އިޓަލީ އާއި އާޖެންޓީނާ މިރޭ ވެމްބްލީގައި ކުރިމަތިލާނެއެވެ. އެއީ 2020 ގެ ޔޫރޯ ފައިނަލަށްފަހު އިޓަލީން ވެމްބްލީއަށް ނުކުންނަ ފުރަތަމަ ފަހަރެވެ. މިރޭގެ މެޗަށް ނަން ދީފައި ވަނީ "ފައިނަލިސީމާ" ގެ ނަމުންނެވެ. އެއީ ޗެމްޕިއަނުންގެ ކުރިމަތިލުމެކެވެ. ޔޫރަޕްގެ ޗެމްޕިއަނުންނާއި ދެކުނު އެމެރިކާގެ ޗެމްޕިއަނުންގެ ކުރިމަތިލުމެކެވެ. ތަށްޓެއްގެ އިންތިޒާރު ދެޓީމުން ކުރަމުންދަނީ ދެ ސަބަބަކަށްޓަކައެވެ. އިޓަލީން އާ ފެށުމަކަށް އަނެއްކާވެސް ވިސްނަން ޖެހިފައެވެ. އާޖެންޓީނާއިން އެޓީމުގެ ފެންވަރު ސާބިތު ކުރުމަށްޓަކައެވެ.

މިދިޔަ އަހަރު ވެމްބްލީގައި ކުޅުނު ޔޫރޯ 2020ގެ ފައިނަލުގައި އިޓަލީން އިންގްލެންޑް ބަލިކޮށް، އުފާވެރިކަމުގެ ޕާޓީއެއް ގެނައެވެ. އެއީ ޔޫރަޕްގެ ރަސްކަމަށް އައިސްގެންނެވެ. އެހެންނަމަވެސް އެ ޕާޓީގެ ފޯރި ކެނޑިގެން ދިޔައީ އަނެއްކާވެސް ވޯލްޑް ކަޕުން ފުރުސަތު ގެއްލުމުންނެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުންވެސް ފުރުސަތު ގެއްލުނު އިޓަލީއަށް މިއަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ގެއްލުންވީ ފުޓުބޯޅައިގެ "ކަޅު" ތާރީހަކަށެވެ.

މިރޭގެ މެޗަށް އަނެއްކޮޅުން ނުކުންނަ އާޖެންޓީނާ އޮތީ ވޯލްޑް ކަޕުގެ ތަށްޓައް އަމާޒު ހިފައިފައެވެ. 28 އަހަރަށްފަހު މިދިޔަ އަހަރުގެ ކޮޕާ އެމެރިކާ ތަށި އާޖެންޓީނާ އާއި ކެޕްޓަން ލިއޮނަލް މެސީ އުފުލާލި އިރު، މިއަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕަށް އެގައުމު ކޮލިފައިވީ ކޮލިފިކޭޝަން މެޗަކުން ބަލިނުވެއެވެ. އާޖެންޓީނާއަށް މިރޭގެ މެޗުން އޮތީ އެޓީމުގެ ފެންވަރު ސާބިތު ކުރުމެވެ.

އާޖެންޓީނާގެ ވާހަކަ މާ ގަދައަށް ދެއްކުމަށް ވުރެ ބޮޑަށް އިޓަލީގެ ވާހަކައަށް ސަމާލުކަން ހުއްޓެނީ އެޓީމުން ޔޫރޯ ނަގައި ހަމަޖެހިލިތަނާ އަނެއްކާވެސް ވޯލްޑް ކަޕެއް ގެއްލުމުންނެވެ. 2018 ގެ ވޯލްޑް ކަޕުން އިޓަލީއަށް ފުރުސަތު ގެއްލުނު ގެއްލުމުން އަރައިގަނެ ކޯޗު ރޮބާޓޯ މަންޗީނީ އާ ޓީމެއް ބިނާކޮށް 2020 ގެ ޔޫރޯ ނެގިއެވެ. އެހެން ނަމަވެސް އަނެއްކާވެސް ހާލަތު ބަދަލުވެ، ޓީމެއް ބިނާކުރުން މަންޗީނީއަށް ޖެހިއްޖެއެވެ. އެ މަސައްކަތާއެކު މަންޗީނީ އިޓަލީއާ ދުރަށްދާނެ ކަމަށް ބެލެވުނު ނަމަވެސް، އެކަމަށް މަންޗީނީ އަނެއްކާވެސް ފަހަތަށް ނުޖެހުނެވެ.

"އިޓަލީއަށް ވޯލްޑް ކަޕް ގެއްލުމަކީ އަހަރެންގެ ކެރިއަރުގައި ކުރިމަތިވި އެންމެ ބޮޑު މާޔޫސްކަން. އެކަމަށް އަހަރެން ފުރިހަމަ ޒިންމާ ނަގާނަން. އަހަރެން އިސްތިއުފާ ދޭނަންތޯ އެއީ ކުރެވުނު ސުވާލެއް. އެކަމަކު އަހަރެން އިސްތިއުފާ ދޭން ޖެހޭ ކަމަށް ގަބޫލެއް ނުކުރަން،" މަންޗީނީ އޭރު ބުންޏެވެ.

މަންޗީނީ މަޑުކުރީއެވެ. އިޓަލީއަށް "ރިވޮލިއުޝަނެއް" ގެންނަން ނުޖެހުނު ނަމަވެސް އަނެއްކާވެސް "އެވޮލިއުޝަނެއް" ގެންނަން ޖެހިއްޖެއެވެ. ފުރަތަމަ ބުރުން ގެނައި އިންގިލާބީ ބަދަލު އަލުން ގެންނަން ނުޖެހުނު ނަމަވެސް އެއާ ގާތް ބަދަލެއް އިޓަލީއަށް އަނެއްކާވެސް ގެންނަން ޖެހިއްޖެއެވެ. އެޓޭކިން، ޝައުގުވެރި، ޓީމް ވޯކް ރަނގަޅު ފުޓުބޯޅައަކަށް އިޓަލީ ފައްކާކުރަން ގެންނަ ބަދަލުގެ ކޮޅުމަތި މިރޭން ފެށިގެންވެސް ފެންނާނެއެވެ.

ގައުމީ ޓީމަށް 117 މެޗު ކުޅެދިން ކެޕްޓަން ޖޯޖިއޯ ޗިއެލީނީ މިރޭ އަލްވަދާއު ކިޔާނެއެވެ. އެތަން ފޫބައްދަން ހުރި ކުޅުންތެރިޔާ މިހާރު މަންޗީނީ ހުރީ ތައްޔާރުކޮށްފައެވެ. އުމުރުން 35 އަހަރުގެ ލިއެނާޑޯ ބޮނޫޗީ އަދި ގައުމީ ޓީމާއެކު ހުރި އިރު، އޭނާގެ ޕާޓްނަރަކަށް ދެން ވާނެ ކަމަށް ބެލެވެނީ އިންޓަ މިލާނުގެ 23 އަހަރުގެ ސެންޓާ ބެކް އެލެސަންޑްރޯ ބަސްޓޯނީއެވެ.

މިރޭގެ މެޗަށް ސީރޯ އިމޯބިލޭ އާއި ލޮރެންޒޯ އިންސީނިއާއަށް ފުރުސަތު ނުދީ ސްކޮޑުން ފެންނާނީ އަލަށް ސްކޮޑަށް އަންނަ ވިލްފްރެޑް ނޮންޓޯއެވެ. މެދުތެރެއިން އަދިވެސް ފުރުސަތު ލިބެން އޮތީ ޖޯޖީނިއޯ އާއި މާކޯ ވެރާޓީ، ނިކޮލާ ބަރޭލާ، މެނުއަލް ލޮކަޓެލީ އަށެވެ. ގޯލު ބަލަހައްޓަން ނުކުންނާނީ ޖިއާންލުއީޖީ ޑޮނަރޫމާ ކަން އަދިވެސް ޔަގީނެވެ.

މަންޗީނީއަށް އޮތީ އޭނާ މިހާރު ކުރަމުންދާ މަސައްކަތް ދުނިޔެއަށް ދެއްކުމެވެ. މިރޭގެ ފައިނަލުން އާޖެންޓީނާއަށް އޮތީ ކާމިޔާބީގައި ދެކުނު އެމެރިކާގެ ބައްރުން ބޭރުވެ، ދުނިޔޭގެ ފެންވަރުގައި ސާބިތުކަން ހޯދުމެވެ. ފައިނަލިސީމާ މިރޭ އޮންނާނީ ރާއްޖެ ގަޑިން 11:45 ގައެވެ.