އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅު ހ. ދޫވެހީގައި ހަރުކުރި އިންޑިއާ އައުޓް ބެނާ ނެގުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުމަށް ހައިކޯޓުގައި މާދަމާއަށް ތާވަލުކޮށްފިއެވެ.
އެ އަޑުއެހުން ބާއްވަން ހަމަޖެހިފައި ވަނީ މާދަމާ މެންދުރުފަހު 3:00ގައެވެ.
ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ޝުއޫރެއް ފާޅުކުރުން ކަމަށް ބުނެ، ކުރިމިނަލް ކޯޓުން ކުރި އަމުރަކާ ގުޅިގެން ރައީސް ޔާމީނުގެ ގެކޮޅުގައި ނަގާފައި ހުރި، އިންޑިއާ އައުޓް ބެނާ ފުލުހުން ވަނީ ނަގައިފައެވެ.
އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ނުރުހުން ފާޅުކޮށްފައެވެ.
ނަމަވެސް ފުލުހުން ބުނީ އިންޑިއާ އައުޓް ބެނާ ދެމުމަކީ ފިތުނަވެރި އަމަލެއް ކަމަށެވެ. އަދި ބޭނާ ނެގުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރީ އެ އަމަލަކީ ގާނޫނުލް އުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ ހަ ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ޖާއިޒު މަގުސަދެއް ހާސިލު ނުވާނެ ނުރައްކާތެރި ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނާނެ ފަދަ ހާލަތެއް އުފެދިދާނެ އަމަލެއް ކަމަށް ބެލެވޭތީ ކަމަށެވެ.
ރައީސް ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި ބެނާގެ އިތުރުން އިދިކޮޅު ސަޕޯޓަރުންގެ ގެތަކުގައި ނަގާފައި ހުރި ބެނާތައްވެސް ފުލުހުން ވަނީ ނަގައިފައެވެ.
މި މައްސަލައިގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހަޅުއްވާފައި ވަނީ އެ ބެނާ ނެގުމަށް ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކޮށްދިނުމަށެވެ.
އެ މައްސަލައިގެ ހުކުމް އިއްވުމަށް މާދަމާއަށް ތާވަލުކޮށްފައި މިވަނީ އެ މައްސަލައިގެ ދެ އަޑުއެހުމެއް ބޭއްްވުމަށްފަހުގައެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން އެމަނިކުފާނުގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު، އެ އަމުރު ބާތިލުކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވަނީ ދެ ނުކުތާއެއްގެ މައްޗަށެވެ.
އެއް ނުކުތާއެއްކަމަށް ބުނެފައި ވަނީ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާ ނުބައިކޮށް މާނަކޮށް އެ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވާ ކުށުގެ އަމަލަކަށް ނުފެތޭ ހާލަތެއްގައި އެމާއްދާގެ ދަށުން ރައީސް ޔާމީންގެ ގެކޮޅު، ހ. ދޫވެހި ބަލައި ފާސްކުރުމުގެ އަމުރު ނެރެފައިވުމާއި ގާނޫނުއަސާސީގެ 19 ވަނަ މާއްދާއިންނާއި 27 ވަނަ މާއްދާއިން ލިބިދޭ އަސާސީ ހައްގުތައް ނިގުޅައި ގަނެވޭގޮތަށް ކުރިމިނަލް ކޯޓުން އަމުރު ނެރެފައިވުމެވެ.
ދެވަނަ ނުކުތާއެއް ކަމަށް ބުނެފައި ވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 22 ވަނަ މާއްދާ ނުބައިކޮށް މާނަކޮށް އެ މާއްދާގައި ބުނާ ހާލަތު ނެތަސް އެ މާއްދާތަކަށް ހަވާލާދީ ކޯޓު އަމުރު ނެރެފައިވުމެވެ.
ކޯޓު އަމުރު ނެރެފައިވަނީ ގާނޫނާ ހިލާފަށްކަން ސާބިތުކުރުމަށްތަކައި ޝިޔާޒު ވިދާޅުވީ، ގެއަކުން ފުލުހުން އެއްޗެއް ގެންދިއުމަށް ބޭނުންވެއްޖެ ހިނދެއްގައި، ގޭގެއަށް ވަނުމަށް ކޯޓު އަމުރު ނެރެވޭނެކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މީހުންގެ ގެދޮރަކީ ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށެވެ.
އެހެންކަމުން އެ ބޭނާ ނެގުމަށް ކޯޓުން އަމުރު ނެރެގެން، ގާނޫނު އަސާސީން ލިބިދީފައިވާ ހައްގަކަށް ފުލުހުން ހުރަސް އަޅާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެގޮތަށް މީހުންގެ އަމިއްލަ ގެދޮރު ބަލައި ފާސްކުރުމަށް އަމުރު ނެރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގާނޫނުން މަނާ ނުކުރާ ކަމެއް ކުރުމަކީ ކުށެއް ނޫން ކަމަށާއި އާއްމު ތަނެއްގައި ހުރެ އެމީހަކު ކުރާ ކަމަކުން، އެހެން މީހަކަށް ގޯނާ ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ ކުރާ އަމަލަކީ ގާނުނީ ކުށެއް ނޫން ކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
އަދި އާންމު މަސްލަހަތަށް ގެއްލުންވާ ކަމުގެ ތުހުމަތު ފުލުހުން ކުރިނަމަވެސް، އެހެން މީހުންނަށް އުނދަގޫ ނުވާ ގޮތަށް ތަނެއްގައި ބެނާއެއް ހަރުކުރުމަކީ މަސްލަހަތަށް ގެއްލުން ވާނެ ކަމެއް ކަމަށް ނުބެލެވޭނެ ކަމަށާއި ވަކި ކަމަކަށް ތާއީދު ހޯދަން ނުވަތަ ވަކި ކަމަކާ ދެކޮޅު ހެދުމުގެ ގޮތުން ހިންގާ ސުލްހަވެރި ހަރަކާތްތަކަކީ އާންމު މަސްލަހަތަށް ގެއްލުން ދިނުން ކަމަށް ނުބެލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ހ. ދޫވެއްސަކީ އެ މައްސަލަ އިސްތިއުނާފު ކުރައްވާ އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ރަޖިސްޓަރީގައި ހުރި، އެފަރާތުގެ އަމިއްލަ މުދަލެއް ކަމަށްވެސް ވަކީލު ވިދާޅުވިއެވެ. އެހެންކަމުން އަމިއްލަ ގޯތީގައި ހިޔާލު ފާޅުކުރުމަކީ ނުކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އަދި ވަކި ކަމަކަށް ތާއީދު ހޯދަން ނުވަތަ ވަކި ކަމަކާ ދެކޮޅު ހެދުމުގެ ގޮތުން ހިންގާ ސުލްހަވެރި ހަރަކާތްތަކަކީ އާންމު މަސްލަހަތަށް ގެއްލުން ދިނުން ކަމަށް ނުބެލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.