ޚަބަރު

ބޭރުގެ ދަރަނީގެ ގޮތުގައި 50 މިލިއަން ޑޮލަރު ދައްކައިފި

މުހައްމަދު އިޝާން

ދަރަނީގެ ގޮތުގައި ދައްކަން 50 މިލިއަން ޑޮލަރު، 777 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު ނެރޭ "ވީކްލީ ފިސްކަލް ޑިވެލކޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން މިއަހަރު ލޯނުތަކަށް ދައްކަން ކަނޑައަޅާފައިވަނީ 2.8 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 777 މިލިއަން ވަނީ މިހާރު ދައްކައިފިއެވެ.

"ވީކްލީ ފިސްކަލް ޑިވެލކޮޕްމެންޓް" ރިޕޯޓުގައިވާ ގޮތުން ފާއިތުވި ތިން އަހަރު ދަރަނީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ވަނީ ދައްކައިފައެވެ. އެހެންކަމުން މިއަހަރު ދަރަނި ދެއްކުމަށް ކަނޑައެޅި އަދަދު ވަނީ ބޮޑުވެފައެވެ. ފާއިތުވި ތިން އަހަރު 13.4 މިލިއަން ރުފިޔާ ވަނީ މަލްޓިޕަސް އެޖެންސީތަށް، ބައިނަލްއަގުވާމީ މާލީ އިދާރާތަކަށް ދައްކައިފައެވެ.

ފިނޭންސް މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ މިހިނގާ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 100 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ޗައިނާ އާއި އިންޑިއާއަށް ދައްކަން ޖެހޭ ދަރަންޏެވެ.

ރާއްޖޭގެ ދަރަނި ބޮޑުވަމުންދާތީ އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީމޯގަން ބޭންކުން ވަނީ އިންޒާރެއް ވެސް ދީފައެވެ. ޖޭޕީ މޯގަން އިން ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ އިގްތިސާދަށް އަންނާނެ ބަދަލުތަކާ ބެހޭގޮތުން ކުރި ދިރާސާ ރިޕޯޓެއްގައި ބުނެފައިވަނީ ލޯނު ނެގުމުގެ ހަރަދުތައް އިތުރުވުމާއި ރަޝިޔާއާއި ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ލިބުނު ގެއްލުންތަކުގެ ސަބަބުން މި އަހަރު ރިސްކް ބޮޑު 'ޖަންކް' ރޭޓިން އުފެދިފައިވާ މާކެޓް ގައުމުތަކަށް %10 އަށް ދަރަނީގެ ދަތިކަން ކުރިމަތިވެދާނެ ކަމަށެވެ.

އެގައުމުތަކުގެ ލިސްޓުގައި ރާއްޖެވެސް ހިމެނެއެވެ. ނަމަވެސް، އެފަދަ ހާލަތެއް އަދި ރާއްޖޭގައި ނެތްކަމަށް ވެސް އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވެފައިވަނީ، ރާއްޖެއިން ދަރަނި ނަގަމުންދަނީ ބަޖެޓް ޕްލޭނާއި އެއްގޮތަށް ކަމަށާއި ޖޭޕީ މޯގަންގެ ލިސްޓުގައި ހުރި ގައުމުތަކާ ހިލާފަށް ރާއްޖޭގެ އިގުތިސޯދީ އިންޖީނުގެ ދުވެލި ވަރަށް ރަނގަޅު ކަމަށެވެ. އަދި ޖޭޕީ މޯގަންގެ ބަޔާނަކީ އެ ބޭންކުގެ "އޮފިޝަލް ސްޓޭންޑިން" ނޫން ކަމަށާއި ރާއްޖޭގެ ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި މިދިޔަ އަހަރުވެސް ސްކޫކް ވިއްކައިގެން ދަރަނި މެނޭޖުކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

"ޑެޓް ސާވިސްގެ އެއްވެސް ރިސްކެއް ނެތް. އަޅުގަނޑުމެންނަށް އެންމެ ބޮޑު ރިސްކެއް އޮތީ މިދިޔަ އަހަރު. އެއީ މި އަހަރުގެ ޖޫން މަހު ދައްކަންޖެހޭ 250 މިލިއަން ޑޮލަރުގެ ބޮންޑު. އޭގެ 192 މިލިއަން މިހާރު ވާނީ ދައްކައިފަ. އަދި އިންޓްރެސްޓާ އެކު 62 މިލިއަން ޑޮލަރު އަންނަ ޖޫން މަހުގެ ފުރަތަމަ ހަފުތާގައި ދައްކާނެ،" އަމީރު ވިދާޅުވެފައިވެއެވެ.

އަމީރު ވިދާޅުވީ 62 މިލިއަން ޑޮލަރު ދައްކާނެ ފަންޑު މިހާރު ވެސް އެބަހުރި ކަމަށާއި ކުރިއަށް އޮތް ތަނުގައި މީޑިއަމް ޓާމްގައި ރާއްޖޭގެ އެންމެ ބޮޑު ދަރަންޏެއް ދައްކަން ޖެހޭނީ 2026 ވަނަ އަހަރު ކަމަށެވެ.