ވޮލީބޯޅަ އެސޯސިއޭޝަން

ރަން މެޑެއްޔާ ހަމައަށް ދެވޭނީ ލޯކަލް ލީގު ވަރުގަދަކޮށްގެން: ރަނޭޝްގެ އަމާޒު ރަނަށް!

މުޙައްމަދު ޝަމްޢޫން

ދިވެހި ވޮލީބޯޅައަށް ރިހި މެޑެއްޔަކުން މިހާރު ފުއްދާލެވެން ނެތް ކަމަށާއި، ރަން މެޑެއްޔަށް ވާސިލުވާން ތަފާތު މަސައްކަތެއް ކުރަން ޖެހޭ ކަމަށް ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެއެވެ.

ރަނޭޝް އެފަދަ ގޮތަކަށް ވާހަކަ ދައްކަވާފައި ވަނީ އިއްޔޭ ޓީވީއެމްގެ ސްޓޫޑިއޯގައި ބޭއްވި ތާރީހީ "ވީއޭއެމް ޕްލޭޔާ ޑްރާފްޓް" ގައި ވާހަކަ ދައްކަވަމުންނެވެ. މި އިވެންޓަކީ ރާއްޖޭގެ ކުޅިވަރު ތާރީހުގައިވެސް ބޭއްވި ފުރަތަމަ ޕްލޭޔާ ޑްރާފްޓް އިވެންޓެވެ. ރޭ ޑްރާފްޓް ކޮށްފައި ވަނީ ކުރިއަށް އޮތް ވޮލީ ސީޒަނުގައި ކްލަބުތަކުން ފެނިގެންދާނެ ބިދޭސީ ކުޅުންތެރިންނެވެ.

ރާއްޖޭގެ ވޮލީ އިތުރު ހަރުފަތަކަށް ގެންގޮސް، ނުލިބި އޮތް ރަން މެޑެއްޔަށް ވާސިލުވުމަށް ވީއޭއެމްއިން ގެންގުޅޭ ވިސްނުމުގެ ދަށުން، ރާއްޖޭގެ ވޮލީ ސީޒަނުގައި ކުޅޭ ތިން މުބާރާތުގައި ވާދަކުރާ ހަ ޓީމަށް، ރޭ ވަނީ ވަރުގަދަ ބިދޭސީ ކުޅުންތެރިން ހަވާލު ކޮށްފައެވެ. ކޮންމެ ޓީމަކަށްވެސް އެކިއެކި މަގާމުތަކަށް ކުޅޭ ކުޅުންތެރިން ޑްރާފްޓް ކުރުމަށް ހަމަހަމަ ފުރުސަތެއް ދީފައިވާ އިރު، އަންނަ ސީޒަންގައި ކޮންމެ ޓީމަކުން ބިދޭސީ ވަރުގަދަ ތިން ކުޅުންތެރިން ފެންނާނެއެވެ.

ރޭ ޑްރާފްޓްގައި ފެނުނު 18 ކުޅުންތެރިންނަކީވެސް މި ސަރަހައްދުގައި އެންމެ މޮޅެތި ކުޅުންތެރިންނެވެ. އެ ކުޅުންތެރިންނަކީ އިންޑިއާގެ ޕްރައިމް ވޮލީބޯޅަ ލީގުގައިވެސް ކުޅެފައިވާ ކުޅުންތެރިންނެވެ.

"އަޅުގަނޑުމެންގެ ޓީމުން ވިސްނީ ކަންކަން ކުރަމުން އަންނަ ގޮތް ބަދަލުކޮށްގެން ނޫނީ ރީޖަނަލީވެސް ދެން މި ކުޅިވަރު އަތެއް ނުވާނެކަން. އެގޮތުން ޓެކްނިކަލް ޓީމަށް ވިސްނުނީ ބިދޭސީ ހުނަރުވެރި ކުޅުންތެރިން ގެނެސް، އެ ކުޅުންތެރިންނާއެކު މަސައްކަތް ކޮށްގެން ނޫނިއްޔަކާ އަޅުގަނޑުމެންނަށް ލޯކަލީ ހުނަރެއް ނުއުފެއްދޭނެކަން،" ބިދޭސީ ވަރުގަދަ ކުޅުންތެރިންތަކަކާއެކު ސީޒަން ފެށުމަށް ވިސްނި ސަބަބާ ގުޅިގެން ރަނޭޝް ވިދާޅުވިއެވެ.

ރަނޭޝް ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ވޮލީއަށް ބައިނަލްއަގުވާމީ ފެންވަރުގައި ލިބިފައި ވަނީ ރިހި މެޑަލް ކަމަށާއި، އެ ރިހި މެޑަލް ރަން މެޑެއްޔަކަށް ބަދަލުކުރުމަށް ބިދޭސީ ކުޅުންތެރިންނާއެކު ލީގު ވަރުގަދަ ކުރަން ބޭނުންވާނެ ކަމަށެވެ.

"މިއަދަކު ރިހި މެޑަލްއަކުން ފުއްދާލެވޭކަށް ނެތް. ވޮލީބޯޅައިގެ ކުޅުންތެރިންނާއި މި ކުޅިވަރުގެ ތެރޭގައި އުޅޭ އެއްވެސް މީހެއް ނޫޅޭ ރަން މެޑަލްއަށް ނޫން ގޮތަކަށް ފިކުރުކުރާ. ރަން މެޑަލްއަކަށް ދާނަމަ، ބޭރަށް ގޮސް ގައުމީ ޓީމުން އެ ކުޅޭ ފެންވަރުގެ ކުޅުންތެރިންނާ ދެކޮޅަށް، އެ ފެންވަރުގެ މެޗުތަކެއް ލޯކަލް ލީގުގައި ކުޅެން އެބަ ޖެހޭ. އެގޮތަށް ވިސްނާފަ މިގެނައި ބަދަލު ފެންނާނީ، ލޯކަލް ޓެލެންޓާއެކު މި ފެންނަނީ ބޭރުގެ ޓެލެންޓްތައް،" ރަނޭޝް ވިދާޅުވިއެވެ.

ރަނޭ ވިދާޅުވީ ކުޅިވަރުތަކަކީ ހަމައެކަނި ކުޅިވަރެއް ކަމަށް ވެފައި އޮންނަ އޮތުން ބަދަލުކޮށް، ކުޅިވަރުވެސް ވިޔަފާރިއަކަށް ބަދަލުވެ، އިންވެސްޓްމަންޓް އޮފް ރިޓާން އަންނަން ޖެހޭ ކަމަށާއި، ލޯކަލް ވަރުގަދަ މުބާރާތްތަކަކާއެކު އެކަމަށް އިތުރު ފިޔަވަޅެއްވެސް އެޅިގެންދާނެ ކަމަށެވެ.

ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ގެނައުމުގެ ފައިދާ ބޮޑުވާނެ ކަމަށް އިޝާރާތްކޮށް، ކުރިން ގައުމީ ޓީމަށްވެސް ކުޅުއްވި ރަނޭޝް ވިދާޅުވީ މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި ކުޅޭ 32 މެޗުގައި ގައުމީ ޓީމުގެ 24 ކުޅުންތެރިންނަށް ލިބޭނީ ބޭނުންހިފޭނެ މުހިންމު ތަޖުރިބާތަކެއް ކަމަށެވެ.

"އެ ކުޅުންތެރިންނަށް ސްޕީޑު ބޯޅަތައް އެބަ ލިބޭ. އެ ކުޅުންތެރިންނަށް އުސް ބްލޮކްތައް އެބަ ލިބޭ. އެ ކުޅުންތެރިންނަށް ބޮޑެތި ބްލޮކްތަކާ އެކު ޝޮޓް ޖަހަން އެބަލިބޭ. މިއަށްވުރެ އުފާވެރިކަމެއް ކޮބައިތޯ އަޅުގަނޑުމެންނަށް. އަޅުގަނޑުމެންގެ ކުޅުންތެރިން ކޭމްޕަކަށް ދިޔައީމަ އެލިބޭ މަދު މެޗުތަކެކޭ އެއްވަރަށް މެޗު އެބަލިބޭ ލޯކަލް ސީޒަނުގައި، ޕްރެޝާއާ އެއްކޮށް، ގޯލެއް އިނދެ، ޗެމްޕިއަންކަން ހޯދަން އެ އިންނަ ޕްރެޝަރު އެއީ ފިލުވާލަން ބޭނުންވާ ހާސް ކަމަކީ،" ރަނޭޝް ވިދާޅުވިއެވެ.

ރަނޭޝް ވިދާޅުވީ ވީއޭއެމްގައި މީގެ ކުރިން ދެ ދައުރު ރައީސްކަން ކުރި ފަރާތްތަކުންވެސް ރާއްޖެއަށް ރިހި މެޑަލް ގެނެސްދީފައިވާ ކަމަށާއި، އެހެންކަމުން އޭނާއަށް އޮތް މަސައްކަތަކީ ކަންކަން ކުރާ ގޮތް އިތުރު ހަރުފަތަކަށް ގެންގޮސް ރަން މެޑަލް ހޯދުން ކަމަށެވެ. "އަޅުގަނޑުމެން ހަނދަށް އަމާޒުހިފައި ބަޑި ޖަހައިގެން ތަރިތަކަށް ލައްވައިލާނެ ކަމަށް މި އުންމީދުކުރަނީ،" ރަނޭޝް ރޭ ވިދާޅުވިއެވެ.