އައްޑޫ ސިޓީގައި ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރުކުރި އައިމިނަތުދިޔެ، 59އ. ޝަރީއަތް ނިމެންދެން ބަންދު ކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
ސްކޫލުގައި ކިޔަވަމުންދާ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއްގައި، މާޗު މަހުގެ 25 ވަނަ ދުވަހު އައްޑޫ ސީޓީ ހިތަދޫން ހައްޔަރުކުރި އައިމިނަތުދިޔެއަކީ ކުއްޔާ ކިޔަވަމުންދާ ސްކޫލުގެ މަސައްކަތު މީހެކެވެ. އެ އަންހެން މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރުނެވެ.
މެޖިސްޓްރޭޓް ކޯޓުގެ އެ ނިންމުން އާމިނަތުދިޔެގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށްފަހު އޭޕްރީލް 20 ވަނަ ދުވަހު ހައިކޯޓުން ހުކުމްކުރީ އާމިނަތުދިޔެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށެވެ.
ހައިކޯޓުގެ އެ ހުކުމް އައިމިނަތުދިޔެ ގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ.
ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރީ އެ އިސްތިއުނާފް މައްސަލައިގައެވެ.
އައިމިނަތުދިޔެ ބަންދު ކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ނަމަވެސް އޭނާ މިހާރު ވަނީ ދޫކޮށްލައިފައެވެ.
ހުސްވި އޭޕްރީލްމަހުގެ 21 ގައި އޭނާ ދޫކޮށްލަމުން ފުލުހުން ބުނީ، އެ މައްސަލައިގެ ތަހުގީގުގައި ހޯދާފައިވާ ހެއްކާއި ގަރީނާ ވަޒަންކުރުމަށްފަހު، އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ކޮށްގެން ކުށް ސާބިތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ނިންމައި ޕީޖީ އޮފީހުން މައްސަލަ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވަން އަށް މިއަދު ވިދާޅުވީ، އައިމިނަތުދިޔެގެ ފަަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ އޭނާ ދޫކޮށްލުމުގެ ކުރިން ކަމަށެވެ. އެހެންކަމުން މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން އެކަމަށް އަންނާނެ އިތުރު ބަދަލެއް ނޯންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު