ޚަބަރު

ރައީސް ޔާމީންގެ ގެކޮޅަށް ވަނުމުގެ އަމުރެއް ހޯދަން ރިޔާޒު އެހެން ފުލުހެއްގެ ލޮގިން ބޭނުންކުރި ވާހަކަ ދޮގުކޮށްފި

މުހައްމަދު އިޝާން

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅަށް ވަނުމުގެ ކޯޓު އަމުރެއް ހޯދަން ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު، އެހެން ފުލުހެއްގެ ލޮގިން ބޭނުންކުރި ކަމަށް ބުނާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.

"ދިޔަރެސް" ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރަކާ ގުޅިގެން ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޯޓު އަމުރަށް އެދުމުގެ އިންތިޒާމު ހަމަޖެހިފައި އޮންނަނީ އިންވެސްޓިގޭޝަން އޮފިސަރު އެދުމުން އެ އިންވެސްޓިގޭޝަން އޮފިސަރެއްގެ ސުޕަވައިޒަރު އެޕްރޫވްކުރުމުން ކޯޓު އަމުރު ރިކުއެސްޓް ކޮމްޕިއުޓަރު ސިސްޓަމުން ޖެނަރޭޓްވާ ގޮތަށް ކަމަށެވެ.

"މި މައްސަލައިގައިވެސް ކޯޓު އަމުރު ރިކުއެސްޓް ޖެނެރޭޓް ކޮށްފައިވަނީ އިންވެސްޓިގޭޝަން އޮފިސަރު ރިކުއެސްޓު ކުރުމުން ސުޕަވައިޒަރު އެޕްރޫވް ކުރުމުންނެވެ،" ފުލުހުން ބުންޏެވެ.

އެ ހަބަރާ ގުޅިގެން ފުލުހުންގެ މީޑިއާއާ ސުވާލުކުރުމުން ޖަވާބެއް ދީފައިނުވާ ކަމަށް ދިޔަރެސް ނޫހުގައި ޖަހާފައިވާތީ އެކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ރައްދުދީފައެވެ.

ފުލުހުން ބުނީ، އެކަމާ ގުޅޭ ގޮތުން މިއަދު 10:11 އެހާކަންހާއިރު އެ ނޫހުން ކުރި ސުވާލަށް ފުލުހުންގެ ވަޓްސްއެޕް ގުރޫޕު މެދުވެރިކޮށް ޖަވާބުދީފައިވާނެ ކަމަށެވެ. އަދި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ފޮލިސް މީޑިއާއިން ދެ ނަމްބަރެއް ގެންގުޅޭ ކަމަށާއި އެ ނަމްބަރުތަކަށް ފޮނުވާ މެސެޖު ލިބުނުކަން ޔަގީންނުކޮށް، ކުޑަވަގުތު ކޮޅެއްގެ ތެރޭގައި "ދިޔަރެސް" އިން ހަބަރު ޝާއިއުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ނޫސްވެރިން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވާ ގޮތްތައް ބޭނުން ކޮށްގެން ސައްހަ މައުލޫމާތު ހޯދުމަށް "ދިޔަރެސް" ނޫހުން މަސައްކަތް ކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.