ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.

އެ މައްސަލައިގެ އަޑުއެހުން ކްރިމިނަލް ކޯޓަށް މިއަދު އެޖެންޑާ ކޮށްފައި އޮތީ، މެންދުރުފަހު 1:00 އަށެވެ. އަދި އެ އަޑުއެހުން އެ ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރާގޮތަށްވެސް އޮތީ ހަމަޖެހިފައެވެ.

ނަމަވެސް ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ، އެއް ވަކީލު އާދަމް ޝަމީމު މީގެ އިރުކޮޅެއް ކުރިން ވިދާޅުވީ 1:00 އަށް ތާވަލް ކޮށްފައި އޮތް ރައީސް ޔާމީންގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށެވެ. ސަބަބެއް އޭނާ ވިދާޅެއް ނުވެއެވެ.

އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި ދެ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ، ގާޒީ އަހުމަދު ޝަކީލް ވަނީ އެ މައްސަލައިގައި އިބްތިދާއީ ބަޔާން އިއްވައި، ޝަރީއަތް ފަށާއިރު ޝަރީއަތްތައް ލައިވްކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އާރަށު މައްސަލަ ލައިވް ނުކުރާތީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މީގެ ކުރިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ލައިވް ކުރުމަކީ ޝަރީއަތް އިންސާފުވެރިކޮށް ހާމަކަން ބޮޑުކޮށް ކުރިއަށް ގެންދިއުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ.

ކްރިމިނަލް ކޯޓުގައި އާންމުންނާ ގުޅޭ ބައެއް މައްސަލަތައް ދެ ފަރާތުންވެސް އެދޭ ނަމަ ލައިވްކޮށްގެން ކުރިއަށްގެންދެއެވެ. އެގޮތަށް އެ ކޯޓުން ލައިވް ކުރި ފުރަތަމަ މައްސަލައަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް، ގއ. ވޮޑަމުލާ ދޫކުރުމުގެ ތެރެއިން ރައީސް ޔާމީން އެއް މިލިއަން ޑޮލަރު ނަންގަވައި ލޯންޑާކުރެއްވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތެވެ.