މެންޗެސްޓާ ޔުނައިޓެޑްގެ ވަގުތީ ކޯޗުގެ މަގާމުގައި މިދިޔަ ސީޒަނުގެ ފަހު ބައިގައި ހުރި ރާފް ރަންގްނިކް، ކްލަބުން ހަވާލުކުރި ދެ އަހަރު ދުވަހުގެ ކޮންސަލްޓެންސީ މަގާމުގައި މަޑުނުކުރާނެ ކަމަށް އެ ކްލަބުން ބުނެފިއެވެ.

ޖަރުމަނުގެ ފުޓުބޯޅަ ތަޖުރިބާކާރު ރަންގްނިކް ޔުނައިޓެޑްގެ ކޯޗުކަމާ މިދިޔަ ޑިސެންބަރު މަހު ހަވާލުވީ ވަގުތީ ގޮތުންނެވެ. ޔުނައިޓެޑްގެ ކޯޗުކަމުގައި އޭރު ހުރި އޮލެ ގުނަ ސޮލްޝެއާ އެ މަގާމުން ދުރުކޮށް ރަންގްނިކް އެ މަގާމަށް ގެނައީ ސީޒަން ނިންމެންދެން ވަގުތީ ކޯޗަކަށެވެ. ޔުނައިޓެޑުން އޭރު ކަނޑައަޅާފައި އޮތީ މި ސީޒަން ނުމުމާއެކު ކްލަބު އަލުން އާރާސްތުކުރުމަށް ކުރަމުންދާ މަސައްކަތުގެ ހާއްސަ ކޮންސަލްޓެންޓެއްގެ ގޮތުގައި ރަންގްނިކް ހަމަޖެއްސުމަށެވެ. އެއީ ދެ އަހަރު ދުވަހަށެވެ.

ނަމަވެސް މިދިޔަ ސީޒަނުގެ ފަހުކޮޅުގައި ރަންގްނިކް ވަނީ އޮސްޓްރިއާގެ ގައުމީ ޓީމާ ހަވާލުވެފައެވެ. އެހެންކަމުން އުމުރުން 63 އަހަރުގެ ރަންގްނިކް ޔުނައިޓެޑުގައި މަޑުނުކުރަން މިހާރު ވަނީ ނިންމައިފައެވެ. އޮސްޓްރިއާއަކީ ކްލަބު ފުޓުބޯޅައިގައި ރަންގްނިކް ކާމިޔާބު މަސައްކަތްތަކެއް ކުރި ގައުމެކެވެ. އެގޮތުން އޭނާ ވަނީ ރެޑްބުލް ސާލްބާގު ފަދަ ކްލަބުތަކަށް އިންގިލާބީ ބަދަލުތައް ގެންނަން އެކްޒެކެޓިވް ރޯލުތަކުގައި މަސައްކަތް ކޮށްފައެވެ.

ދެފަރާތް އެއްބަސްވެ ޔުނައިޓެޑުން ރަންގްނިކާއެކު ވެފައިވާ އެއްބަސްވުން އުވާލާފައިވާ އިރު، އަންނަ ސީޒަނަށް ޔުނައިޓެޑް ނުކުންނާނީ ނިމިދިޔަ ސީޒަންގައި އަޔެކްސްއަށް ކޯޗުކޮށްދިން އެރިކް ޓެންހާގުގެ ކޯޗުކަމުގައެވެ. ނެދަލޭންޑްސްގެ ޓެންހާގު ޔުނައިޓެޑާ ހަވާލުވިކަން އެ ކްލަބުން ވަނީ ރަސްމީކޮށް އިއުލާންކޮށްފައެވެ.