ޚަބަރު

ރިސޯޓްތަކުގެ ކުލި ކުޑަކުރަން ހުށަހެޅި ބައި އަނބުރާ ގެންގޮސްފި

އިބްރާހިމް ޒަކީ

ޓުރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގައި ހިމެނޭ، ރިސޯޓުތަކުގެ ކުލި ކުޑަކުރުމުގެ ބައި އަނބުރާ ގެންދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމެވީ އިކޮނޮމިކް ކައުންސިލްގައި އެކަމާބެހޭގޮތުން ވާހަކަ ދެއްކުމަށްފަހުގައި ކަމަށެވެ.

ރިސޯޓްތަކުގެ ކުލި ކުޑަކުރަން ހުށަހެޅި ނިންމުން އަނބުރާ ގެންދަން ރައީސް ނިންމެވީ މިހާރު ހިނގަމުންދާ ރަޝިޔާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގުތިސޯދަށް ބޮޑެތި އަސަރުތަކެއް ކުރާނެތީ، ރާއްޖެއަށް ލިބެން އޮތް އެއްވެސް އާމްދަނީއެއް މިވަގުތު ދޫކޮށްލެވެން ނެތުމުން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ރިސޯޓްތަކުގެ ކުލި ކުޑަކުރަން ރައީސް ނިންމެވީ، ރަޝިޔާ ހަނގުރާމައިގެ ކުރިން ކަމަށާއި ރަޝިޔާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން އެކަން އެގޮތަށްކުރެވެން ނެތުމުން، އެ ނިންމެވުން އަނބުރާ ގެންނެވީ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ރިސޯޓުތަކުގެ ކުލި ކުޑަކުރުމަށް ހުށަހެޅި ނިންމުން އަނބުރާ ގެންދެވިރު، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމާއި މޯލްޑީވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ އާއި ބައެއް ވިޔަފާރިވެރިން ވަނީ ކުލި ކުޑަކުރަން ނިންމައިފިނަމަ ރާއްޖޭގެ އިގުތިސޯދަށް އަތުވެދާނެ ނުރަނގަޅު އަސަރުތަކާބެހޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެގޮތުން ބިލާ ބެހޭގޮތުން ކަމާގުޅުންހުރި ދާއިރާތަކުގެ އިސް ފަރާތްތައް ހިމަނައިގެން ރައްޔިތުންގެ މަޖިލީހުގެ އިގުތިސޯދީ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި އެމްއެމްއޭގެ ގަވަރުނަރު ވިދާޅުވީ، މިދަނޑިވަޅުގައި ރާއްޖެއަށް ލިބެމުން އަންނަ އާމްދަނީ ދަށްވާފަދަ ކަމެއް ކޮށްފިނަމަ އަވައްޓެރި ސްރީލަންކާއަށް ދިމާވިފަދަ ގޮތްތަކެއް ރާއްޖެއަށް ދިމާވެދާނެ ކަމަށެވެ.

އަލީ ހާޝިމް ވިދާޅުވީ، މިދުވަސްކޮޅަށް ބަލައި އަވައްޓެރި ގައުމަކުން (ލަންކާ) ވެސް ގެނައި މިފަދަ ބަދަލުތަކާ ގުޅިގެން އިގުތިސާދު އިންތިހާއަށް ދަށްވެ، އައިއެމްއެފްއާ ހަމައަށް ދާންޖެހިފައިވާ ކަމަށެވެ. އަދި ރަޝިޔާ، ޔޫކްރެއިން ގެ ހަނގުރާމައާ ގުޅިގެން މުޅި ދުނިޔޭގެ އިގުތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި ރާއްޖެއަށް ލިބެމުންދާ އާމްދަނީ އަށް ހުރަސް އެޅޭފަދަ ކަންކަން ކުރުން ރަނގަޅު ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އަސްމާ ޝަފީއު ކޮމިޓީގައި އިއްޔެ ވިދާޅުވީ، ރިސޯޓުތަކުގެ ކުލި ކުޑަކުރުމަށް ގެންނަ އިސްލާހުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީން 590 މިލިއަން ރުފިޔާ މަދުވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ރިޒާވް ލޭންޑް ރެންޓްގެ ގޮތުގައި އާއްމުކޮށް 1.6 ބިލިއަން ރުފިޔާ މިހާރު ލިބޭ އިރު، އެ އިސްލާހުގެ ސަބަބުން ގާތްގަނޑަކަށް 590 މިލިއަން ރުފިޔާގެ އާމްދަނީ ދަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އޭގެ އިތުރުން އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނީގެ ދަތިކަން ކުރިމަތިވެދާނެ ކަމަށް އެމެރިކާގެ އިންވެސްޓްމަންޓް ބޭންކް ޖޭޕީމޯގަންގެ ތަހުލީލުވެރިން ވެސް ވަނީ އިންޒާރު ދީފައެވެ.

އެގޮތަށް އިންޒާރު ދީފައި ވަނީ، ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކް ކަމަށްވާ ޖޭޕީ މޯގަން އިން ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ އިގުތިސޯދަށް އަންނާނެ ބަދަލުތަކާ ބެހޭގޮތުން ކުރި ދިރާސާ ރިޕޯޓެއްގައެވެ.

މިނިމަމް ވޭޖު ނުވަތަ އެންމެ ކުޑަ އުޖޫރަ ދޭން ފެށުމާ ގުޅިގެން މާލީ ގޮތުން ރިސޯޓުތަކަށް ކުރާ އަސަރު ކުޑަކޮށްދިނުމަށްޓަކައި ރާއްޖޭގެ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލުގައި، ތ، ލ، ގއ، ގދ. އަތޮޅުގެ 200،000 އަކަމީޓަރަށް ވުރެ ކުޑަ ބިންތަކަށް އަކަމީޓަރަކަށް ފަސް ޑޮލަރާއި 750،000 ޑޮލަރާ ހަމައަށް ކުޑަކުރަން ވަނީ ހިމަނައިފައެވެ. މިހާރު މި ކެޓަގަރީގައި ހިމެނެނީ ހަ ޑޮލަރާއި 750،000 ޑޮލަރާ ދެމެދުގެ އަދަދެކެވެ.

އޭގެ އިތުރުން ނ، ރ، ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ، އަތޮޅުގެ 200،000 އަކަމީޓަރަށް ވުރެ ކުޑަ ބިންތަކަށް އަކަމީޓަރަކަށް ހަ ޑޮލަރާއި 750،000 ޑޮލަރާ ހަމައަށް ކުޑަކުރަން ވަނީ ހިމަނައިފައެވެ. މިހާރު މި ކެޓަގަރީއަށް ކަނޑައަޅާފައިވަނީ އަށް ޑޮލަރާއި އެއް މިލިއަން ޑޮލަރާ ދެމެދުގެ އަދަދެކެވެ. އަދި 400،000 އަކަމީޓަރަށް ވުރެ ކުޑަ ބިންތަކަށް އަހަރަކަށް ކަނޑައަޅާފައި އޮތް 1.5 މިލިއަން ޑޮލަރު، 1.1 މިލިއަން ޑޮލަރަށް ކުޑަ ކުރުމަށާއި، 400،000 އަކަމީޓަރަށް ވުރެ ބޮޑެތި ބިންތަކަށް އަހަރަކަށް ދެ މިލިއަން ޑޮލަރު ކަނޑައަޅާފައިވާ އިރު، އެ އަދަދު 1.5 މިލިއަން ޑޮލަރަށް ކުޑަކުރަންވެސް ބިލުގައި ހިމަނާފައިވެއެވެ.