ފުވައްމުލަކު ސިޓީގައި ހުރި ތެޔޮ ޓޭންކެއްގައި ރޯވެ، އެކަކަށް އަނިޔާވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ރޯވެފައިވަނީ ފުވައްމުލަކު ސިޓީގެ ދޫނޑިގަން އަވަށުގައި ހުންނަ "ދަ ހޯކްސް ފިއުލް"ގެ ތެޔޮ ޓޭންކެއްގައި ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ ގޭސް ކަޓަރެއް ބޭނުންކޮށްގެން މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ. ރޯވި އަލިފާންގަނޑު ނިއްވާލައިފައިވާއިރު މި ހާދިސާގައި އަނިޔާވެފައިވަނީ އެތަނުގައި މަސައްކަތް ކުރާ ބިދޭސީއަކަށެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ފުވައްމަލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު ވިދާޅުވީ، އެ ބިދޭސީމީހާގެ ގައިގެ އެކި ތަންތަން ފިހިފައިވާ ކަމަށާއި ބޮލަށްވެސް އަނިޔާވެފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރަފީގު ވިދާޅުވިއެވެ.