ލިވަޕޫލް

"ލިވަޕޫލް ސަޕޯޓަރުން އަންނަ އަހަރު ފައިނަލަށް އިސްތާންބޫލްގެ ހޮޓެލްތައް ބުކް ކުރޭ"

ރޭގެ ފައިނަލުން ބަލިވި ބަލިވުމުން އަރައިގަނެ، އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ދާނެ ކަމުގެ ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށް ކޯޗު ޔާގަން ކްލޮޕް ބުނެފިއެވެ.

ލިވަޕޫލާއި ރެއާލް ރޭ ކުޅުނު ފައިނަލުން، ލިވަޕޫލް ހިތްދަތިކޮށް ބަލިވެގެން ދިޔައީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ލިވަޕޫލުން ގިނަ ހަމަލާތައް އުފައްދައި ރެއާލްއަށް ބޮޑަށް ނުރައްކާ ކުރި ނަމަވެސް، ރެއާލްއިން ވަނީ ލިބުނު ފުރުސަތު ބޭނުން ހިފައި، ގޯލު ޖަހައިފައެވެ. ރެއާލްގެ ހަމައެކަނި ގޯލު ދެވަނަ ހާފުގައި ޖަހައިދިނީ ވިނީޝިއަސް ޖޫނިއާއެވެ.

މީގެ ކުރިން ލިވަޕޫލާއި ރެއާލް ވަނީ 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައެވެ. އެ މެޗު ރެއާލްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ކުރިން ލިވަޕޫލާއި ރެއާލް ވަނީ ޕެރިހުގައިވެސް ޗެމްޕިއަންސް ލީގުގެ ފައިނަލެއްގައި ކުޅެފައެވެ. އެއީ 1981 ވަނަ އަހަރުގައެވެ. އެ މެޗުން ލިވަޕޫލް މޮޅުވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ.

ރޭގެ ބައްޔަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ވަނީ ސަޕޯޓަރުންނަށް ބޮޑު ހިތްވަރެއް ދީފައެވެ.

"އަހަރެންގެ ހިތް ބުނަނީ އަންނަ އަހަރުވެސް ލިވަޕޫލް ޗެމްޕިއަންސް ލީގު ފައިނަލަށް ދާނެ ކަމަށް. އަހަރެމެންގެ ޓީމުން ވާދަވެރިކަން ބޮޑުވާނެ އަންނަ ސީޒަނުގައިވެސް. މި ޓީމަކީ އާދަޔާހިލާފަށް ފެންވަރު ރަނގަޅު ޓީމެއް. އަންނަ ސީޒަނުގެ ފައިނަލް އޮތީ އިސްތާންބޫލުގައިތަ؟ އަހަރެން ބުނަނީ ހޮޓެލް ބުކް ކުރާށޭ ލިވަޕޫލް ސަޕޯޓަރުން. އަހަރެމެން ފައިނަލަށް ދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރަން،" ކްލޮޕް ރޭގެ މެޗަށްފަހު ބުންޏެވެ.

ކްލޮޕް މި ސީޒަން ނިންމާލީ ދެ ތަށްޓާއެކުގައެވެ. އެއީ އެފްއޭ ކަޕާއި ލީގު ކަޕު ތަށްޓެވެ. ކްލޮޕް ބުނީ ރޭގެ ނަތީޖާއާއެކު ސީޒަނުގެ އަނެއް ދެ ކާމިޔާބީ މަތިން ހަނދާން ނެތި ކުޅުންތެރިން މާޔޫސްވެފައިވާ ކަމަށާއި ސީޒަނުގެ ކާމިޔާބީ އިހުސާސްވާން ވަގުތު ކޮޅެއް ނަގާނެ ކަމަށެވެ.

ލިވަޕޫލުން އެންމެފަހުން ޗެމްޕިއަންސް ލީގު ނެގީ 2019 ވަނަ އަހަރު ޓޮޓެންހަމް ބަލިކޮށްފައެވެ.