ޔުކްރެއިން

ޖަޒުބާތުން ފުރާލި މެޗުގައި ސްކޮޓްލޭންޑް ބަލިކޮށް، ޔޫކްރެއިން ވޯލްޑް ކަޕާ ގާތަށް

ހަނގުރާމައެއްގެ ތެރޭގައި އޮތް ޔޫކްރެއިންއިން ރޭ ކުޅުނު ވޯލްޑް ކަޕް ޕްލޭ އޮފް މެޗުގައި ސްކޮޓްލޭންޑް ބަލިކޮށް، އެޓީމުން ފައިނަލް ބުރުގެ މެޗަށް ތައްޔާރު ވެއްޖެއެވެ.

ސްކޮޓްލޭންޑްގެ ހެމްޕްޑެން ޕާކުގައި ރޭ ކުޅުނު ކޮލިފިކޭޝަން ޕްލޭ އޮފް ބްރެކެޓްގެ ފުރަތަމަ މެޗުން ޔޫކްރެއިން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން މޮޅުވުމާއެކު ޔޫރަޕްގެ ވޯލްޑް ކަޕް ޕްލޭ އޮފްގެ އެންމެ ފަހު މެޗުގައި ދެން ޔޫކްރެއިން ކުޅެން ޖެހޭނީ ވޭލްސްއާ ދެކޮޅަށެވެ. ވޭލްސްއާ ދެކޮޅަށް ޔޫކްރެއިން ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ވޯލްޑް ކަޕްގެ ޖާގަ ލިބިގެން ދާނެއެވެ.

ޔޫކްރެއިންއިން ތައްޔާރުވަނީ 1991 ވަނަ އަހަރުގެ މިނިވަންކަމަށްފަހު ދެވަނަ ވޯލްޑް ކަޕަކަށެވެ. އެ އުފާވެރިކަމަށް ޔޫކްރެއިންގެ ފުޓުބޯޅަ ތައްޔާރުވި ނަމަވެސް، ރަޝިއާގެ ހަނގުރާމައާއެކު ގައުމުގެ ހާލަތު އޮތީ މުޅިން ގޯސްކޮށެވެ. ކޮލިފިކޭޝަން މެޗު ލަސްވާން ޖެހުނީވެސް އެ ސަބަބަށްޓަކައެވެ. ކޮލިފިކޭޝަން މެޗު ފުރަތަމަ ކުޅެން އޮތީ 24 މާޗުގައެވެ.

ރޭގެ މެޗަށް ޔޫކްރެއިންގެ ޓީމު ނުކުތީ ސްލޮވޭނިއާގައި ތަމްރީނުތައް ފުރިހަމަކޮށްފައެވެ. އެއީ އެއް މަސް ދުވަހުގެ ކޭމްޕެއްގައެވެ. ރޭގެ މެޗަށް ޔޫކްރެއިންގެ 3،5000 އެއްހާ ސަޕޯޓަރުން ވަދެފައިވާ އިރު، ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ 65 މީހަކަށް ސްކޮޓްލޭންޑްގެ އެފްއޭއިން ވަނީ ދައުވަތު ދީ، ދަނޑަށް ވައްދާފައެވެ.

ޔޫކްރެއިން މެޗަށް ނުކުތީ އެގައުމުގެ ދިދަތައް ގައިގައި އޮޅައިގެންނެވެ. އަސަރު ގަދަ ގައުމީ ސަލާމެއް މެޗުގެ ކުރިން ފެނިގެން ގޮސްފައިވާ އިރު، މެޗުގައި ޔޫކްރެއިންއަށް ލީޑު ނަގައިދިނީ އަންދްރޭ ޔާމަލެންކޯއެވެ. އެ ގޯލާއެކު ކުރީގައި އޮވެ ޔޫކްރެއިން ހާފު ނިންމާލި އިރު، ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ރޯމަން ޔަރެމްޗުކް ވަނީ ޔޫކްރެއިންއަށް ލީޑު ފުޅާ ކޮށްދީފައެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ކަލުމް މެކްގްރެގާ ސްކޮޓްލޭންޑަށް ގޯލެއް ޖަހައިދީ އުންމީދު އާކޮށްދިން ނަމަވެސް، ޔޫކްރެއިންއިން މެޗު ޔަގީންކުރީ މެޗުގެ ފަހު މިނެޓުގައި އާޓެމް ޑޮވްބީކް ޖެހި ގޯލާއެކުގައެވެ.

ޔޫކްރެއިންއާއި ވޭލްސް ވާދަކުރާ ވޯލްޑް ކަޕް ކޮލިފިކޭޝަން ފަހު މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭގައެވެ. އެ މެޗު އޮންނާނީ ވޭލްސްގެ ކާޑިފް ގައެވެ.