ވަޅިއަކުން ހަމަލާދީ، ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު މަރައިލި މައްސަލައިގައި، ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ 25 އަހަރަށް ޖަލަށް ލާން ކުރި ހުކުމްގެ އިސްތިއުނާފީ އަޑުއެހުމެއް މިއަދު ސުޕްރީމް ކޯޓުގައި ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މިއީ ސުޕްރީމްކޯޓުގައި ބޭއްވި މި މައްސަލައިގެ ތިންވަނަ އަޑުއެހުމެވެ.
މިއަދުގެ އަޑު އެހުމުގައި ޝާހިދުގެ ގަޔަށް ނަޒާހާ ވަޅި ހެރުމާ ބެހޭގޮތުން އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާން ނަޒާހާއާ ސުވާލު ކުރެއްވިއެވެ.
ނަޒާހާގެ އިންޓަވިއު ރެކޯޑިން ހިމެނޭ ސީޑީ އަޑުއައްސަވާފައިވާކަމަށް ވިދާޅުވެ، "ޝާހިދުގެ ގަޔަށް ވަޅި ހެރީ ބުރަކައްޓަން ފަހަތުން ދެއްތޯ،" އުއްތަމަ ފަނޑިޔާރު ސުވާލު ކުރެއްވިއެވެ.
އުއްތަމަ ފަނޑިޔާރުގެ ސުވާލަށް ޖަވާބު ދެއްވަމުން ނަޒާހާ ބުނީ އެކަންތައް އެނގުނީ ފަހުން ކަމަށާއި ވަޅި ހެރި ވަގުތު އެއްވެސް އެއްޗެއް އޭނާއަށް ނޭނގޭ ކަމަށެވެ.
"ފަހުން އެ ހުރިހާ އެއްޗެއް އެނގުނީ އެވަގުތަކު އެގަޑިއަކު އެއްވެސް އެއްޗެއް ނޭނގެ، އަޅުގަނޑު ބެލީ އެތަނުން ނުކުމެގެން ދެވޭތޯ،" ނަޒާހާ ބުންޏެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ނަޒާހާގެ ދިފާއީ ވަކީލު މަރިޔަމް ނިހާޔަތު ވިދާޅުވީ، ނަޒާހާގެ ފުށުން ޝާހިދަށް ހަމަލާ ދެވުނު ކަމަށާއި ނަޒާހާގެ ފަރާތުން ޝާހިދުގެ ގަޔަށް ވަޅިއެއް ހެރުނުކަމާއި އެއާވިދިގެން އެހާދިސާގައި ކަންތައް ހިނގައިދިޔަ ގޮތަށް، ޝަރީއަތުގެ އެއްވެސް މަޖިލީހެއްގައި ނަޒާހާ އިންކާރު ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެއީ އޭނާ ގަސްތުގައި ކޮށްފައިވާ ކަމެއްނޫން ކަމަށްވެސް ނަހާޔަތު ވިދާޅުވިއެވެ.
އެ މައްސަލައިގައި ގަސްތުގައި މިހާރު މަރައިލުމުގެ ދައުވާ ނަޒާހާގެ މައްޗަށް ކޮށްފައިވާ އިރު، އެކަމުގައި މިީހަކު މަރައިލުމުގެ ނިޔަން ނުވަތަ ގަސްތު އޮންނަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ނަޒާހަތު އެކަން ކުރީ ގަސްތުގައި ނޫން ކަމަށާއި އެއީ މާބޮޑަށް ވިސްނާފައި ނުވަތަ ދުރާލާ ރާވައިގެން ނަޒާހާ ކުރިކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އަދި އެކަމުގެ ސަބަބުން ޝާހިދު ޒަހަމްވިކަން އެނގުނު ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށްދިޔަ އިރު ވެސް ޝާހިދު މަރުވިކަން ނަޒާހާއަށް އެނގިފައިނުވާ ކަމަށާއި އޭނާއަށް އެކަން އެނގުނީ ފުލުހުންގެ ފަރާތުން ކަމަށްވެސް ވިދާޅުވިއެވެ.
ނިހާޔަތު ވިދާޅުވީ އެ މައްސަލައިގައި ނަޒާހާގެ ފަރާތުން ސުވާލު އުފައްދާ ކަމަކީ ޝާހިދުގެ ގަޔަށް ވަޅި ހެރި ހިސާބުން އެ މައްސަލަ ނުނިމޭނެތީ ކަމަށެވެ. އޭގެ ފަހަތުގައިވާ ހަގީގަތްތައް މި މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި ބަލާފައިނުވާ ކަމަށާއި އަދި އެއިރު ނަޒާހާގެ ހާލަތު ވަޒަން ކޮށްފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިފަދަ ބޮޑު ތުހުހުމަތެއް މީހެއްގެ މައްޗަށް ކޮށް ޝަރީއަތް ހިންގައި ހުކުމް ކުރާއިރު، އެކަންކަމާ ގުޅިގެން ހުރި ކަންތައްތައް ބަލައި ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. އެކަންކަން ބެލިފައިނުވާނަމަ އެ ޝަރީއަތަކީ ފުރިހަމައަށް ހިނގާފައިވާ ޝަރީއަތެއް ކަމަށް ނުދެކެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު