މިއަހަރުގެ ބެލޮންޑިއޯ ހައްގުވަނީ ރެއާލް މެޑްރިޑްގެ ކަރިމް ބެންޒެމާއަށް ކަމަށް ޕީއެސްޖީގެ ފޯވަޑް ލިއޮނަލް މެސީ ބުނެފިއެވެ.
ޓީވައިސީ ސްޕޯޓްސްއަށް މެސީ ދިން ހާއްސަ އިންޓަވިއުއެއްގައި އާޖެންޓީނާގެ ފޯވަޑް ވަނީ އޭނާގެ ޕީއެސްޖީ ހަޔާތުގެ މައްޗަށް އަލިއަޅުވާލުމުގެ އިތުރުން މިދިޔަ ސީޒަނުގެ ފުޓުބޯޅައަށްވެސް ވާހަކަ ދައްކާފައެވެ. ޅަ ދުވަހުން ފެށިގެން ކުޅެމުން ދިޔަ ކްލަބު ބާސެލޯނާ ދޫކޮށް، މެސީ މިދިޔަ ސީޒަނުގައި ޕީއެސްޖީއަށް ބަދަލުވީ ކުއްލި ޓްރާންސްފާއެއްގައެވެ. މެސީގެ ވާހަކަތަކުން އެނގިފައި ވަނީ އެ ނިންމުން ނިންމަން ޖެހުނީ މަޖުބޫރީ ހާލަތުގައި ކަމަށެވެ.
ޕީއެސްޖީއާއެކު ނިމިދިޔަ ސީޒަންގެ ފްރާންސް ލީގު މެސީ ކާމިޔާބު ކުރި ނަމަވެސް، ސީޒަން ވެގެން ދިޔައީ އޭނާއަށް އެންމެ ކާމިޔާބު ސީޒަނަކަށް ނޫނެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަތުން ހިތްދަތިކޮށް ކަޓައިގެން ދިޔަ ދިޔުން ފާހަގަކޮށްލެވެއެވެ. އެ ވާހަކައަށް އަލިއަޅުވާލައި މެސީ ބުނީ ރެއާލްގެ އެ ކާމިޔާބީގެ ހަގީގީ މޭސްތެރިއަކަށްވީ ބެންޒެމާ ކަމަށެވެ. ބެންޒެމާ ޕީއެސްޖީ ކޮޅަށް ހެޓްރިކް ހެދި އިރު، މެސީ ވަނީ އެކަމަށް ތައުރީފް ކޮށްފައެވެ.
"އަހަންނަށް ޝައްކެއް ނެތް ބެންޒެމާއާ ދޭތެރޭ. ބެންޒެމާއަކީ ރެއާލްގެ އެންމެ މުހިއްމު ކުޅުންތެރިޔާ. ހާއްސަކޮށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގައި ބެންޒެމާގެ ދައުރު ވަރަށް މުހިއްމު. ގަދަ 16 އިން ފެށިގެން ބެންޒެމާ އާދަޔާހިލާފު މޮޅަށް ކުޅުނު. އެހެންވީމާ ބެލޮންޑިއޯއަށް ޝައްކެތް ނެތް. މިއަހަރުގެ ބެލޮންޑިއޯ ހައްގު ވަނީ ބެންޒެމާއަށް،" މެސީ ބުންޏެވެ.
މެސީ ތައުރީފް ކޮށްފައިވާ ބެންޒެމާ ނިންމާލާފައި ވަނީ އެންމެ ކާމިޔާބު އެއް ސީޒަނެވެ. މިދިޔަ ސީޒަނުގައި އޭނާ ކުޅުނު 46 މެޗުގައި 44 ގޯލު ޖަހައި، 15 އެސިސްޓް ހަމަކޮށްފައި ވެއެވެ.
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު
ބެލޮންޑިއޯ އެވޯޑު