ރެއާލް މެޑްރިޑުން ވަނީ 14 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލައިފައެވެ. ޔަގީނެވެ. ރެއާލްއަކީ ޔޫރަޕް ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި ޓީމެވެ. ރޭގެ ފައިނަލުގައި ރެއާލްއިން ބަލިކުރީ ލިވަޕޫލެވެ. މެޗުގެ ނަތީޖާއަކީ 1-0 އެކެވެ. މެޗުގައި ރެއާލްއިން ޖެހި ހަމައެކަނި ގޯލު ޖެހީ ވިނީޝިއަސް ޖޫނިއާއެވެ. ރޭގެ މެޗުގައި ލިވަޕޫލުން ޑޮމިނޭޓްކޮށް ކުޅެ، ގިނަ ހަމަލާތައް އުފެއްދި ނަމަވެސް ހަގީގީ ހީރޯއަކީ ރެއާލްގެ ބެލްޖިއަމް ގޯލްކީޕަރު ތީބޯ ކޯޝުއާއެވެ.
މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ފަހު މިނެޓާ ހަމައަށްވެސް ކޯޝުއާގެ ތަފާތު ކުޅުމެއް ފެނުނު އިރު، އޭނާ ވަނީ ޖުމުލަ ނުވަ ސޭވެއް މެޗުގައި ކޮށްފައެވެ. 2018 ވަނަ އަހަރު ރެއާލްއަށް ގޮސް ހޭދަކުރި ފުރަތަމަ ސީޒަނުގައި ކޯޝުއާގެ ފަރާތުން ގޯސްތައް ފެނުނު ނަމަވެސް، އޭނާ އެ ހާލަތު ބަދަލުކުރީ ތަފާތު ދައްކައިގެންނެވެ.
"މެޗުގެ ކުރިންވެސް އަހަރެއް ސައިޒުވާނެ ކަމަށް ބުނެ ބައިވަރު ޓްވީޓުތައް ކޮށްފައި ހުރިތަން ފެނުނު. އެކަމަކު ކަންވެގެން މިދިޔައީ އެހެނެއް ނޫން،" ކޯޝުއާ ބުންޏެވެ.
ކޯޝުއާ ރެއާލްއަށް ދިޔައީ އިނގިރޭސި ވިލާތުގެ ޗެލްސީގައި ހަތް އަހަރު ހޭދަކުރުމަށްފަހުއެވެ. އޭނާ ކުޅުނު 128 ޕްރިމިއާ ލީގު މެޗުގައި 48 ކްލީންޝީޓްވެސް ހޯދިއެވެ. އުމުރުން 30 އަހަރުގެ ކޯޝުއާ ވަނީ ޗެލްސީއާއެކު ދެ ފަހަރަށް ލީގު ތަށި ކާމިޔާބުކޮށް، އެފްއޭ ކަޕްވެސް ކާމިޔާބުކޮށްފައެވެ. ރޭގެ ތައްޓަކީ ކޯޝުއާގެ ކެރިއަރުގައި ފުރަތަމަ ޗެމްޕިއަންސް ލީގު ތަށްޓެވެ.
މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ކޯޝުއާ ވަނީ ފަސް ކްލީންޝީޓެއް ދަމަހައްޓައި، 59 ސޭވް ކޮށްފައެވެ. އެއީ 80.56 ސޭވް ޕަސެންޓޭޖެއްގައެވެ.
"އަހަރެންގެ ކެރިއަރަށް މި ފައިނަލް ވަރަށް މުހިންމުވި. އެއީ އަހަރެން ކުރާ ބުރަ މަސައްކަތަށް އިހުތިރާމެއް ހޯދަން. އަހަންނަށް މިހާތަނަށް އައިއިރު އެކަށީގެންވާ ވަރަށް އިހުތިރާމް ލިބުނު ކަމަކަށް ގަބޫލެއް ނުކުރަން. ހާއްސަކޮށް އިނގިރޭސި ވިލާތުގައި،" ރޭގެ މެޗަށްފަހު ކޯޝުއާ ބުންޏެވެ.
ކޯޝުއާ ބުނީ ރެއާލްގެ ފުރަތަމަ ސީޒަނަށްފަހުވެސް އޭނާއަށް މަލާމާތް ރައްދުވި ކަމަށާއި އެ ހާލަތު އަނބުރާލެވުމުން ފަހުރުވެރިވާ ކަމަށެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު
ޔޫއެފާ ޗެމްޕިއަންސް ލީގު