ދުނިޔޭގެ ދެ ބާރު ކަމަށްވާ ޗައިނާއާއި އިންޑިއާގެ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ވައްޓާލީ ކުރީގެ ރައީސް އަބްދުالله ޔާމީން ކަމަށް އެމަނިކުފާނާއެކު ޕީއޭއާއި ޕީޕީއެމްގައިވެސް އިސްކޮށް މަސައްކަތް ކުރެއްވި އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނު އެންމެ ވަރުގަދަ ގުޅުމެއް ބޭއްވީ ޗައިނާއާއެކުއެވެ. އަދި ރާއްޖޭގައި ފެށި ބޮޑެތި ޕްރޮޖެކްޓުތަކަށް ފައިސާ ހޯދާފައިވަނީވެސް ޗައިނާއިންނެވެ. ރައީސް ޔާމީން މިފަހުން ވިދާޅުވި ގޮތުގައި, ރާއްޖެ ތަރައްގީ ކުރެވޭނީ ފައިސާ ހުރި ގައުމުތަކާއެކު ގުޅުން އުފައްދައިގެންނެވެ.
އެކަމަށް ރައްދު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަދި މިހާރު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝަރީފު "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ, މި ސަރަހައްދުގެ ގައުމުތައް އދ.ގައި ވޯޓު ދޭނީވެސް އިންޑިއާއާ އެއްކޮޅަށް ކަމަށެވެ. އަދި ރާއްޖެއާއި މި ސަރަހައްދުގައިވެސް ސިޔާސީ ކަންކަން ބައްޓަންވެފައި އޮތީ އެގޮތަށް ކަމަށް ވިދާޅުވިއެވެ.
"ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ސިޔާސީ މަސްރަހު ވަރަށް އުދަނގޫ މަރުހަލާއަކަށްދާނެ އަވަށްޓެރި ގައުމުތަކުގެ ތަފާތު ހިޔާލުތަކަށް ގޮސްގެން. އަޅުގަނޑު ދިރާސާކުރި އިރުގައިވެސް ރާއްޖެ މިހާރު މިއޮތް ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް, ދެ ބާރުގެ ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ހަގީގަތުގައި ވައްޓާލެއްވީ ރައީސް ޔާމީން. ރައީސް ޔާމީންގެ ދޯހަޅި ހާރިޖީ ސިޔާސަތު މައިގަނޑު ސަބަބަކަށްވީ. އެހެންވެގެން މިހާ ބޮޑަށް އިންޑިއާގެ ކަންކަމަށް ބަރޯސާވެފައި މި އޮންނަންޖެހުނީ," ޝަރީފު ވިދާޅުވިއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާރިޖީ ސިޔާސަތު މޮޅުކަމާއި ހަމަހަމަކަމަށް ތައުރީފު ކުރައްވައި ޝަރީފު ވިދާޅުވީ, އެމަނިކުފާނުގެ ވެރިކަމުގައި ޗައިނާއާއި އިންޑިއާއަކީވެސް އެންމެ ގާތް އެކުވެރިން ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް ދުނިޔޭގެ ދެ ބާރުގެ މެދަށް ރާއްޖެ ވައްޓާލުމަކީ ރައީސް ޔާމީން ދެއްވާ ވަރަށް ބޮޑު ދެރައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު