ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް ބޭނުންވާ ކޮންކްރީޓު ގަލުގެ ދެ ވަނަ ޝިޕްމަންޓް، ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

އެ މަޝްރޫއަށް ބޭނުންވާ ކޮންކްރީޓު ގަލުގެ ފުރަތަމަ ޝިޕްމަންޓް، ޕްރޮޖެކްޓް ސައިޓަށް އެމްޓީސީސީން ގެންގޮސްފައިވަނީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. އެ ދުވަހު އެމްޓީސީސީން ބުނެފައިވަނީ، ފެލިވަރު ބިން ހިއްކުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 95 ޕަސަންޓް ނިމިފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އެ ދެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 113.3 މިލިއަން ރުފިޔާއަށެވެ. ފެލިވަރުގެ ބިން ހިއްކައި ބޮޑެތި ބޯޓު ކައިރި ކުރެވޭ ގޮތަށް އެއްގަމު ތޮށި ޑިޒައިންކޮށް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެ މަޝްރޫއަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން، ހަ ހެކްޓަރުގެ ބިން ހިއްކުމާއި 229،663.36 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އެއްގަމުތޮށިލުމާއި 148 މީޓަރުގެ ސަރަހަދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

އެ މަޝްރޫއުގެ ބޭނުމަކީ ބަނދަރަކާއެކު ކޯލްޑް ސްޓޯރޭޖުގެ ވަސީލަތްތައް ފެލިވަރުގައި ފުޅާކުރުމަށް ބޭނުންވާ ބިން ހިއްކުން ކަމަށް އެމްޓީސީސީން މީގެ ކުރިން ވަނީ ބުނެފައެވެ.