ކުނި ވަކިކުރި ނަމަވެސް އަގަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގޭބިސީތަކުން ހުރިހާ ބާވަތެއް މަސްހުނިކޮށްގެން ނެރެމުން އަންނަ ކުނި ވަކިކޮށްގެން ނެރުމަށް ވޭސްޓުމެނޭޖްމަންޓް ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެ ކޯޕަރޭޝަނުން ބުނީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަކީ ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ކަމަށެވެ.
އެ މައްސަލައަށް އެދެވިގެންވާ ހައްލެއް ގެނެއުމަށްޓަކައި، އެންވަޔަރަމަންޓް މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު، ރާއްޖޭގެ ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، އުކާލުމަށް ނެރޭ ކުނީގެ ބާވަތްތައް ކަނޑައެޅިފައިވާ ބައިބަޔަށް ވަކިކުރުމަށް ވަނީ ބަޔާންކޮށްފައެވެ. އެހެންކަމުން ކުނިވާޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅީގެން އިތުރުން އެހެނިހެން ބާވަތްތަކުގެ ކުނި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނެރެންޖެހޭނީ ވަކި ކޮށްގެންނެވެ.
މިކަމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީ އާއި ވެމްކޯ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު ޝައުނާ ވިދާޅުވީ މިހާރު ބަދަލު ގެނެސްފައިވަނީ ކުނި ނެރުމުގައި އަމަލުކުރަންޖެހޭ އުސޫލަށް އެކަނި ކަމަށެވެ. އެހެން ކަމުން ވެމްކޯއިން ކުނި ނެގުމަށް ކަނޑައަޅާފައިވާ ފީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝައުނާ މިހެން ވިދާޅުވީ ކުނި ވަކި ކުރުމަށް ވެމްކޯ އިން ކަނޑައެޅުމާ ގުޅިގެން ބައެއް ފަރާތްތަކުން ކުނި އުކުމަށް ނަގާ ފީގެ އަގު ބޮޑުވާނެ ކަމަށްބުނެ ކަންބޮޑުވުން ފާޅު ކުރަމުންދާތީއެވެ. މިހާރު ގޭބިސީތަކުން ކުނި އުކުމަށް ނަގަނީ 150ރުފިޔާ އެވެ.
ޝައުނާ ވިދާޅުވީ 1992 ވަނަ އަހަރުން ފެށިގެން މާލޭ އާއި ރާއްޖޭގެ އެހެން ތަންތަނުގައި އުފެދޭ ކުނީގެ ވެސް ބޮޑު ބައެއް އަޅަމުން ދިޔައީ ކ. ތިލަފުއްޓަށް ކަމަށެވެ. ނަމަވެސް ދުވާލެއްގެ މައްޗަށް އެތައް ކުންޏެއް އަޅަމުން ދިއުމުގެ ސަބަބުން ތިމާވެއްޓަށް ދިމާވެދާނެ ނުރައްކަލަކާ މެދު ވިސްނައި، ކުނީގެ މައްސަލަތައް ހައްލުކުރުމަށް އެ މިނިސްޓްރީ އާއި ވެމްކޯ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ޝައުނާ ވިދާޅުވިއެވެ.
"ހަމައެކަނި މާލެ ސަރަހައްދަށް ބަލާލި ނަމަވެސް ދުވާލެއްގެ މައްޗަށް އެބަ އުފައްދާ 1200 އެއްހާ ޓަނުގެ ކުނި. ކޮންސްޓްރަކްޝަން ކުންޏާއި ބަދިގެ ކުންޏާއި ދަގަނޑާއި އަދިވެސް މިނޫން އެކި އެކި ބާވަތްތަކުގެ ކުނި އެބަ އުފައްދާ. އެކަމަކު މީގެ ހުރިހާ ބުރައެއް މި އުފުލަނީ ވެމްކޯ އިން. ވެމްކޯ އިން ކުނި ނަގައިގެން ގެންގޮސް ބައިތަކަށް ވަކި ކުރަނީ. އެބޭފުޅުން މިކަމަށް މީގެ ކުރިން މެޝިނަރީޒްވެސް ބޭނުމެއް ނުކުރޭ. އެކަމަކު ދާދި ފަހުން މެޝިނަރީޒް ލިބިފައި މިހުރީ،" އޭނާ ވިދާޅުވިއެވެ.
ނަމަވެސް ގޭބީސީތަކުން ކުނި ނެރޭއިރު ކުނި ވަކިކޮށްގެން ނެރުމަކީ މިމަސައްކަތަށް ލުޔެއް ލިބިގެންދާނެ ކަމެއް ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ. މިގޮތަށް ކުނި ބެއިލްކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކުނިން ހަކަތަ އުފެއްދޭ ނިޒާމު ތިލަފުށީގައި ގާއިމުކުރެވެންދެން ކަމަށް މިނިސްޓަރު ޝައުނާ ވިދާޅުވިއެވެ.
ޝައުނާ ވިދާޅުވީ، މާލޭގައި އުފެދޭ ޕްލާސްޓިކް ކުންޏާއި ޑަސްބިން ކުންޏާއި ކޮންސްޓްރަކްޝަން ކުނި އަދި ޓޮކްސިކް ކުނި ސެގްރިގޭޓް ކުރެވޭނެ އިންތިޒާމް ތިލަފުށި މަޝްރުއޫގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތާ އެކު ގާއިމްކޮށްފައިވާ ކަމަށެވެ.
ޝައުނާ އިތުރަށް ވިދާޅުވީ މިހާރުވެސް މާލެ ފިޔަވައި އެހެނިހެން ރަށްރަށުގައި ކުނި ނެރެނީ ވަކިކޮށްގެން ކަމަށެވެ. އަދި ހިޔާގެ ބައެއް ޓަވަރުތަކުގައި މިގޮތަށް އަމަލު ކުރަމުންދާ ކަމަށާއި އާންމުންގެ ތަރުހީބު މިކަމަށް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް ވިދާޅުވީ، ތިން ބަޔަކަށް ބަހާލައިގެން ކުނި ނެރެން ބަދަލު ގެނެސްފައިވީ ނަމަވެސް މިހާރު އެކުންފުނިން ކުނި ނަގަމުންދާ ގަޑިއަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ވެމްކޯއިން ބުނީ ރާއްޖޭގެ ކުނިމެނޭޖް ކުރުމާބެހޭ ގަވާއިދުގެ ސަބަބުން ކުނި މެނޭޖުކުރުމަށް ހުރި ގޮންޖެހުންތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެ ކުންފުނިން ގަބޫލުކުރާ ކަމަށާއި އެހެންކަމުން އަންނަ މަހުން ފެށިގެން އުކާލުމަށް ތައްޔާރުކުރާ ކުނި ހުންނަން ވާނީ ވަކިކޮށްފައި ކަމަށް ވެމްކޯ އިން ބުންޏެވެ.
އެގޮތުން މާލޭ ސަރަހައްދު ގޭބިސީތަކުން އުކާލުމަށް ނެރޭ ކުނިތަކުގެ ތެރޭގައި ހިމެނޭ ކުނިވާ ޒާތުގެ ކުންޏާއި އަމިއްލައަށް ފަނާވާ ކުނި، ޕްލާސްޓިކް ފުޅި އަދި އެހެނިހެން ބާވަތްތަކުގެ ކުނި ހުންނަން ވާނީ ވަކިކޮށްފައި ކަމަށާއި މާލޭ ސަރަހައްދު ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށާއި ސިނާއީ ރަށްތަކަށް އަދި ރިސޯޓުތަކުން ވެސް އުކާލުމަށް ނެރޭ ކުނިތައް ހުންނަން ވާނީ ވަކިކޮށްފައި ކަމަށެވެ. ކުނި ވަކިކޮށްފައި ހުންނަން ވާނީ އެއްކުނީގެ ބާވަތް އަނެއްކުންޏާ އެއް ނުވާނޭހެން ވަކި ކޮތަޅުތަކުގައި ކަމަށް ވެސް ވެމްކޯ އިން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު