ކައުންސިލްތަކުގެ މަޝްވަރާ އާއި ހިޔާލު ހޯދަން މިއަދު ފެށި "ވިއަވަތި ކޮންފަރެންސް" މާލޭ ސިޓީ ކައުންސިލުން ބޮއިކޮޓް ނުކުރާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
އއ. އުކުޅަހުގައި ފެށި، "ވިއަވަތި ކޮންފަރެންސް" ގައި މެދުރާއްޖެތެރޭގެ ގިނަ ރަށްތަކެއްގެ ކައުންސިލްތަކުގެ ރައީސުންނާއި އަންހެނުން ކޮމިޓީތަކުގެ ރައީސުން ބައިވެރިވެފައިވާ އިރު، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި އެ ކައުންސިލްގެ އެއްވެސް މެމްބަރަކު ކޮންފަރެންސްއަށް ވަޑައިގެންފައެއް ނުވެއެވެ.
މަޝްވަރާތައް ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެކަން ފާހަގަ ކުރައްވައިފައެވެ. އެގޮތުން މުހިންމު އެ ކޮންފަރެންސްގައި މާލޭ ސިޓީ ކައުންސިލްގެ އެއްވެސް މެމްބަރަކު ބައިވެރިނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެކަމާގުޅިގެން "ވިއަވަތި ކޮންފަރެންސް" މާލޭ ސިޓީ ކައުންސިލުން ބޮއިކޮޓް ކުރި ވާހަކަތަކެއް ވަނީ ފެތުރިފައެވެ.
އެކަމާބެހޭގޮތުން "ވަން އޮންލައިން"އާ ވާހަކަ ދައްކަަވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ، އެ ކޮންފަރެންސަށް ދައުވަތު ދެއްވާފައި ވަނީ، ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅުތަކުގެ ރައީސުންނާއި ޑަބްލިއުޑީސީގެ ރައީސާއިންނާއި ސިޓީތަކުގެ މޭޔަރުންނަށް އެކަނި ކަމަށެވެ، ދެން ތިއްބެވި ބޭފުޅުން ބައިވެރިވާން ބޭނުންވާނަމަ އޮންލައިންކޮށް ބައިވެރިވުމަށްޓަކައި މެސެޖަކާއެކީ ލިންކެއް ފޮނުވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ކޮންފަރެންސްގައި މޭޔަރަށް ބައިވެރިވެވަޑައިނުގެންނެވުނީ އަމިއްލަ ދަތުރުފުޅެއްގައި މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވުމުން ކަމަށްވެސް ވިދާޅުވިއެވެ.
"އަމިއްލަ ދަތުރު ފުޅެއްގައި މޭޔަރު މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގައި، އެހެންވީމަ ބައިވެރިވެ ވަޑައިނުގަންނަވަނީ، ބޮއިކަޓް ކުރުން ކަހަލަ އެއްވެސް ކަމެއްނެތް،" ނަރީޝް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާލޭ ސިޓީ ކައުންސިލަށް އެއް އަހަރު ވެގެން ދިޔައިރު، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އަދި އިދާރާއަކުން ނުވަތަ ކުންފުންޏަކުން އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވެސް އެދުނު އެއްވެސް ކަމަކަށް މާލޭ ސީޓީ ކައުންސިލުން އެއްބާރު ނުދީ ނޯންނާނެ ކަމަށެވެ.
އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި އެހެންކަމުން ކޮންފަރެންސް ބޮއިކޮޓް ކުރަންޖެހޭ ސަބަބެއް ނެތް ކަމަށްވެސް ވިދާޅުވިއެވެ. އެކަން އެގޮތަށް އޮއްވައި، މާލޭ ސީޓީ ކައުންސިލުން އެ ކޮންފަރެންސްގައި ބައިވެރިނުވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވުމަކީ އެހާ ޒިންމާދާރު ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު