"މިހާރު" ނޫހުގެ އޮފީހަށް ބަޔަކު ވަދެ ބިރުދެއްކި މައްސަލައެއް ފުލުހަށް ހުށަހަޅައިފިއެވެ.
އެ ނޫހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ނޫހާއި އެ ނޫހުގައި މަސައްކަތް ކުރަމުންދާ ނޫސްވެރިންގެ އަގު ވައްޓާލުމަށް ބަޔަކު ސާބިތު ނުހިފޭ ވާހަކަތަކެއް ފަތުރަމުންދާ ކަމަށެވެ. އެކަމަކީ އެ ނޫހުގެ ނޫސްވެރިންގެ އަބުރު ކަތިލުމަށް ހިންގާ ދަށު ދަރުޖައިގެ އަމަލެއް ކަމަށްވެސް ބުންޏެވެ.
".. މި ނޫހުގެ މުވައްޒަފުންނާ ބުލީ ކުރާކަން ހިތާމައާއެކު ފާހަގަކުރަން. އެކަންކަމުގެ ސަބަބުން ދިމާވާ ފުރައްސާރައާއި ބިރުވެރިކަން ވަނީ ބޮޑުވެފަ. އަދި އޭގެ ސަބަބުން ނޫހުގެ އޮފީހަށް ގޮތް ނޭނގޭ މީހުން ވަދެ ބިރުދެއްކުމުގެ އަމަލެއް ދާދިފަހުން ހިނގާފައި ވެސްވޭ،" މިހާރު ނޫހުން ބުންޏެވެ.
އެ ނޫހާއި ނޫސްވެރިންނާ ގުޅޭގޮތުން ދައްކާ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކުގެ ސަބަބުން ނޫސްވެރިންނަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ އެކި ހާލަތްތައް ބަޔާކޮށް އެކަންކަން މިއަދު ފުލުހަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެ ނޫހުގައި ލިޔާ އާޓިކަލްތައް، އޭގެ ހަގީގަތް އޮޅުވާލައިގެން، ސުވާލު އުފެދޭ ގޮތަށް ސޯޝަލް މީޑިއާ ޕޯސްޓްތައް ހަދައިގެން، އެ ނޫހާއި ނޫސްވެރިންނާ މެދު ނަފުރަތު އުފައްދަން ބަޔަކު ދަނީ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބަޔާނުގައި ބުންޏެވެ.
މީގެ ކުރިން އެކަންކަމާ ގުޅިގެން އެ ނޫހުގެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވިޔަސް، ކަންކަން އިތުރަށް ގޯސްވެ ނޫސްވެރިންނަށް ނުރައްކާވާ ހިސާބަށް ގޮސްފައި ވާތީ، އެ ނޫހާއި އެ ނޫހުގައި މަސައްކަތް ކުރާ އެއްވެސް ނޫސްވެރިއަކާ ބެހޭ ގޮތުން ސާބިތު ނުހިފޭ އެއްވެސް ވާހަކައެއް ދައްކައިފިނަމަ، ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ބަޔާނުގައި ބުންޏެވެ.
ރާއްޖޭގެ ގާނޫނުތަކުގެ އިމުގެ ތެރޭގައި ފާޑުކިޔުމާއި ކޮމެންޓް ކުރުމަކީ އަބަދުވެސް ތާއީދުކުރާނެ އަދި ހިތްވަރު ވެސް ދޭނެ ކަމެއް ކަމަށާއި ނަމަވެސް އަބުރަށް އަރައިގަތުމާއި ފިތުނަ އާއި ފުރައްސާރަ އާއި ފިތުނަފަސާދަ އަށް މަގުފާރިކުރާ ހިޔާލުތަކާއި އަމަލުތައް ބަލައި ނުގަންނާނެ ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.
މިހާރު ނޫހުގެ ބަޔާނުގައި އިތުރަށް ބުނީ އެ ނޫހުގެ ނޫސްވެރިން މަސައްކަތް ކުރަނީ ރާއްޖޭގެ ގާނޫނުތަކާއި ނޫސްވެރިކަމުގެ ކޯޑް އޮފް އެތިކްސްގެ ތެރޭގައި ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު