އއ. އުކުޅަހުން އަލީ ޔާމީން
ރާއްޖޭގެ އިގުތިސޯދީ ދުވެލި ހުރީ ރަނގަޅަށް ކަމަށާއި ރާއްޖޭގެ އިގުތިސޯދު އިތުރަށް ކުރިއަރުވަން ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މެދުރާއްޖެތެރޭގެ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ހާއްސަކޮށްގެން އުކުޅަހުގައި ކުރިއަށްގެންދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސް ނިންމާލުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކަމެއް ހިނގި ނަމަވެސް އެކަމުގެ އަސަރު ރާއްޖެއަށްކުރާ ކަމަށެވެ.
އެގޮތުން ކޮވިޑާއި މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއާ ބެހޭ ކަންކަމެއް ނޫން ނަމަވެސް އެކަމުގެ ތަކުލީފު އެންމެ ބޮޑަށް އުފުލަން ޖެހުނީ ރާއްޖެއަށް ކަމަށާއި އެކަންކަމުން އަރައިގަނެ އިގުތިސޯދީ ދުވެލި ރަނގަޅު ވަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
"އިގުތިސޯދީ ދުވެލި ހުރީ ރަނގަޅަށް މިކަމުގައި އިގުތިސޯދު އިތުރަށް ކުރިއަރުވަން ގެންނަން ޖެހޭ ބަދަލުތައް ގެންނާނަން" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އިޖުތިމާއީ މައްސަލަތަކަށް ކަމަށްވާ މަސްތުވާތަކެއްޗާާއި ގޭންގު ކުއްތައް މަދުކުރަން ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން ބޭނުންތެރި މަޝްވަރާތަކެއް ކުރެވި، ކައުންސިލްގެ ހިޔާލާއި މަޝްވަރާ އެކަމުގައި ލިބިފައިވާ ކަމަށެވެ.
މޫސުމީ ގެއްލުންތައް ރާއްޖެއަށް އޮތް މިންވަރު ފާހަގަކުރައްވައި ރައީސް ވަނީ މަޝްރޫއުތައް ހިންގާއިރު އެކަމުގެ ސަބަބުން މޫސުމަށް ކުރާނެ އަސަރު ބެލުމަށް އިލްތިމާސްކުރައްވައިފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ހުރި ގޮންޖެހުންތައްވެސް ދެނެގަނެވިފައިވާ ކަމަށާއި އެކަންކަމާމެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް އެދެވޭ ހައްލުތަކެއް ގެނެސްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.