ޚަބަރު

ވަޒީފާ ނެތް މީހުންނަށް އިންޝުއަރެންސް ދޭން ވޯލްޑް ބޭންކުން 370 މިލިއަން ރުފިޔާގެ ހިލޭ އެހީ

ރިފާ ހަލީލު

ވަޒީފާ ނެތް މީހުންނަށް ރަނގަޅު ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ހާއްސަ ދެ ސްކީމެއް ތައާރަފް ކުރުމަށާއި އަދާކުރަމުންދާ ވަޒީފާ ގެއްލިފައިވާ މީހުންނަށް އިންޝުއަރެންސް ހޯދައިދިނުމަށް 24 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ވޯލްޑް ބޭންކުން ނިންމައިފިއެވެ.

ވޯލްޑް ބޭންކުގެ އެގްޒެކްޓިވް ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި މަސައްކަތްތެރިންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމަށް އިންޝުއަރެންސާއި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީގެން ދިވެހި މަސައްކަތްތެރިންގެ އިޖުތިމާއީ ރައްކާތެރިކަމުގެ ކަވަރޭޖް ރަނގަޅު ކުރުމަށާއި ވަޒީފާ އަދާކުރުމުގެ ގާބިލްކަން އިތުރުކުރުމަށް 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް ވަނީ ފާސްކޮށްފައެވެ.

ވާލްޑް ބޭންކުން ރާއްޖެ އާއި ސްރީލަންކާ އަދި ނޭޕާލްއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު ޒާވޮސް ވިދާޅުވީ ވަޒީފާއަށް ނުނިކުންނަ ދިވެހިންގެ އަދަދު ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އިތުރުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އަލުން މަސައްކަތުގެ މައިދާނަށް ނުކުތުމަށް ގިނަ ބަޔަކަށް އެހީތެރިކަން ބޭނުންވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ އިގުތިސޯދު ރަނގަޅުވަމުން އަންނައިރު، އަޅުގަނޑުމެންގެ މި އެހީތެރިކަމުގެ ސަބަބުން ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތަ ފަދަ މުހިންމު ދާއިރާތަކުން ވަޒީފާ އިތުރުކޮށް، އިގުތިސޯދީ ފުރުސަތުތަކަށް ވާސިލުވެވޭނެ މަގު ތަނަވަސްވެގެންދާނެ. އަދި ރަށްރަށުގައި އިޖުތިމާއީ ހިދުމަތް ފޯރުކޮށްދިނުމުގައި ވެސް އިތުރު ކުރިއެރުމެއް ލިބިގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ވާލްޑް ބޭންކުގެ އެގްޒެކެޓިވް ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ފާސްކުރި މި ހިލޭ އެހީގެ ދަށުން ހިންގާ މަޝްރޫއަށް ދީފައިވާ ނަމަކީ ސަސްޓެއިނަބަލް އެންޑް އިންޓަގްރޭޓަޑް ލޭބާ ސާވިސަަސް (ސެއިލްސް) އެވެ. މި މަޝްރޫއުގެ ދަށުން ވަޒީފާ ނެތް މީހުުންގެ އިންޝުއެރެންސް ސްކީމެއްގެ އިތުރުން ވަޒީފާގެ ހިދުމަތުގެ ސްކީމެއް ގާއިމްކުރެވޭނެއެވެ.

މި މަޝްރޫއަށް ހަރަދުކުރާ ފައިސާ ވާލްޑް ބޭންކުން ހަމަޖެއްސީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުމަށް ހާއްސަ އެ ބޭންކުގެ ގޮފި ކަމަށްވާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައިޑީއޭ) އިންނެވެ.

ރާއްޖެއަށް ދޭން ނިންމާފައިވާ އެހީއާ ގުޅީގެން ވާލްޑް ބޭންކުގެ ނޫސް ބަޔާނެއްގައިވާ ގޮތުގައި ވަޒީފާ ނެތް މީހުންނަށް އިނާޔަތްދޭ ސްކީމަަށް ބޭނުންކުރާ ފަންޑު ގާއިމުކުރާނީ ވާޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތައް ގުޅިގެންނެވެ. މި ފަންޑު ބަލަހައްޓާނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުންނެވެ.

މި ފަންޑުން ނުރަސްމީ އަދި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ވެސް އިގުތިސޯދީ ކާރިސާތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ގޮންޖެހުންތައް ދިމާވާ ހާލަތްތަކުގައި ފައިސާ ހޯދުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.

އެ ބަޔާނުގައި ބުނީ މިހާރު ހުރި ޖޮބް ސެންޓަރު ފުޅާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް ސަރަހައްދީ ހަބް ގާއިމުކޮށް، އެ ޖޮބް ސެންޓަރު މެދުވެރިކޮށް ކައުންސެލިން ފޯރުކޮށްދީ، ވަޒީފާ ހޯދުމުގައި އެހީތެރިވެދިނުމުގެ އިތުރުން، ވަކި އަމާޒަކަށް ވާސިލުވުމަށް ދެވޭ ހާއްސަ ތަމްރީނުތަކާއި ކޯޗިން މެދުވެރިކޮށް ވަޒީފާ ހޯދާ ފަރާތްތަކަށް އެކަށީގެންވާ ވަޒީފާ ހޯދުމަށް އެހީތެރިވެދޭނެ ކަމަށެވެ. އަދި އަންހެނުން އިގުތިސޯދީ ގޮތުން ބާރުވެރިކުރުވުމަށް ހިންގާ ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް ވަޒީފާ ހޯދާ އަންހެނުންނަށް ހިތްވަރު ދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

"ސެއިލްސް" މަޝްރޫއު ކުރިއަށް ގެންދާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަދި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ގުޅިގެންނެވެ.

ވަޒީފާ ނެތް މީހުންނަށް އެލަވަންސެއް ދޭން ފެށުމަކީ މި ސަރުކާރުގެ ވައުދެކެވެ. އަދި މިދިޔަ އަހަރު ނޮވެމްބަރުގައި މިނިމަމް ވޭޖް ގަރާރު ނެރުއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވާލްޑް ބޭންކާ ގުޅިގެން މި މަސައްކަތް ކުރެވެމުންދާ ކަން ހާމަކުރައްވައިފައެވެ.