މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފުލުހުން ހޯދި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ) އެކަމުގެ ޒިންމާ ނަގަން އުޅޭ ކަމަށް ދައުލަތުގެ ވަކީލުން މިއަދު ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.
ޝަރީއަތުގެ ކުރިން ހުށަހަޅަންޖެހޭ ހުށަހެޅުންތަކުގެ ގޮތުގައި ޒުބެއިރުގެ ފަރާތުން އެއްވެސް ހުށަހެޅުމެއް ހުށަނާޅައި، އޭނާގެ ފަރާތުން ދިފާއީ ހެކި ހުށަހަޅާފައިވާތީ ދައުލަތުގެ ވަކީލު ވިދާޅުވީ، މަސްތުވާތަކެތީގެ ޒިންމާ ކޮންމެސް އެކަކު ނަގަން އުޅޭކަމަށް އެކަމުން ދޭހަވާ ކަމަށެވެ.
ދައުލަތުން އެކަން ފާހަގަކުރުމާ ގުޅިގެން އެކަމުގައި ގާނޫނީ ގޮތުން ކުރެވޭނެ ކަމަކީ ކޮބައިތޯ މައްސަލަ ބައްލަވާ ގާޒީ ދީބާނާޒް ދައުލަތުގެ ވަކީލާ ސުވާލު ކުރެއްވިއެވެ. ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ޒުބައިރަށް ނޭނގި އޮވެދާނެތީ އެކަން ފާހަގަކޮށްދިނީ ކަމަށެވެ.
އެ ވާހަކައަށް ރައްދު ދެއްވައި ޒުބެއިރުގެ ދިފާއީ ވަކީލު ވިދާޅުވީ، އެކަމުގެ ޒިންމާ ޒުބައިރު އުފުލަން އުޅޭ ނަމަ، އޭނާގެ ފަރާތުން ދިފާއީ ހެއްކެއް ހުށަނޭޅީސް ކަމަށެވެ. އަދި ޝަރީއަތުގެ ކުރީގައި ހުށަހަޅަންޖެހޭ ވަކި ކަންތައްތަކެއް ގާނޫނުގައި ބުނާ ކަމަށާއި ޒުބައިރުގެ ފަރާތުން ހުށަހެޅުމެއް ހުށަނޭޅީ އެހެންވެގެން ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ މަހުގެ 12 އިން 14 އަށް މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހޯދި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ، ގދ. ހޯނޑެއްދޫ، ގުލޭނޫރަންމާގެ، އަލީ ޒުބައިރު (52އ)ގެ އިތުރުން ގދ. ހޯނޑެއްދޫ، އަލޯރާ، އަހްމަދު މުޖާހިދު (29އ) އަދި ގދ. ހޯނޑެއްދޫ، އިރުމަތީގެ، އަހްމަދު ސުނައިނު (25އ) ގެ މައްޗަށެވެ.
މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި އެ ތިން މީހުންގެ ބަންދާބެހޭގޮތުންވެސް ވާހަކަދެއްކިއެވެ.
ގާޒީ ދީބާނާޒް ނިންމެވީ އެމީހުންގެ ބަންދު ދެމެހެއްޓުމަށެވެ. އަދި ޖާގަ ނެތިގެން ރިމާންޑް ޖަލަށް ބަދަލު ނުކުރެވި ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި، އަލީ ޒުބައިރާއި އަހުމަދު ސުނައިނު ވީހާ އަވަހަކަށް ރިމާންޑް ޖަލަށް ބަދަލުކުރުމަށްވެސް ގާޒީ އިލްތިމާސްކުރެއްވިއެވެ.
މިއަދުގެ އަޑު އެހުމުގައި ޝަރީއަތުގެ ކުރިން ހުށަހެޅި ހުށަހެޅުންތަކާ މެދު ދެ ފަރާތުން ވާހަކަދައްކަން އޮތް ނަމަވެސް ވަކީލުންނަށް ތައްޔާރު ވެވިފައިނުވާތީ، އެކަން ހަފުތާއަކަށް ވަނީ ފަސްކޮށްފައެވެ.