ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން މިރޭ މާލޭގައި ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" މުޒާހަރާގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު މިރޭ މީޑިއާތަކަށް ވިދާޅުވީ، މިރޭ ބޭއްވި އެއްވުން ރޫޅާލުމަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން ހަތް މީހަކަށް އޭޑިކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ،

ހީނާ ވިދާޅުވީ، ވީޓީވީގެ ނޫސްވެރިއެއްގެ ލޮލަށް ވެސް ޕެޕާ ސްޕްރޭ ޖަހާފައިވާ ކަމަށެވެ. އަދި އެ ނޫސްވެރިޔާވެސް އޭޑީކޭގައި އެޑްމިޓް ކޮށްގެން ފަރުވާދެމުންދާ ކަމަށެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގަރާރެއް ނެރުއްވައި އެ ކެމްޕޭން ހުއްޓުވުމަށް އަންގަވައިފައެވެ.

އެ ގަރާރާ ގުޅިގެން ފުލުހުން ވަނީ "އިންޑިއާ އައުޓް" ޖަހާފައިވާ ބެނާތަކެއް ނަގައިފައެވެ. އޭގެ ތެރޭގައި ޔާމީންގެ ގޮކޮޅުގައި ހަރުކޮށްފައިވާ ބެނާވެސް ހިމެނެއެވެ. އަދި ބެނާ ހަރުކުރި ގެތަކުގެ ވެރިން ފުލުހަށް ހާޒިރުވުމަށް ވަނީ އަންގައިފައެވެ. މީގެ އިތުރުން ފާރުތަކަށް "އިންޑިއާ އައުޓް" ސްޕްރޭ ކުރި މީހުންގެ މައްސަލަތައް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އިދިކޮޅު ކޯލިޝަންގެ ފަރާތުން "އިންޑިއާ އައުޓް" ކެމްޕޭން އިންތިޒާމުކުރާ ކަމަށް ތުހުމަތުކޮށް ހޯރަފުށީ ދާއިރާގެ ކުރީގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު އިސްމާއީލް ވެސް މީގެ ކުރިން ދެ ފަހަރަކު ހައްޔަރުކުރިއެވެ.

ފުލުހުން މުޒާހަރާގެ ބައިވެރިން ހައްޔަރުކުރިއަސް މުޒާހަރާކުރުން ނުހުއްޓުވޭނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި ރައީސް ސޯލިހުގެ ގަރާރަކީ ބާތިލު ގަރާރެއްކަން ކަނޑައަޅަން މިހާރު ވަނީ ކޯޓަށް ހުށަހަޅައިފައެވެ.