ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސާފު ބޯފެން ލިބޭނެ އިންތިޒާމާއި ނަރުދަނާ ނިޒާމު ގާއިމުކުރުމަށް ވެވަޑައިގެންނެވި ވައުދު އަންނަ އަހަރު ފުއްދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމްޑަބްލިޔުއެސްސީއަށް 27 އަހަރު ފުރުން ފާހަގަކުރުމަށް ކްރޮސްރޯޑުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 70 ޕަސަންޓް ރަށްރަށުގައި ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ލިބެން ނެތް ކަމަށެވެ. އަދަދުތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ސާފު ބޯފެން ލިބެން ހުރީ 34 ރަށެއްގައި ކަމަށެވެ. އަދި ނަރުދަމާގެ ނިޒާމު ގާއިމުކޮށްފައި އޮތީ 66 ރަށެއްގައި ކަމަށެވެ.
އެމްޑަބްލިޔުއެސްސީއަކީ ފާއިތުވި 27 އަހަރު އެންމެ ގިނައިން ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ މަސައްކަތް ކުރަމުންދިޔަ ކުންފުނިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމްޑަބްލިޔުއެސްސީން މިހާރު ވެސް 31 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގަމުންދާ ކަމަށެވެ.
"އެފަދަ މަޝްރޫއުތަކެއް މިހާރު ވެސް ރާއްޖޭގެ 31 ރަށެއްގައި މި ކުންފުނިން ހިންގަމުން އެބަދޭ. އިރާދަކުރެއްވިއްޔާ މި ރިޔާސީ ދައުރު ނިމުމުގެ ކުރިން ފުރިހަމަކޮށް ނިންމުމަކީ އަޅުގަނޑުމެންގެ އަމާޒެއް،" ރައީސް ވިދާޅުވިއެވެ.
އެ ހުރިހާ މަޝްރޫއުތަކެއް ނިމުމުން، ރައްޔިތުން ނަޖިހުން ތަގައްޔަރު ނުވާ ފެނުން ސާފުތާހިރުވުމުގެ ފުރުސަތު ލިބި ސިއްހީ ދުޅަހެޔޮ ގައުމަކަށް ރާއްޖެ ބަދަލުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބަލިތަކުން ރައްކާތެރިވުމުގެ އިތުރުން ހޫނު މޫސުން ނުވަތަ ވާރޭ ނުވެހޭ ދުވަސްތަކުގައި ރަށްތަކުން ފެން ހުސްވުން ފަދަ ކަންތައްތަކަށްވެސް ހައްލު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިމުމުން ތަރައްގީގެ އާ ފިޔަވެއްސެއްގެ މަސައްކަތް ފެށިގެންދާނެ ކަމަށާއި އެކަމަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކުރަމުން އަންނަ ބޮޑެތި ހަރަދުތައް 2024 ވަނަ އަހަރުން ފެށިގެން ކުރަން ނުޖެހޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން އެފައިސާ ތަރައްގީގެ އެހެން މަޝްރޫއުތަކަށް ހަރަދު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ސިއްހީ ކަންކަމަށާއި ތައުލީމީ ދާއިރާގެ ތަރައްގީއަށާއި ލުއިފަސޭހަ ދަތުރުފަތުރުގެ އިންތިޒާމުތައް ހަމަޖެއްސުމަށް، ދައުލަތުގެ ބަޖެޓުން އިތުރު ހަރަދުތައް ކުރެވޭނެ" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ދުނިޔެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން ސާފުބޯފެން ފޯރުކޮށް ދިނުމުގައި ވެސް ތިމާވެއްޓާ ރަށްޓެހި ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ. ޑީސަލް ހަކަތަ ބޭނުން ކޮށްގެން ބޯފެން އުފެއްދުމުގެ ބަދަލުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އެ މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު