އަންނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ކަޕް ކޮލިފައިން ފައިނަލް ބުރުގެ ގުރޫޕް ސްޓޭޖުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ސީނިއާ ޓީމު މިއަދު ހެނދުނު އުޒްބެކިސްތާނަށް ފުރައިފިއެވެ.
އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއަށް ލިބޭ އެންމެ ފަހު ފުރުސަތުގައި ކުޅެވޭ ގުރޫޕް ސްޓޭޖުގައި ހިމެނެނީ ރާއްޖެއާއި ސްރީ ލަންކާ، އުޒްބެކިސްތާން އަދި ތައިލެންޑެވެ. ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ އަށްވަނަ ދުވަހު ނުކުންނާނީ ތައިލެންޑާ ދެކޮޅަށެވެ. މެޗުތައް ސެންޓްރަލައިޒްކޮށް ކުޅޭނީ އުޒްބެކިސްތާނުގައެވެ.
ކޮލިފައިންގައި ވާދަކުރަން ނެގި ގައުމީ ފުޓްބޯޅަ ޓީމުގެ ފައިނަލް ސްކޮޑުން ތަފާތުތަކެއް ވަނީ ފާހަގަވެފައެވެ. އެގޮތުން ކްލަބު ވެލެންސިއާގެ މިޑްފީލްޑަރު، އުމުރުން 32 އަހަރުގެ ހަސަން ސުފިޔާން (ސޫފީ) އަށް ޓީމުން ޖާގަ ދީފައިވާއިރު، ގޯލްކީޕަރުންގެ ނަންތަކަށް ވަނީ ބަދަލުތަކެއް އައިސްފައެވެ.
އެގޮތުން އީގަލްސްގެ ޒުވާން ގޯލްކީޕަރު ހަސަން އަލީފް އިބްރާހިމާއި މާޒިޔާގެ ހުސައިން ޝަރީފަށް ޓީމުން ފުރުސަތު ދީފައިވެއެވެ. ނަމަވެސް ގިނަ ފަހަރުތަކެއްގެ މަތިން ސްކޮޑުގައި ހިމެނުނު ގޯލްކީޕަރު، މުހައްމަދު ޝަފީއު (ޗެކް) އާއި ހަސަން ތޮލާލް (ޓޮޕްލަކް) އަށް މި ފަހަރު ޖާގައެއް ނެތެވެ. ޗެކް މި ސީޒަންގެ ބޮޑު ބައެއްގައި ސުޕަ ޔުނައިޓެޑް (ސަސް) ގޯލު ބެލެހެއްޓައި، ގިނަ މެޗުތަކެއް ކުޅުނެވެ. އަދި ޓޮޕްލަކުވެސް ވަނީ މިހާތަނަށް ވެލެންސިއާ ގޯލުގައި ގިނަ މެޗުތަކެއް ކުޅެފައެވެ.
އަލީފަކީ ޒުވާން ގޯލްކީޕަރަކަށްވާއިރު، އީގަލްސްގެ ޒުވާން ޓީމުން އޭނާ ވަނީ ވަރަށް ބޮޑަށް ފާހަގަވެފައެވެ. ނަމަވެސް ފައިސަލްއާއި އަލީފްގެ އިތުރުން ދެން ޓީމުގައި ހިމެނި ހުސައިން މި ސީޒަނުގައި މާޒިޔާގެ މެޗެއްގައި އަދި ކުޅެފައެއް ނުވެއެވެ. ނަމަވެސް ކުރިން ހުސައިން ވަނީ ގައުމީ ޓީމަށް ކުޅެފައެވެ. އޭނާގެ ކުޅުން ފަނޑުވެގެން ދިޔައީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހުމުންނެވެ.
ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ މިދިޔަ މަހުގެ ތެރޭގައި ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށައިފައެވެ. އެ ތަމްރީނުތަކުގައި ބައެއް އާ ކުޅުންތެރިން ޓެސްޓުވެސް ކޮށްފައިވެއެވެ. އޭގެ ތެރޭގައި އީގަލްސްގެ ފަހަތަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުމެއިދު ހުސެއިން އާއި ފޯވަޑް ޒައިން ޒަފަރު، ކްލަބް ވެލެންސިއާގެ ފުލްބެކް، އަހުމަދު ސިޒާން (ސިއްޕެ) ހިމެނެއެވެ. ނަމަވެސް އޭގެން ކުޅުންތެރިއަކަށް ފައިނަލް ސްކޮޑުން ޖާގަ ދީފައެއް ނުވެއެވެ.
ފައިނަލް ސްކޮޑުން ޖާގަ ނުލިބުނު ބައެއް މުހިންމު ކުޅުންތެރިންގެ ތެރޭގައި ގްރީން ސްޓްރީޓްސްގައި މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ހަސަން ނަޒީމް ގާސިމް (ޗޯޓު) ފާހަގަކޮށްލެވެއެވެ. އަދި އާންމުކޮށް ސްކޮޑުން ހިމެނެމުން އަންނަ މާޒިޔާގެ ފޯވަޑް އަސަދުﷲ އަބްދުﷲ އަށްވެސް މިފަހަރު ސްކޮޑުން ފުރުސަތު ދީފައެއް ނުވެއެވެ. ނަމަވެސް މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް މިފަހަރު ޓީމުން ޖާގަ ދީފައިވެއެވެ.
މިހާރު އޮތްގޮތުން އޭޝިއަން ކަޕް ކުރިއަށްދާނީ 2023 ވަނަ އަހަރުގެ ޖޫން 16 އިން ޖުލައި 16 ގެ ނިޔަަލަށެވެ. ކުރިން މުބާރާތް ބާއްވަން އޮތީ ޗައިނާގައި ނަމަވެސް، އެގައުމުން ވަނީ މުބާރާތް ހޯސްޓް ނުކުރެވޭނެ ކަމަށް އަންގައިފައެވެ. އޭގެފަހުން މުބާރާތް ބާއްވާނެ ގައުމެއް އަދި އިއުލާނެއް ނުކުރެއެވެ.
އޭޝިއަން ކަޕްގެ ކޮލިފައިން ހަ ގުރޫޕުގެ އެއްވަަނަ ޓީމާއި ހަ ގުރޫޕްގެ ދެ ވަނަ ޓީމުތަކުގެ ތެރެއިން ފަސް ޓީމަށް އަންނަ އަހަރު ބާއްވާ އޭޝިއަން ކަޕްގެ ޖާގަ ލިބޭނެއެވެ.
- ހުސެއިން ޝަރީފް (ހުސެން)/ ގޯލްކީޕަރު
- ސަމޫހު އަލީ (ސަމުއްޓެ)
- އިބްރާހިމް އައިސަމް
- ހަސަން ޝިފާޒް (ޑުންގާ)
- އިބްރާހިމް ވަހީދު ހަސަން (އިއްބެ)
- އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)
- ހުސެއިން ނިހާން (ނިހާޓް)
- ހަމްޒާ މުހައްމަދު (ހަމްޕު)
- ނާއިޒު ހަސަން (ދާދު)
- ހައިޝަމް ހަސަން (ބިޑި)
- އަކުރަމް އަބްދުލް ގަނީ (އަކޫ)
- މުހައްމަދު ފައިސަލް/ ގޯލްކީޕަރު
- މުހައްމަދު އުމެއިރު
- އަލީ ފާސިރު (ސެންޓޭ)
- ހަސަން ސުފިޔާން
- އަމްދާން އަލީ (އެންޑީ)
- އަބްދުﷲ ޔާމީން (ޔާނު)
- ހުސެއިން ސިފާއު ޔޫސުފް (ކުރޯ)،
- ހަސަން ރާއިފް އަހުމަދު (ހަންނަ)
- އަހުމަދު ނޫމާން (ހެލްމެޓް)
- ހަސަން އަލީފް އިބްރާހިމް
- އަހުމަދު ހަސަން (އައްމަޑޭ)
- މުހައްމަދު ސާއިފް
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު
ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު