ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކަރަންޓް ނެޓްވޯކް ގާއިމުކުރުމުގެ މަޝްރޫއު ޗައިނާގެ ބްރައުންސް-ސީއެމްއީއެސް އަށް ދީފައިވަނީ ސްޓެލްކޯ އިން އެ މަޝްރޫއަށް ހުށަހެޅި އަގަށްވުރެ ދެގުނަ ބޮޑުކޮށް ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

'ވަން' އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި ޝަރީފް ވިދާޅުވީ ސްޓެލްކޯއިން އެ މަޝްރޫއަށް ބިޑު ކުރީ ގާތްގަނޑަކަށް 50 މިލިއަން ޑޮލަރަށް ކަމަށާއި ނަމަވެސް ޗައިނާ ކުންފުންޏަށް އެ މަޝްރޫއު ދީފައިވަނީ 84 މިލިއަން ޑޮލަރުގެ އަގަކަށް ކަމަށެވެ.

"ފޭސް ދޭއްގައި ނެޓްވޯކް އެޅުމަށްޓަކާ އަޅުގަނޑުމެން ސްޓެލްކޯއިން ބިޑު ކުރިން. އަޅުގަނޑުމެން ބިޑްކުރި އަގުގެ ޑަބަލް އަގުގަ ބިޑުކުރި ޗައިނާ ބަޔަކަށް ކޮންޓްރެކް ދިނީ. އަަޅުގަނޑު ހަނދާންވާ ގޮތުގަ އަޅުގަނޑުމެން 50 ކޮންމެވެސް ވަރަކަށް މިލިއަން ޑޮލަރަށް ބިޑު ކުރީ" ޝަރީފް ވިދާޅުވި އެވެ.

ދެވަނަ ފިޔަވަހީގައި ސްޓެލްކޯއިން އެ ކުންފުނީގެ މުވައްޒަފުންނަށް އިމާރާތްކޮށްދިން ޓަވަރަށް އެޗްޑީސީން ކަރަންޓު ފޯރުކޮށްދިނުން ލަސްވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ޝަރީފް ވިދާޅުވީ އެ މަޝްރޫއު ކުރިއަށްގެންދިއުމުގެ ގާބިލުކަން ސްޓެލްކޯގައި އެބަހުރި ކަމަށެވެ. ނަމަވެސް އަގުބޮޑުކޮށް ޗައިނާ ކުންފުންޏަށް އެ މަޝްރޫއު ދިން އިރު އެ ކުންފުނިން ޓެކްނިކަލް ކޮންސަލްޓެންސީ ހޯދަން ޖެހެނީ ސްޓެލްކޯ އިން ކަމަށް ޝަރީފް ވިދާޅުވި އެވެ.

"އެތާނގަ އެއޮތީ އަޅުގަނޑުމެންނަށް، ސްޓެލްކޯ އަށް ނުކުރެވޭނެ ކަމެއް ނޫން. އަނެއްކާ އެމީހުންގެ ކޮންސަލްޓެންޓަކީ ސްޓެލްކޯ. އެމީހުންގެ މަސައްކަތް އޯކޭތޯ ނުވަތަ ނޫންތޯ ބަލާ ބަޔަކީ އަޅުގަނޑުމެން" ޝަރީފް ވިދާޅުވި އެވެ.

އެޗްޑީސީން ދެވަނަ ފިޔަވަހީގެ ކަރަންޓު ނެޓްވޯކުގެ މަސައްކަތް ޗައިނާގެ ބްރައުންސް-ސީއެމްއީއެސް ކުންފުންޏާއި ހަވާލުކުރީ 2018 ވަނަ އަހަރު އެވެ. ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށުން ލަސްވި މައިގަނޑު އެއް ސަބަބަކީ ވެސް ކަރަންޓް ނެޓްވޯކްގެ ޑިޒައިނިން ކަންކަން ޗައިނާގެ ކޮންޓްރެކްޓަރަށް ނުނިންމި ލަސްވުމެވެ. އަދި އެ ތަނުގައި ސަރުކާރުގެ ކުންފުނިތަކުން އިމާރާތްކޮށްފައިވާ ބައެއް ފްލެޓްތައް ގާތްގަނޑަކަށް ނިމިފައިވާއިރު ކަރަންޓް ނެޓްވޯކްގެ ޑިޒައިނިންގެ މަސައްކަތް ނިމޭވަރުވާނީ އަންނަ ސެޕްޓަމްބަރު މަހު ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އެ މަޝްރޫއުގެ ދަށުން މި ވަގުތު ކުރިއަށް ދަނީ ޑިޒައިންތައް ބަލައި ފާސްކުރުމާއި، މައި ސަބްސްޓޭޝަންގެ އަމަލީ މަސައްކަތްކަމަށް އެޗްޑީސީން ބުނެއެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ އަމާޒަކީ އަންނަ ޖުލައި މަހު ފްލެޓް ތަކަށް މުވައްޒަފުން ވަދެވޭވަރު ކުރުން ކަމަށާއި ނަމަވެސް އެޗްޑީސީން އެ އިމާރާތަށް ކަރަންޓު ދިނުން ލަސްވާތީ ސްޓެލްކޯގެ އަމިއްލަ ހަރަދުގައިވެސް އިމާރަތަށް ކަރަންޓު ފޯރުކޮށްދީގެން މުވައްޒަފުންނަށް ފްލެޓްތައް ހަވާލުކުރަން ބޭނުންވެވަޑައިގަންނަވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.