މަތިވާ ހާލަތްތަކެއް ހުރުމުން އެނާގެ އަދަބު 17 އަހަރަށް މަތިކުރެވޭނެތީ އާއި އަދަބު މަތިކުރުމާއި ދަށް ކުރުމަށް ގާޒީއަށް ލިބިގެންވާ އިހުތިޔާރުގެ ދަށުން އަދަބަށް އަށް އަހަރު އިތުރުކޮށް، ޖުމްލަ 25 އަހަރުގެ ހުކުމެއް ކޮށްދިނުމަށެވެ.

ދެން މި މައްސަލައިގައި ބާއްވާ އަޑުއެހުމުގައި އޮންނާނީ އަދަބު ކަނޑައެޅުމެވެ. އެ ކަމަށް އަންނަ އާދިއްތަ ދުވަހަށް ވަނީ އަޑުއެހުމެއް ތާވަލުކޮށްފައެވެ.

މިއީ ކުޑަކުއްޖެއްގެ ކަރާމާތާ ގުޅުން ހުރި މައްސަލައަކަށް ވާތީ ކުރިމިނަލް ކޯޓުން ޝާހިދާގެ ޝަރީއަތް ކުރިއަށްގެންދަނީ ސިއްރުކޮށްގެންނެވެ. މި މައްސަލަ ބައްލަވަނީ، ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލެވެ.