ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ މެންބަރުކަން ހޯދުމަށް ޔޫކްރެއިނުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ރަސްމީ މަޝްވަރާތަކުގެ ފުރަތަމަ މަރުހަލާ އަންނަ ހަފުތާގައި ފެށުމަށް އީޔޫގެ މެންބަރު ގައުމުތަކުގެ ސަފީރުން ފާސްކޮށްފިއެވެ. ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި އަންނަ ހޯމަ ދުވަހު ފަށާ މި މަޝްވަރާތަކަކީ، ޔޫކްރެއިނާއި މޮލްޑޯވާއަށް އީޔޫގެ މެންބަރުކަން ދިނުމާ ގުޅޭގޮތުން ކުރިއަށްގެންދާ ފުރަތަމަ ރަސްމީ ބައްދަލުވުންތަކެވެ.

ދަ ބްރަސަލްސް ޓައިމްސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްވަރާތައް ފެށުމަށް ހުރަހަކަށް ވެފައި އޮތީ ހަންގޭރީން އެކަމާ ދެކޮޅު ހެދުމުންނެވެ. ނަމަވެސް، ޔޫކްރެއިންގައި ދިރިއުޅޭ ހަންގޭރީގެ ދަރިކޮޅުގެ މީހުންގެ ހައްގުތަކާ ގުޅޭގޮތުން ހަންގޭރީގެ ބޮޑުވަޒީރު ޕީޓަރ މަގްޔާރް އާއި ޔޫކްރެއިނާ ދެމެދު އެއްބަސްވުމަކަށް އައުމަށްފަހު، ހަންގޭރީން ވަނީ އެ ގައުމުގެ ނިންމުން ބަދަލުކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މަޝްވަރާތަކުގެ ފުރަތަމަ މަރުހަލާގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާނީ އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަން ނެގެހެއްޓުމާ ގުޅޭ އަސާސީ ކަންތައްތަކަށެވެ. ޔޫރަޕިއަން ކައުންސިލްގެ ރައީސް އެންޓޯނިއޯ ކޮސްޓާ އަދި ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑަރ ލޭޔަން ވިދާޅުވި ގޮތުގައި، ބޮޑެތި ގޮންޖެހުންތަކަކާ އެކުވެސް އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ޔޫކްރެއިނާއި މޮލްޑޯވާއިން ދައްކަމުން އަންނަ ސާބިތުކަމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

މިކަމާ ގުޅިގެން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، “ޔޫކްރެއިނުން އަންނަނީ ކުރާން ޖެހޭ ކަންކަން ފުރިހަމަކުރަމުން” ކަމަށާއި، “އީޔޫއިން ވެސް އެ ޖަމާއަތުގެ ވައުދުތަކާ އެއްގޮތަށް އަމަލުކުރުން މުހިންމު” ކަމަށެވެ. އަދި މަޝްވަރާތަކުގެ ފުރަތަމަ މަރުހަލާ ފެށުމަކީ ޔޫކްރެއިންގެ ރައްޔިތުންނަށް ސިޔާސީ އަދި އަހުލާގީ ގޮތުން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީޔޫގެ މެންބަރުކަން ހޯދުމުގެ މަޝްވަރާތައް 30 ވަރަކަށް މައުޟޫއު ހިމެނޭހެން 6 ބަޔަކަށް ބަހާލެވިފައިވާއިރު، މުޅި މަރުހަލާ ނިމުމަށް އެތައް އަހަރެއް ނަގާނެ ކަމަށް ވަނީ ބެލެވިފައެވެ. ޔޫކްރެއިނުން 2027 ވަނަ އަހަރުގެ ނިޔަލަށް އީޔޫގެ މެންބަރުކަން ހޯދުމަށް އަމާޒު ހިފާފައިވީ ނަމަވެސް، ޔޫރަޕިއަން ކޮމިޝަނާއި މެންބަރު ގައުމުތަކުން ބާރުއަޅަނީ މިއީ ކަނޑައެޅިފައިވާ މިންގަނޑުތަކެއް ފުރިހަމަކޮށްގެން ކުރިއަށްގެންދާން ޖެހޭ މަރުހަލާއެއް ކަމަށެވެ.