ޚަބަރު

ފުލުހުންގެ ފްލެޓްތައް ނިންމުން ދެމަހަށް ލަސްވާނެ: ހައުސިން

އިބްރާހިމް ޒަކީ

މޯލްޑިވްސް ޕޮލިސް ސާވިސަސްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން 2013 ވަނަ އަހަރު ހުޅުމާލޭގައި ތަރައްގީކުރަން ފެށި ފްލެޓްތައް ނިންމަން މި ސަރުކާރުން ކަނޑައެޅި އްދަތުގައި އެ މަސައްކަތް ނުނިމޭނެ ކަމަށާއި މަސައްކަތް ނިމޭނީ އެއްބަސްވުމުގައިވާ މުއްދަތަށް ވުރެ ދެ މަސް ފަހުން ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ސިފައިންނަށް "ސިފްކޯ" އަދި ފުލުހުންނަށް "ޕޮލްކޯ" އިން ތަރައްގީކުރަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫއު ނިމިފައިނުވާ މައްސަލައާ ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ބޭފުޅުންނާ ބައްދަލުކޮށް އެ ކަމާގުޅޭ މަސައްކަތްތައް އޮޅުން ފިލުވުމަށް މިއަދު ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ.

އެ ކޮމިޓީ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ މިނިސްޓްރީން ކުރިއަށް ގެންދަނީ ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް އެކަނި ކަމަށާއި އެ ފްލެޓްތަކުގައި ނުނިމި ބާކީ ހުރި މަސައްކަތްތައް ނިންމުމަށް އަމީން ކޮންސްޓްރަކްޝަންއާ ހަވާލު ކުރީ ހުސްވި ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. އެއީ 240 ދުވަހުގެ ތެރޭގައި ނިންމަށް ހަވާލު ކުރި 259 މިލިޔަން ރުފިޔާގެ މަސައްކަތް ކަމަށާއި އެހެންކަމުން އެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ 20 ގެ ނިޔަލަށް ނިންމަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އެ ފްލެޓްތަކުގެ މަސައްކަތްތަކާ ގުޅިގެން ކޮމިޓީ މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ، މިހާރު އެ މަސައްކަތް ކުރިއަށް ދާގޮތުން މަސައްކަތް ނިންމަން އޮތް މުއްދަތަށް ނުނިމޭނެ ކަމަށާއި މަސައްކަތް ނިންމަން އިތުރު ދެމަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.

އެ ޕްރޮޖެކްޓް މިހާރު އޮތް ގޮތުން އެތައް އުނދަގޫތަކެއް ދިމާވެފައިވާ ކަމަށާއި އެތަނުގައި ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި ކުރީއްސުރެ މަސައްކަތް ހަވާލު ކޮށްގެން އެތަނުގެ ނެޓްވޯކާއި ކެމެރާތައް ފަދަ ޓެކްނިކަލް މަސައްކަތްތައް ކުރަމުންގެންދާ ކުންފުނީގެ މަސައްކަތްތައް ހުރިގޮތުން އަމީން ކޮންސްޓްރަކްޝަންގެ މަސައްކަތްތަކަށް ދަތިތައް ކުރިމަތިވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

އަކުރަމް ވިދާޅުވީ އެ ކުންފުންޏަކީ މީގެ ކުރިން ފްލެޓްތަކުގެ މަސައްކަތް ކުރި އައިލެންޑް އެކްސްޕާޓްގެ އެހެން ކުންފުންޏެއް ކަމަށާއި އެއީ ކުރިންވެސް އެ މަސައްކަތް ހަވާލުކޮށް ފައިސާވެސް ދީފައިވާ ކުންފުންޏެއް ކަމަށެވެ.

އަކުރަމް ވިދާޅުވީ އެ މަސައްކަތުގައި އިތުރު ލަސްވުމެއް ނާންނާނެ ކަމަށާއި މަސައްކަތްތައްވެސް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

ފްލެޓް ޕްރޮޖެކްޓަށް ބޭނުންވާ ވަރަށް ރާއްޖެއަށް މުދާ ގެނެސްފައިވޭތޯ މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަކުރަމް ވިދާޅުވީ ގިނަ މުދާތައް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށެވެ. ނަމަވެސް ތަނުގެ މަސައްކަތް ކުރިއަށްދާ ވަރަކުން ބައެއް ސާމާނު މަދުވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މި ޕްރޮޖެކްޓް ކުރިއަށްދާ ގޮތާމެދު ކަންބޮޑުވެވަޑައިގެން ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެމްބަރު އިލިޔާސް ލަބީބް ވިދާޅުވީ މި ޕްރޮޖެކްޓަކީ 2013 ވަނަ އަހަރު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ފެށި ޕްރޮޖެކްޓެއް ކަމަށާއި އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ނޫމަޑިއާ ހަވާލު ކުރީ އެ ޕްރޮޖެކްޓްގެ 20 ޕަސެންޓް ސަރުކާރުން ދިނުމަށްފަހު، ކޮންޓްރެކްޓް ފައިނޭންސް އުސޫލުން އަނެއް ބައި އެ ކުންފުނިން ލާގޮތަށް ކަމަށެވެ.

ނަމަވެސް ސަރުކާރުގެ 20 ޕަސެންޓް ދީގެން އެ މަސައްކަތް ފަށައި ވަކި ހިސާބަކުން ކުރިއަށްނުގޮސް ހުއްޓުނީ ކަމަށާއި އެކަމަށް ބޭނުންވާ އިތުރު ފައިސާ ލިބިފައިވާކަމުގެ ހެއްކެއް އެ ކުންފުންޏަށްވެސް ނުދެއްކުނު ކަމަށެވެ. އެހެންކަމުން އެ ކުންފުނި އަތުން ޕްރޮޖެކްޓް އަތުލައި 2015 ގައި ސަބް ކޮންޓްރެކްޓެއް ގޮތަށް އެއިލެންޑް އެކްސްޕާޓާ މަސައްކަތް ހަވާލުކުރި ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެއިރު ކަންތައް ވަމުންދިޔަ ގޮތަކީ އެ ކުންފުނިން ބިލު ކުރި ވަރަށް ފިނޭންސް މިނިސްޓްރީން ފައިސާ ދެމުން ގެންދިއުން ކަމަށާއި އެކަމުގެ ސަބަބުން އެ ޕްރޮޖެކްޓަށް ހަރަދުވި ވަރު ސާފުނުވެ އެކަންތައް ހޯދަން ޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޕޮލްކޯ ފްލެޓްތަކުގައި ހިމެނެނީ ޖުމުލަ 361 ޔުނިޓްގެ ތިން ޓަވަރެވެ. އަދި ކޮންމެ ޔުނިޓެއްގެ ބޮޑުމިނަކީ އެވްރެޖްގޮތެއްގައި 1100 އަކަ ފޫޓެވެ. މި ޓަވަރުތަކުގައި އެޕާޓްމަންޓްތަކުގެ އިތުރުން، ޕާކިން އޭރިއާ، ކޮމާޝަލް އޭރިއާ އަދި މަލްޓިޕާޕޯސް ހޯލްގެ ވަސީލަތްތައް ހިމެނެއެވެ.